ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް ނަޝީދާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ޓޫރިޒަމް ދާއިރާގެ އިސް ބައެއް ބޭފުޅުން---ފޮޓޯ: ރައީސް އޮފީސް
30 ޖުލައި 2019 - 14:16
ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލާ ޓޫރިޒަމް ދާއިރާގެ މާސްޓާ ޕްލޭންގެ މަސައްކަތް ހަ މަސް ތެރޭގައި ނިންމާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.
ފަސް އަހަރަށް އެކުލަވައިލާ ޓޫރިޒަމް ދާއިރާގެ މާސްޓާ ޕްލޭންގެ މަސައްކަތް އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، އެކަން ކުރާނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ތަޖުރިބާކާރުންގެ ހިޔާލާއި މަޝްވަރާއާ އެކު ކަމަށެވެ.
"މި މާސްޓާ ޕްލޭން އެކުލަވައިލާނީ މާ މޮޅު ބޭރު މީހެއް ހޯދައިގެނެއް ނޫން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބައެއް ބާނީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ކުރީކޮޅު މާސްޓާ ޕްލޭން އިފްތިތާހު ކުރާނެ އެވެ. އޭގެ ނަތީޖާ އަކީ ޓޫރިޒަމް ދާއިރާގައި ހުރި މައްސަލަތަކަށް ޖުމްލަ ހައްލެއް ލިބުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި މި ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށްޓަކައި ކުރިއަށް ދާންވީ އުސޫލުތައް، ސިޔާސީ އެއްވެސް މަގްސަދެއް ނެތި އެކުލަވައިލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމަކީ ހުރިހާ އެންމެންގެ ސިނާއަތެއް ކަމަށާއި އެއްވެސް މީހެއްގެ ސިޔާސީ ފިކުރަކަށް ނުވަތަ ރިސޯޓަކަށް ނުބައްލަވާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް/މިހާރު
އަދި ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީގައި އަންހެނުން ހިއްސާވާ މިންވަރަކީ އެންމެ ހަތް ޕަސެންޓް ކަމަށެވެ. ދިވެހި އަންހެނުންނަކީ ފިރިހެނުންނަށް ދޫނުކުރާ ހުނަރުވެރި ގާބިލް ބައެއް ކަމަށް ވާއިރު، މި ސަރުކާރުގެ ފަސް އަހަރު ނިމޭ އިރު، ޓޫރިޒަމް ސިނާއަތުގައި މިހާރު މަސައްކަތް ކުރާ އަންހެނުންގެ ނިސްބަތް ހަތް ޕަސެންޓު މަތި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، ސީއެސްއާރުގެ ތެރެއިން، ރިޔާސީ ރަށް "އާ ރަށު" ގައި ބޮޑެތި "ގަނޑުވަރު" އިމާރާތް ކޮށްފައި ހުރި ކަމަށެވެ. އަދި އެ ރަށުގައި ސީއެސްއާރްގެ ދަށުން މަސް ޓޭންކު ހަދާފައި ހުރި ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ އެ ވިދާޅުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެމްއެންޑީއެފް ސީއެސްއާރު ޕްރޮޖެކްޓްގެ ތެރެއިން ހެދި އިމާރާތްތަކަށެވެ.
ޓޫރިޒަމް މިނިސްޓަރު ރޭ ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުގައި ހުރީ އެއް މިލިއަން ރުފިޔާ ކަމަށާއި އެކަމަކު މިދިޔަ އަށް ވަރަކަށް މަސް ތެރޭގައި އެ އަދަދު ހަތަރު ގުނަ އަށް ބޮޑުކޮށްފައިވާ ކަމަށެވެ.
އެ މިނިސްޓްރީގެ ޓްރަސްޓް ފަންޑުގައި މިހާރު ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުންނާނެ އެވެ.
"މިހާރަކު މިނިސްޓަރުންގެ ޖީބަށް ނުވަތަ ސްޓޭޓް މިނިސްޓަރުން ބުނާ އެކައުންޓަކަށް ޖަމާކުރާ އުސޫލެއް ނޯންނާނެ. އެ ކަންކަން ވަޅުލެވިއްޖެ،" އަލީ ވަހީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
30 July 2019
ކަލޭމެން ވެރިކަމަށް އަންނަން ދެއްކީ ކޮން ޕްލޭނެއް. މިހާ މަކަރުވެރި ބަޔަކު ނުދެކެން
ޝޮކްތެރަޕީ
30 July 2019
މިހާރުވެސް މިދާއިރަޢިން މިފެންނަނީ ޔާމިން ކުރިކަންތަ.
ނޯލީޑަރޝިޕް
30 July 2019
އަމީކޯ ތީ 6 މަހުނަ ކުރެވޭނެ ކަމެއނޫން. އެއަށްވުރެ ބޮޑު ބިޔަ ކޮންމެ އަހަރުކު އޭގެ ޒާތުގަ ބަދަލުވާ 21 ގަރުނުގެ އިންޑަސްޓރީއެއް. ދެންލާހޫރެނީ ހަމަ ފަންނީ އިލްމު ނެތީމަ.
އަޝްރަފު
30 July 2019
ތިޔަ މިނިސްޓްރީއަށް ފޮނުވާ ސިޓީ ތަކަށް ޖަވާބް ދީބަލަ، ހެޔޮނުވާނެ!
ހުސޭން
30 July 2019
ކަޓު ނުނެގޭގޮތަށް ތި މާސްޓަޕުލޭން ތައްޔާރުކުރާތި.