އިންވެސްޓް ކުރުމުގެ ކުރިން ބަލަންވީ ޕްރޮސްޕެކްޓަސް އަށް!

ކުންފުނިތަކުގައި އިންވެސްޓު ކުރުމަކީ ފަހަށް ރައްކާ ކުރުމަށް ނުވަތަ ދިގު މުއްދަތަކަށް ފައިދާ ހޯދުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެކެވެ. ނަމަވެސް ހިއްސާ އާއި ބޮންޑު ފަދަ ސެކިއުރިޓީތައް ގަތުމަކީ ފައިދާގެ އިތުރުން ގެއްލުން ވެސް އެކުލެވޭ ކަމަކަށް ވުމުން އިންވެސްޓް ކުރުމުގެ ކުރިން ކުންފުނިތަކުގެ ޕްރޮސްޕެކްޓަސް ބަލާލުމަކީ ވަރަށް މުހިންމު ކަމެކެވެ.


ޕްރޮސްޕެކްޓަސް ނުވަތަ ސެކިއުރިޓީޒް ބަޔާނަކީ ކުންފުނިތަކުގެ ވިޔަފާރި އާއި ވިޔަފާރީގެ ތެރޭގައި ހިމެނޭ ރިސްކުތަކާއި ކުނފުނީގެ މާލީ ހިސާބުތަކާއި ކުންފުންޏަށް ފައިދާވާ މިންވަރާއި ކުންފުނީގެ މުދަލާއި ދަރަނީގެ މިންވަރުގެ އިތުރުން ހިއްސާ އާއި ބޮންޑުން ލިބޭ ފައިސާއިން ކުރަން ރާވާފައިވާ ކަންތައްތަކާއި ބޯޑާއި މެނޭޖްމަންޓުގެ މައުލޫމާތު އެކުލަވާލާ ކޮންމެ ކުންފުންޏަކުން ވެސް ނެރޭ ރިޕޯޓެކެވެ. މިއީ ޕްރޮސްޕެކްޓަސްއާ ބެހޭ ގަވާއިދުގެ ދަށުން ނެރެން ޖެހޭ ރިޕޯޓެކެވެ.

ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޮރިޓީ (ސީއެމްޑީއޭ) އިން ހާމަކުރާ ގޮތުގައި ހިއްސާ ނުވަތަ ބޮންޑު ގަންނަ ކަމުގައިވާ ނަމަ ޕްރޮސްޕެކްޓަސްގެ އިތުރުން އެހެން ކަންތައްތަކަށް ވެސް ބަލަން ޖެހޭނެ އެވެ. އެގޮތުން ޕްރޮސްޕެކްޓަސްގައި ނުހިމެނޭ ކަމެއްގައި މައުލޫމާތު ސާފުކުރަން ބޭނުން ކަމުގައިވާ ނަމަ ކުންފުންޏަށް ގުޅައިގެން އެ މައުލޫމާތު ހޯދުމުގެ ހައްގު އިންވެސްޓަރުންނަށް ލިބިގެން ވެއެވެ.

ޕްރޮސްޕެކްޓަސްގައި ހިމަނާފައިވާ މައުލޫމާތުގެ އިތުރުން ތަޖުރިބާކާރެއްގެ ލަފާ ހޯދަން ބޭނުން ނަމަ އެކަން ވެސް އިންވެސްޓަރުންނަށް ކުރެވިދާނެ އެވެ. މީގެ އިތުރުން ނޫސް މަޖައްލާތަކުންނާއި ކުންފުނިތަކުން ނެރޭ ރިޕޯޓުތަކުގެ ދިރާސާ ވެސް ކުރެވިދާނެ އެވެ. އެގޮތުން ކުންފުނިތަކުގެ ގަވާއިދުތަކާއި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސީއެމްޑީއޭއާ ގުޅައިގެން އޮޅުންފިލުވުމުގެ ހައްގު އިންވެސްޓަރުންނަށް ލިބިގެންވެ އެވެ.

ކުންފުނިތަކުގެ ހިއްސާ އާއި ބޮންޑު ގަތުމާއެކު އެ އިންވެސްޓަރަކަށް ހާއްސަ ހައްގުތަކެއް ލިބެ އެވެ. މި ހައްގުތައް ދެނެގަތުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކުންފުނީގެ މިލްކުވެރިކަމުގައި ބައިވެރިވުމާއި، މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރުމުގެ އިޚްތިޔާރާއި، މުހިންމު ނިންމުންތަކުގައި ވޯޓުދިނުމާއި، ކުންފުނީގެ ފައިދާ ހައްގުވުމާއި، ކުންފުނީގެ މައުލޫމާތު ލިބުން ފަދަ ހައްގުތަކަކީ ގާނޫނީ ގޮތުން އިންވެސްޓަރުންނަށް ލިބިދޭ އަސާސީ ހައްގުތަކެކެވެ.

މި ހައްގުތަކުގެ ތެރެއިން އެއްވެސް ހައްގެއް ނުލިބޭ ކަމުގައިވާނަމަ ސީއެމްޑީއޭ އަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް އިންވެސްޓަރުންނަށް ލިބިގެން ވެއެވެ.