07 އޯގަސްޓް 2019 - 14:53
ޝައްކު ކުރެވޭ ޓްރާންސެކްޝަންގެ މައުލޫމާތު ބޭންކް އޮފް މޯލްޑިވްސް އިން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް އެންގީ ފައިސާ ޑިޕޮސިޓް ކުރުމަށް ފަހު، އެ ފައިސާ ނަގަން ދިއުމުން ކަމަށް އެމްއެމްއޭގެ ކުރީގެ އެސިސްޓެންޓް ގަވަރުނަރު އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދު ވިދާޅުވެއްޖެ އެވެ.
މިއަދު މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ނީޒާ ވިދާޅުވީ، 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު 25 ދުވަހު ޑިޕޮސިޓް ކުރި ނަމަވެސް، އެކަން އެފްއައިޔޫ އަށް އަންގާފައިވަނީ އޭގެ ދެ ދުވަސް ފަހުން އެ ފައިސާ ނަގަން ދިއުމުން ކަމަށެވެ.
އެކަމަކު ޝައްކު ކުރެވޭ ފަދަ މުއާމަލާތެއް ހިނގާ ކޮންމެ ވަގުތަކު އެ މައުލޫމާތެއް އެފްއައިޔޫއާ ހިއްސާކުރަންޖެހެ އެވެ. އޭގެ ތެރޭގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުން ވެސް ހިމެނެ އެވެ.
"އަޝްރަފް [އެފްއައިޔޫގެ ހެޑް] ވިދާޅުވި އަޅުގަނޑު ކައިރީގައި، [2014 ނޮވެމްބަރު] 25 ވަނަ ދުވަހު ފައިސާ ޑިޕޮސިޓް ކުރަން އައިމަ، ޑިޕޮސިޓްކޮށް ނިންމައިފައި، ފައިސާ ބަލައި އައިމަ (ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް) އެސްޑީއާރް ފައިލް ކުރީ،" އޭނާ ވިދާޅުވި އެވެ.
މަނީ ލޯންޑަރިންނަށް ޝައްކު ކުރެވޭ ފައިސާ ޖަމާކުރުމަށް ދާ ވަގުތަކީ އެންމެ މުހިއްމު ވަގުތު ކަމަށާއި އެއީ ބޭންކުތަކަށް ނުރަނގަޅު ފައިސާ ވަންނަ ވަގުތު ކަމަށެވެ.
"އޭތި [ބޭންކުން] ނެރޭ ވަގުތެއް ނޫން [މުހިންމީ]. އޭތި [އެ ފައިސާ] އޮތީ މިހާރު ވައްދައިފައި. އެ މީހުން މި ފައިސާ ނަގަން އައިމަ އެފްއައިޔޫ އަށް ރިޕޯޓް ކުރަނީ އެއީ ޝައްކުކުރެވޭ މުއާމަލާތެކޭ،" އޭނާ ވިދާޅުވި އެވެ.
ނީޒާ ވިދާޅުވީ، އެންމެ އެސްޓީއާރެއް ފޮނުވާފައި ޒިންމާ ނިމުނީ ނޫން ކަމަށާއި ކޮންމެ ޝަކުކުރެވޭ މުއާމަލާތެއްގެ މައުލޫމާތު ވެސް ރިޕޯޓް ކުރަންޖެހޭނެ ކަމަށެވެ.
ނީޒާ ވިދާޅުވީ، ޝައްކު ކުރެވޭ މުއާމަލާތެއްގެ މައުލޫމާތު ލިބުމުން އެކަން ބަލައި، ތަހުގީގީ އިދާރާތަކަށް އެ މައުލޫމާތު ފޮނުވަން ޖެހޭ ކަމަށެވެ. އޭރު އެފްއައިޔޫގެ ކަންކަމާ ހަވާލުވެ ހުރި މީހެއްގެ ހައިސިއްޔަތުން އެ މައްސަލަ އެނަލައިޒްކޮށް ބެލުމަށް އިސް މުވައްޒަފެއްގެ ގޮތުގައި ހުންނެވި އަބްދުﷲ އަޝްރަފަށް އެންގެވި ކަމަށް ވިދާޅުވި އެވެ.
އެފްއައިޔޫއާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގަތީ، އެތަނުގެ ވެރިޔާ ޗުއްޓީއެއްގައި ހުންނެވި ދުވަސްވަރު ކަމަށާއި އެފްއައިޔޫގެ އޭރުގެ ވެރިޔާ އާތިފް ޝަކޫރު އޮފީހަށް އެނބުރި ނުކުންނަވަން ފެއްޓެވުމުން އެ މައްސަލަ އިތުރަށް ގޮސްފައި އޮތް ހިސާބު ބައްލަވާފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނީޒާ ވިދާޅުވި ގޮތުގައި އޭނާ އެފްއައިޔޫގެ ހިންގެވުމާ ހަވާލުވެ ހުންނެވީ ދެ ހަފްތާއެއްހާ ދުވަހަށެވެ.
އޭނާ ވިދާޅުވީ، މިކަން ހިނގި ފަހުން 2016 ވަނަ އަހަރު ތަހުގީގީ އިދާރާއަކުން ބީއެމްއެލް އަށް ވަން ކަމަށާއި އެކަމާ ގުޅިގެން އޭރު ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއާ އެކު އޭރުގެ ގަވަރުނަރު އަޒީމާ އާދަމް ބައްދަލު ކުރެއްވި އެވެ.
"މީޓިން ނިމިގެން އަޅުގަނޑު ކައިރީގައި އަޒީމާ ވިދާޅުވި، އެންޑޫ ހީލީ ވިދާޅުވިއޭ ޝަރީފު (ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު) އީމެއިލެއް ކުރައްވާފައި ވެއޭ މި ފައިސާ (އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ބެލެވޭ ފައިސާ) ދޫކުރުމަށް ނީޒާ އެންގެވި ކަމަށް،" އޭނާ ވިދާޅުވި އެވެ.
މިކަން އެހެން ނުހިނގާ ކަމަށް އޭރުގެ ގަވަރުނަރަށް ދެންނެވި ކަަމަށް އޭނާ ވިދާޅުވި އެވެ. ނީޒާ ވިދާޅުވީ، ޓްރާންސެކްޝަނާ ގުޅޭ މުއާމަލާތް ހިނގި ދުވަސްވަރު ޝަރީފާ ވާހަކަދެއްކެވީ އެފްއައިޔޫގެ އޭރުގެ މުވައްޒަފު އަޝްރަފުގެ ހާޒިރުގައި ކަމަށެވެ. އަދި ޝަރީފަށް ހަމައެކަނި ދެންނެވީ، އޮންނަ އުސޫލުގެ ތެރެއިން އަމަލުކުރުމަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިކަން އަޝްރަފަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށެވެ.
މިދިޔަ މަހު މާލިއްޔަތު ކޮމިޓީ އަށް ބީއެމްއެލްގެ މުވައްޒަފުން ވެސް ހާޒިރުކުރި އެވެ. ބޭންކުގެ އިންޓެރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވަނީ އެކައުންޓްތައް ދޫކޮށްލުމަށް އާތިފާއި ނީޒާ ވެސް އިރުޝާދު ދެއްވި ކަމަށް ވިދާޅުވެފަ އެވެ.
ނީޒާ ވިދާޅުވީ، އެފްއައިޔޫއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިރު ޔާމީނާ އެއްވެސް މުއާމަލާތެއް ހިންގަވާފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ބޭންކެއްގެ އެކައުންޓް އެކްޓިވޭޓްކޮށް ޑީއެކްޓިވޭޓް ކުރުމުގެ ބާރެއް އެމްއެމްއޭ އަށް ނޯންނަ ކަމަށާއި އެމްއެމްއޭ އަށް އޮންނަ ހަމައެކަނި ބާރަކީ ކޯޓު އަމުރެއްގެ ދަށުން އެކައުންޓެއް ފްރީޒްކޮށް އަންފްރީޒް ކުރުމުގެ ބާރު ކަމަށެވެ.
އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގައި ހުންނެވި އިރު އޭނާ ބެލެހެއްޓެވީ ބޭންކް ސުޕަވިޝަން މަސައްކަތްތައް ކަމަށާއި އެ މަގާމުގައި ހުންނަވައި ބޭންކްތަކުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވި ކަމަށް ވެސް ނީޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެފްއައިޔޫއާ ހަވާލުވެވަޑައިގެން ހުންނެވި ދުވަސްވަރު، އެފްއައިޔޫގެ ޖަލްސާއެއްގައި ބައިވެރިވެފައި ނޯންނާނެ ކަމަށެވެ. ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއާ އެކު ބައްދަލުކުރައްވާފައި ވާނީ ނިޒާ ވިދާޅުވި ގޮތުގައި ބޭންކް ސުޕަވިޝަން ކަންކަމުގައި އެކަންޏެވެ. އަދި އެފްއައިޔޫގެ އެއްވެސް ކަމެއްގައި ބައްދަލު ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، ޑޮކިއުމެންޓްތަކަށް ބެލުމުން ނީޒާ ދެއްކެވި ވާހަކަތައް ދިމާވާ ކަމަށެވެ. އަދި ވިދާޅުވީ ކަން ހިނގާދިޔަ ގޮތަށް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހޯދާފައިވާ ލިޔެކިޔުންތަކުން އެނގޭ 59 މިލިއަން ރުފިޔާ ޖަމާކުރީ 25 ނޮވެމްބަރު 2014 ކަން،" ޝަރީފު ވިދާޅުވި އެވެ.
ބޭންކްތަކުގެ އެކައުންޓްތައް ޑީއެކްޓިވޭޓް ކުރުމުގެ ބާރެއް ނެތް ކަމަށް ވިދާޅުވި އިރު އެކަމާ ބޭންކްގެ މުވައްޒަފަކު ސުވާލު ކުރުމުން ޖަވާބެއް ދެއްވާފައިވޭތޯ ޝަރީފު ނީޒާއާ ސުވާލުކުރެއްވި އެވެ.
ޖަވާބުގައި ނީޒާ ވިދާޅުވީ، އެއީ އެމްއެމްއޭ އަށް އޮތް ބާރެއް ނޫން ކަމަށާއި އެމްއެމްއޭ އަށް ހަމައެކަނި އޮންނާނީ އެކައުންޓެއް ފްރީޒްކޮށް އަން-ފްރީޒް ކުރުމުގެ ބާރު އެކަނި ކަަމަށެވެ. އޭރު އެފްއައިޔޫއާ ހަވާލުވެ ހުންނެވި އިރު، އެ އިދާރާ އަށް ވެސް އޮންނާނީ 72 ގަޑިއިރު ވަންދެން ޓްރާންސެކްޝަނެއް ހުއްޓުވުމުގެ ބާރު ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޓީގައި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު ވަނީ ކަންކަން ހިނގައިދިޔަ ގޮތް ސާފުވެއްޖެ ކަމަށާއި އެހެން ނަމަވެސް ބީއެމްއެލުން ހުށަހެޅި މައުލޫމާތުތަކާއި ނީޒާ ވިދާޅުވި މައުލޫމާތުތަކުގައި ފުށު އެރުންތަކެއް ވެސް ހުރި ކަމަށް ވިދާޅުވެފަ އެވެ.
އެފްއައިޔޫ އަކީ މުޅިން މިނިވަން ތަނެއް ނޫން ކަމަށް ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން ހިޔާނާތުގެ ފައިސާގެ މުއާމަލާތްތައް ހިނގަމުންދިޔަ އިރު އެމްއެމްއޭގެ ފަރާތުން އެއްވެސް ފިޔަވަޅެއް އެޅިތޯ ހުސައިން ސުވާލުކުރެއްވި އެވެ.
ނީޒާ ވިދާޅުވީ، އެފްއައިޔޫގެ އެއްވެސް މައްސަލައަކާ ގުޅިގެން އެމްއެމްއޭގެ ގަވަރުނަރު އެފްއައިޔޫގެ އެއްވެސް މައްސަލައެއް ބޯޑަށް ގެންދަވާފައިނުވާ ކަމަށެވެ. އަދި މެނޭޖްމަންޓުގައި ވެސް އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެފްއައިޔޫ ހިނގަނީ މިނިވަންކަމާ އެކު ކަމަށާއި އެފްއައިޔޫގެ ވެރިމީހާ ގަވަރުނަރު ނެގި ނަމަވެސް އެތަނުން ނިންމާ ނިންމުންތަކަކީ މިނިވަންކަމާ އެކު ނިންމާނެ ކަންކަން ކަމަށެވެ.
"ހަމަގައިމު ވެސް އަޅުގަނޑު އެމްއެމްއޭގައި މަސައްކަތް ކުރި އިރު އޭރު މަސައްކަތް ކުރީ މިނިވަންކަމާ އެކު،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޮއްޔިބު
09 August 2019
ދެން ތިހެންވީ އިރު ކޮބާތޯ ގަވަރނިންގ ބޮޑީގެ ގޮތުނެ އެޅުނު ފިޔަވަޅު.
ނަޖުދާ
07 August 2019
ބީއެމްއެލުން ޝަރީފާއި، ޔާމީނު ރައްޔިތުންގެ މަޖްލީހުގެ ކޮމެޓީގައި ކަނޑައެޅީގެން ދޮގުހަދާފައި، މާ ސާފު ބަޔަކަށް ވާންވެގެން، ކަންކަން ސިއްރުކޮށް، ދައުލަތުގެ މުއައްސަސާތަކަށް މައުލޫމާތުނުދޭންވެގެން އަމިއްލައަށް ކޯޓަށް ގޮސް، މިވަރު މިވަނީ ކުރެވިފައިވާ ބޮޑެތި ޖިނާއީ ކުއްތަކުން ރެކި ފިލުމުގެ ބޭނުމުގައި، މި މީހުން ރާއްޖެ ދޫކޮށް ފިލުމުގެ ކުރީން ޕާސްޕޯޓު ހިފެހެއްޓުމަށް ގޮވާލަން. އަދި ފުލުހުން ތަހުގީގު ހިންގަންޖެހޭ.
އެމްސް
07 August 2019
އެކައުންޓަކަށް ފައިސާ ޑިޕޮސިޓްކޮށް/ވިތުޑްރޯކުރުމީ ކުށެއްނޫން! ފަހަކަށް އައިސް ބީއެމްއެލްގަ އެކައުންޓެއް އޮޕެރޭޓްކުރަންވެސް ވަރަށް އުނދަގޫވެއްޖެ! ޑިޕޮސިޓް ސްލިޕްގަ ހުންނަ މަޢުލޫމާތުން އެކަނިވެސް ހީވަނީ ބޭންކަކީ ވަގުންގެ ތަނެއްހެން! ލޯކަލްބޭންކިންގ ސިސްޓަމަކީ ވަރަށް ފަސޭހަކޮށް އޮންނަންވީ ކަމެއް، ހަރުކަށިވާންވީ އިންޓަރނޭޝަނަލް ޓްރާންސެކްޝަންސްތަކަށް! މުޅިޤައުމު ޝަރުޢީކޯޓަކަށްވުމީ އެތަނެއްގެ ދިރިއުޅުން ނުތަނަވަސްވާނޭ ކަމެއް! މާލީދާއިރާ ޒަމާނަށްފެތޭ!
ނީޒާ
07 August 2019
ޝަރީފް ދެން އިސްތިއުފާދޭންވީނުން
ދޮންމަނިކު
07 August 2019
ބޭންކް އޮފް މޯލްޑިއުސް އާއި އެމް.އެމް.އޭ އާއި ދެމެދު މިދެކެވޭ ވާހަކަތަކުގެ ހަގީގަތް ހޯދަން ކުރަންޖެހޭ ހާވެސް ކަމަކީ ކުރީގެ ނައިބު ރައީސް އަދި މި ކޮރަޕްޝަންގެ މޭސްތިރި އަދީބު ކައިރިން އަހާލަންވީ. އެބޭފުޅާ އެހުންނެވީ ތިހުރިހާ ވާހަކައެއް ކިޔައިދޭ ގޮތަށް. މީހަކު ކަޖިލިހަށް ހާޒިރު ކުރަންޏާ އަދީބު ހާޒިރު ކޮށްބަލަ! ނުކެރޭނެ! މާ ގިނަމީހުން ބޭޒާރު ވާނެ. ވ.ސަލާމް
އަހްމަދު
08 August 2019
އަދީބު ހާޒިރު ކުރަން ކެރޭ ބައެއް މަޖިލީހަކު ނުތިބޭނެ. އެމް.ޑީ.ޕ. ޕ.ޕ.އެ،މް. އަދި އެހެން ސިޔާސީ މީހުންނަށް ވެސް ބައި އެޅިފައި ހުންނާނެ ކަމަށް ވާތީ.
ވާލުސޮރު
07 August 2019
ހަމަ ގައިމުވެސް ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއެއް ގެއްލިފަވޭ، ބަޔަކު ބޭނުންކޮށް މުއްސަނދިވެފައިވެސްވޭ، މިހާރު އަދި ވާނުވާ ނޭންގުނަސް ދުވަހެއް އެބައޮތް
އަހުމަދު ނަޝީދު
07 August 2019
ނީޒާއެވެ.މަމީ ގަމާރެއް ނޫނެވެ.ބޭންކަށް މީހަކު ފައިސާ ޖަމާކުރަން ދިޔައީމަ ކައުންޓަރުން ފައިސާ ޖަމާކުރާއިރު ތިއީ ކޮންތާކުން ހޯދި ފައިސާއެއްތޯ ނާއަހާނެއެވެ.އެމީހުން ކުރާނެ ކަމަކީ އެކިޔާ "ނޯޔުއަރ ކަސްޓަމަރ"ފޯމުގައިވާ ގޮތަށް މަޢުލޫމާތުން ބޭންކަށް ލީފައިސާ ދިމާވޭތޯއެވެ.އަދި އިތުރަށް ސާފުކުރަން އޯނަރަށް ގުޅާނެއެވެ.ދެންއޮންނަނީ ޝައްކުވާނަމަ އެމް.އެމް.އޭ.އަށް ރިޕޯޓުކުރުމެވެ.ބާކީ ބައިގެންދަނީ ނީޒާމެންނެވެ.އަޅެ މީ ދޮގެކޭ ބުނެބަލާށެވެ.
ޣުއިއްޒު
07 August 2019
މީ މޮޔަޔަކު ކޮއްފަ އިން ކޮމެންޓެއް. ޖަމާކުރާ ސްލިޕްގައިވެސް އިނދޭ ފައިސާ އަކީ ކިހިނެއް ލިބުނު ފައިސާ އެއްކަން ލިޔަން.
ނަޝީދޫ
07 August 2019
ކޮން ނޯ ޔޯ ކަސްޓަމަރއެއް؟ ބަލަގަ މީރާގަ އޮންނަ ސަރުކާރުގެ އެކައުންޓަކަށް ވަންނަން އޮންނަ ފައިސާއެއް ނަސީދުގެ އެކައުންޓަށް ވަންނަންވީ ކީއްވޭ؟ އަދި ނޮން ނެގޯޝިއަބަލް ޖަހާފަ އޮއްވާ ވަނީ ކީއްވެ؟ ކަސްޓަމަރުން އެނގެއޭ. އެއީ އަލީ ބާބާ އާއި އޭނާ ވަށައިގެން އެބުރުނު 40 ވަގުންނޭ!.
މަމޮޅު
07 August 2019
ބީއެމްއެލް އިން އެވަގުތު ނަގަން ޖެހޭ ޒިންމާ ނުނެގީމާ ރައްޔަތުންނަށް ލިބުނު ގެއްލުން. އަދި އެނޫނަސް ބީއެމްއެލް އިން ހަށިފުއްޕާފައި ރައްޔަތުންގެ މަޖިލީހަށް ދޮގުހެދީ! އޭރު 86 ބިލިޔަން ރުފިޔާ ފެންފޮދަކާ ނުލާ ދިރުވާލަންދެން ބަޔަކަށް ދީގެން ތިބީ. އަދިވެސް ރައްޔަތުން އަތުން ނުސީދާކޮށް ފައިސާ ކަނީ. ޕޮސް ބޭނުންކުރީމާ 3 ޕަސެންޓު. ޗެކެއް ދޫކުރީމަ 1 ރުފިޔާ، ލޯނުގެ ނުނަގާއޮތްބަޔަށްވެސް އިންޓެރެސްޓް. އެތަނަށް ވަނީމާ ވަތްފީ. ހުރަސްކުރީމާ ހުރަސްފީ. ޗުކީ!
ވެބެލެން
07 August 2019
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ނީޒާ އައީ ކިހިނެއް.
ދީވާ
07 August 2019
އޭނަ ވަކިކޮށް 2004 އިން ފެށިގެން އިސްލާޙީ ހަރަކާތާއި އެމްޑީޕީގައި މެދު ނުކެނޑި ވޭތުވެދިޔަ 12 އަހަރު އުޅުނު ރަނގަޅު ޒުވާން ހަރުދަނާ ކުދިންނަށް ތިޔަ މަގާމު ދީފި ނަމަ މާ ރަނގަޅަށް ސަރުކާރު ހިނގާނެކަން އަޅެފަހެ އިބޫ ރައީސަށް ފަހުމް ނުވަނީ ވެރިކަމުގެ މަސްތުގައި ޖެހުނީ ހެއްޔެވެ؟؟
ގާބިލު
07 August 2019
އާން.. އެމްޑީޕީގެ މީހެއް ނޫންވީމާދޯ!. ކާކުތަ ހުއްޓޫ ރަނގަޅު މީހަކައު؟ މަޖިލީހުގަ އެކްޓިވިސްޓުން، ސަރުކާރުގެ މަގާމުތަކުގަ އެކްޓިވިސްޓުން، އެސް އޯ އީ ތަކުގައިވެސް ހަމަ އެ ރޮނގާލިފަތި. ހައުޑޫ ޔޫ ރަން އަ ކަންޓްރީ؟ އަންނި ކައިރީ ބުނެބަލަ ފުރަތަމަ އަނގަމަޑުންލައިގެން ހުންނާށޭ!
ހިތަދޫ މީހާ
07 August 2019
އެއްމެ ބޭފުޅުން ބައްލަވާތި މަޖިލީހުގައި އެކުޅޭ ޑްރާމާ ސީރީސް ނިމޭނެ އަދީބު އެބުނާ ރިޕޯޓެއް އާއްމު ކުރާ ހިސްާބުން. ޑްރާމާ ކުޅޭ ގިނަ ފަރާތްތަކަކީ މަންފާ ލިބުނު މީީހުންކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މީހުން. ރައްޔިތުން ބިކަވަނީ ތަރައްގީގެ ކަމެއް މިރާއްޖޭގައި ނުކުރޭ ކުރެވޭހާވެސް ކަމަކީ އެޖެންޑާ19 ޑްރާމާ ކުޅުން. #އެޖެންޑާ19 ޑްރާމާގެ ފަހު އެޕިސޯޑުތައް ވަރަށް ފައްކާވާނެ ކަމަށް ޕްރޮޑިއުސަރު އެބަބުނޭ. ސަސްޕެންސް ކްލައިމެކްސް ހަބޭސް.
ރަހަބެލި
07 August 2019
އެމް އެމް ޕީ އާރުސީގެ ފައިސާގެ ފޮނިމީރުކަން ލިބެންވީ ރައްޔަތުންނަށް: ބޯފެން، ނަރުދަމާ، ރަނގަޅު ބޭސްފަރުވާ، މުސާރާއިގެ ކުރިއެރުން، ދަތުރުފަތުރު، އަދިވެސް. މި ސިލްސިލާ ފެށުނީ ހަގީގަތުގައި އަންނި މިނިވަން ކުރަން ހުރިހާއެންމެން ހެދި ޑީލުން. ޖީބުފުރާލީ ގޯނީގަ ގެންގޮސް. ކަންކަމަށް ހައްލު ހޯދަންކަމަށްބުނެ މިހާރު މަޖީލީހަގަ އަދި ސަރުކާރުގެ މަތީފަޑީގައި ތިބި ބައެއް މީހުންނަށް އޭރު ފޮނިމީރުކަން ލިބި ހަރުމުދަލަށް- ހަޅަޕް ކަރްދިޔާ. ބިޗާރާ ރައްޔަތުމީހާ
އަޅެ
07 August 2019
މިހާރު ތިތަން ކޯޓަކަށް ބަދަލުވީތަ ؟