އޭންޖަލް ހެކްގެ އެއްވަނަ އަށް "ޓީމް ސްޓޭލައިޓް"

ދިރާގާއި އެމްއެމްއޭ އަދި ސްޕާކް ހަބް ގުޅިގެން ކުރިއަށް ގެންދިޔަ އޭންޖަލް ހެކްގް ދެވަނަ ހެކަތޯން ޓީމް ސްޓޭލައިޓުން ކާމިޔާބުކޮށްފި އެވެ.


ސްޓޭލައިޓުން މި ހެކަތޯން ކާމިޔާބުކޮށްފައި ވަނީ އެކޮމޮޑޭޝަން ހަމަޖެއްސުމަށް އިންސްޓޯލްމެންޓް ކޮށް ފައިސާ ދައްކާ މޮޑެލެއްގެ ޕްރޮޓޯޓައިޕެއް ހަދައިގެންނެވެ.

މި ހެކަތޯންއިން އެއްވަނަ އަށް ދިއުމާ ގުޅިގެން ޓީމް ސްޓޭލައިޓަށް މިހާރު ވަނީ ބައިނަލަގްވާމީ ވާޗުއަލް ޕްރި އެކްސަލަރޭޓާ ޕްރޮގްރާމް، ހެކްސެލެރޭޓާގައި ބައިވެރިވުމުގެ ފުރުސަތު ލިބިފަ އެވެ. މި ހެކްސަލަރޭޓާގައި ބައިވެރިވާ ފަރާތްތަކަށް އެމެރިކާގެ ސެން ފްރެންސިސްކޯގެ ސިލިކޮން ވެލީން ބައިނަލްއަގުވާމީ މެންޓަރުންގެ އެހީ ލިބި، ޕްރޮޖެކްޓުތަކާއި ހިޔާލުތައް ރަނގަޅު ފެންވަރުގެ ސްޓާޓްއަޕް ކުންފުނިތަކަށް ބަދަލުކުރުމަށް މަގުފަހިވެގެންދާނެ އެވެ.

އޭންޖަލް ހެކް ހެކަތޯންގެ ތެރެއިން-- ފޮޓޯ: ދިރާގު

ޓީމް ސްޓޭލައިޓުން ބުުނީ އިންސްޓޯލްމަންޓް ޕޭމަންޓް ޕްރޮޓޯޓައިޕްގެ މަސައްކަތަކީ އެ ޓީމުން ވަރަށް ކުރިން ފެށިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި އޭންޖަލް ހެކްގެ ސަބަބުން މުޅި ދުނިޔެއަށް އެ ޕްރޮޓޯޓައިޕް ދައްކާލައި އެ ޓީމުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ޓީމް ސްޓޭލައިޓުން ބުންޏެވެ.

އޭންޖަލް ހެކްގެ ދެވަނަ ހެކަތޯންގައި 10 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މިއީ ދިވެހި ޒުވާނުންގެ މެދުގައި ސްޓާޓަޕް ކަލްޗާ އަށަގަނުވައި، އިނޮވޭޓިވް ޑިޖިޓަލް ސޮލިއުޝަންތައް ހޯދުމަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ދިރާގާއި، އެމްއެމްއޭ އަދި ސްޕާކް ހަބް ގުޅިިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.