ޔުނިސެފާއި މަންތާއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން-- ފޮޓޯ: މަންތާ އެއާ
03 އޯގަސްޓް 2019 - 18:21
އޭވިއޭޝަން ދާއިރާ އިން ދިވެހި ޒުވާނުން ކުރިއަރުވަން ޔުނިސެފާއި މަންތާ އެއާއާ ދެމެދު އެއްބަސްވުމެއްގައި މިދިޔަ ބުރާސްފަތި ދުވަހު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން، އޭވިއޭޝަން ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ތައުލީމީ ގޮތުންނާއި އަމަލީ ގޮތުން ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮގްރާމް ފަށާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި 12 ޒުވާނުން އިންޓާންޝިޕް ނިންމާނެ ކަމަށް މަންތާ އިން ބުންޏެވެ.
މި ޕްރޮގްރާމުގައި ފްލައިޓާއި ގްރައުންޑް ހޭންޑްލިން އޮޕަރޭޝަންތަކާއި ސަލާމަތީ ކަންކަމުގެ އިތުރުން އެއާކްރާފްޓް އިންޖިނިއަރިން އާއި މާކެޓިން ކިޔަވައިދޭނެ އެވެ. މި ހުރިހާ ބައިތަކަކުން ވެސް ތަމްރީން ދޭނީ މަންތާ އެއާގެ ތަޖުރިބާކާރުންނެވެ. މިއީ އޭވިއޭޝަން ދާއިރާއަށް ހުނަރުވެރި އަދި ތަޖުރިބަކާރު ޒުވާނުން ނެރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މަންތާ އެއާގެ ސިއީއޯ މުހައްމަދު ޚަލީލް ވިދާޅުވީ ޒުވާނުން ކުރިއަރުވަން ޔުނިސެފުން ކުރަމުން އަންނަ މަސައްކަތްތަކުގައި ބައިވެރިވެވުމަކީ އެ އެއާލައިނަށް ލިބުނު އުފަލެއް ކަމަށެވެ. އޭވިއޭޝަން އިންޑަސްޓްރީގެ ކުރިއެރުމަށް ކުރެވެން ހުރި ހުރިހާ ކަމެއްގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޔުނިސެފާއި ގުޅިގެން މުޖުތަމައަށް މިފަދަ ކަމެއް ކޮށްދެވުމަކީ އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވުނު އިތުރު މައިލްސްޓޯންއެއް. ފެށުނީއްސުރެ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ މި ދާއިރާގެ ކުރިއެރުމަށް. އެހެންކަމުން ކުރިއަށް އޮތް ތާނގައި ވެސް އަޅުގަނޑުމެން މި މަސައްކަތުގައި ދެމި ތިބޭނަން. މިއީ ޔުނިސެފާއެކު ފެށުނު ވަރަށް ފުރިހަމަ ދަތުރެއްކަމަށް އަޅުގަނޑު ދެކެން،" ޚަލީލް ވިދާޅުވި އެވެ.
ޔުނިސެފާއި މަންތާއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ތަފާތު ކަންތައްތައް ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. މިގޮތުން ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތަކާއި ގުޅޭ މެގަޒިން ފްލައިޓުގައި ބެހެއްޓުމާއި ކުޑަކުދިންގެ ދުވަހާއި ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy