ޓްރީޓޮޕުން ހިދުމަތް ހޯދާ ފަރާތްތަކަށް ހިލޭ ދަތުރުގެ ހިދުމަތް ދެނީ!

ޓްރީޓޮޕް ހޮޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށް މާލެއިން ހުޅުމާލެ އަށް ހިލޭ ދަތުރުގެ ހިދުމަތް ހަމަޖައްސައިފި އެވެ.


އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަށާ މި ދަތުރުތަކުގައި މާލެއިން ޓްރީޓޮޕް ހޮސްޕިޓަލަށް ދާ ބަލިމީހާ އަށާއި އެހީތެރިއަކަށް ހިލޭ ދަތުރު ކުރެވޭނެ އެވެ. މިއީ އެ ހޮސްޕިޓަލުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ދޭން ފަށާ ހިދުމަތެކެވެ.

ޓްރީޓޮޕުން ބުނީ މި ހިދުމަތް ފެށުމާއެކު އެ ހޮސްޕިޓަަލަށް މާލެއިން ދާ ފަރާތްތަކަށް ލުއި ވާނެ ކަމަށެވެ. އެގޮތުން ކުރިން ބަހުގައި ނުވަތަ ކާރުގައި ދަތުރު ކުރަން ޖެހުމުން އިތުރަށް ހަރަދުކުރަން ޖެހުނު ނަމަވެސް މިހާރު އެކަމަށް ހައްލު ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީޓޮޕުން ދޭ ގެސްޓް ޓްރާންސްފާގެ ހިދުމަތް ހޯދުމަށް ޖާގަ ބުކް ކުރުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ހަމަޖެހުމާ އެކު ލިބޭނެ އެވެ. ބުކް ކުރެވުނު ކަމުގެ ކޮންފަމޭޝަން ކޯޑު ޑްރައިވަރަށް ދައްކާލުމުން އެ މީހަކަށާއި އެހީތެރިއަކަށް ދަތުރުގެ ހިދުމަތް ލިބޭނެ އެވެ.

މި ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް ހަމަޖެހިފައި ވަނީ މާލޭ ޓޯޔާޑު ކައިރިންނެވެ. މި ހިދުމަތް ހޯދާ ފަރާތްތަކަށް މާލެ ގެންގޮސްދިނުން ވެސް ވަނީ ހަމަޖެހިފަ އެވެ. މި ހިދުމަތް ލިބޭނީ ހެނދުނު 8:30 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށެވެ.