އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އީއައިބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

ސަރުކާރުން ހިންގާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އިން 50.65 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) ގެ ލޯނެއްދީފި އެވެ.


ސަރުކާރުގެ ފަރާތުން މި ލޯނު އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އީއައިބީގެ ފަރާތުން ވައިސް ޕްރެޒިޑެންޑް އެންޑްރިއު މެކްޑަވެލް ވަނީ ސޮއިކުރައްވައިފަ އެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ވެސް އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް 45 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގައި އީއައިބީއާ އެކު ސޮއިކުރި އެވެ. އެއީ 18 އަހަރުން އަދާކުރާ ގޮތަށް 3.3 ޕަސެންޓު އިންޓްރެސްޓް ރޭޓުގަ އެވެ.

އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) ގެ ހަތަރު ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން މި ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު މިނިސްޓަރު އަމީރު ވަނީ މި ބައްދަލުވުމުގައި ވާހަކަދައްކަވާފަ އެވެ. އެގޮތުން "ޑިޖިޓަލް ކަނެކްޓިވިޓީ" ސެމިނާއެއްގައި ބައިވެރިވެ، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމަކަށް ޖިޑިޓަލް ހިދުމަތްތައް ދިނުމުގައި ހުރި ދަތިތައް ހިއްސާކުރެއްވި އެވެ.

ލަގްޒަމްބާގުގައި އޮތް މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރުގެ އިތުރުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެ ވަޑައިގަތެވެ.

މިއަހަރުގެ ބައްދަލުވުމުގެ ތީމަކީ ކޯޕަރޭޝަން އެންޑް ކަނެކްޓިވިޓީ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވި މި ބައްދަލުވުމުގައި ގަވަރުނަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަމިއްލަ ކުންފުނިތަކާއި ގައުމުތަކުގެ އިސްވެރިން ހިމެނެ އެވެ.