ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރަތަކުގައި ދިވެހި އުފެއްދުންތައް ވިއްކުމަށް ކުދި ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ އެ ކޯޕަރޭޝަނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގައި ފިހާރައެއް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.
މިއީ ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދުފަންތީގެ ސިޔާސަތުގެ ދަށުން ވިޔަފާރިތައް ކުރިއެރުވުމުގެ ބޭނުމުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބީސީސީން ކުރަން ނިންމި ކަމެކެވެ.
ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރު ދުނިޔެ އަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތަކަށްވާ އިރު އަންނަ މަހުގެ 3 ގެ ކުރިން ލިޔެކިޔުންތައް ހުށަހެޅުމަށް ބީސީސީން އެދެ އެވެ.
ބީސީސީ އުފައްދާފައިވަނީ 2017 ވަނަ އަހަރު އެވެ. ބީސީސީން އެންމެ ބޮޑު ހާއްސަކަމެއް ދެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށެވެ.