އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބޯޑު މެންބަރުން: ނިޝާން އަލީ/މިހާރު
31 ޖުލައި 2019 - 11:44
މި އަހަރުގެ ފުރަތަމަ ހަ މަހު އެސްޓީއޯގެ އާމްދަނީ 4.7 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
އެސްޓީއޯ އިން އާންމުކޮށްފައިވާ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން މިއީ މިދިޔަ އަހަރަށް ވުރެ 286 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެ ކުންފުންޏަށް ލިބުނު އާމްދަނީ މައްޗަށް ދިޔައީ ވިއްކި ތެލާއި އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން އެސްޓީއޯ އިން ވިއްކި ތެލުގެ އަދަދު ވަނީ 2018 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 7.5 ޕަސެންޓް ކުރި އަރައިފަ އެވެ.
ފުރަތަމަ ހަ މަހު އެ ކުންފުންޏަށް 222 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 110 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެހެން ކަމުން އެސްޓީއޯ އަށް މިދިޔަ ހަ މަހުން އެކަނި ވަނީ މިދިޔަ އަހަރުގެ ޖުމްލަ ފައިދާގެ 88 ޕަސެންޓް ހާސިލް ކުރެވިފަ އެވެ.
މި އަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ދެވަނަ ކުއާޓާގައި ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގުތަކަށް ވަރަށް ހަލުއިކަމާ އެކު ބަދަލުތަކެއް އައި ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެއާ އެކު ތެލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރު ކުޑަކުރުމަށް އެސްޓީއޯ އިން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިދިޔަ ކުއާޓާގައި އެ ކުންފުނިން ތެލުގެ އަގު ދެ ފަހަރަށް ކުޑަކޮށްފައިވެ އެވެ.
ދެވަނަ ކުއާޓާގައި ކުންފުނީގެ އާމްދަނީއެކޭ އެއްފަދައިން ހިންގުމުގެ ހަރަދު ވެސް ވަނީ ބޮޑުވެފަ އެވެ. ދެވަނަ ކުއާޓާގެ ހަރަދު ބޮޑުވީ ރޯދަމަހުގެ އިނާޔަތާއި އަހަރީ ބޯނަސް ދިނުމުންނެވެ. ދެވަނަ ކުއާޓާގައި ފައިދާގެ ގޮތުގައި 97 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯ އަށް އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބުނު އިރު ފައިދާގެ ގޮތުގައި 103 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy