ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު
21 އޯގަސްޓް 2019 - 13:24
ރިސޯޓުގެ ގޮތުގައި ދޫކުރަން ބޭނުންވާ ރަށްތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އަށް އިކޮނޮމިކް ކައުންސިލްގެ ލަފާ ލިބިފައިވާ ކަމަށާއި އަމާޒަކީ އޮކްޓޫބަރު މަހުގެ ތެރޭ އެ ރަށްތަކުގެ މައުލޫމާތުތައް ހާމަކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ، ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ރަށްތަކުގެ އެންވަޔަރްމަންޓް އެސެސްމެންޓަކާއި ސޯޝިއޯ އިކޮނޮމިކް އެސެސްމެންޓެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
މިކަން ކުރާނެ ކޮންސަލްޓެންޓުން ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.
"މި ސަރުކާރު އައީ ތިމާވެށީގެ ވައުދާ އެއްކޮށް. ސަސްޓެއިނަބަލް ޓޫރިޒަމެއް ގެނައުމަށް. މީގެ ކުރިން ރަށްތައް ކަނޑައެޅުމުގައި މަސްވެރިން އެންދަމާތޯ، ކައިރި ރަށްތަކުގެ މީހުންގެ ހިޔާލު ވެސް ހޯދައިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، ކޮންސަލްޓެންޓުންގެ ދިރާސާތައް ނިންމުމަށްފަހު، ވޯލްޑް ޓޫރިޒަމް ދުވަހާ ގުޅިގެން ބާއްވާ ބޮޑު ހަފްލާގައި އެ ރަށްތަކުގެ ތަފްސީލުތައް އިއުލާނު ކުރާނެ ކަމަށެވެ. ވޯލްޑް ޓޫރިޒަމް ދުވަހަކީ ސެޕްޓެމްބަރު 27 ވަނަ ދުވަހެވެ. މި ދުވަހާ ގުޅިގެން ބާއްވާ ހަފްލާ އޮންނަނީ އޮކްޓޫބަރު 4 ވަނަ ދުވަހު އެވެ.
އަލީ ވަހީދު ވިދާޅުވީ، ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރާ ރަށްތަކުގެ މައުލޫމާތު އާންމު ކުރާ އިރު އުތުރުގެ އަތޮޅުތައް ހިމެނޭނެ ކަމަށާއި ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ޓޫރިޒަމް ފުޅާކުރަން ޖެހޭ ސަރަހައްދުތަކަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށެވެ. އަދި އަލަށް ކަނޑައަޅާ ރިސޯޓުތަކުގެ ގޮތުގައި މާލެ ސަރަހައްދުގެ އެއްވެސް ރަށެއް ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ބޭނުންފުޅުވޭ، ރިސޯޓުގެ ގޮތުގައި ރަށްތައް ކަނޑައަޅާ އިރު އެ ކަނޑައަޅާ ރަށަކީ ރައްޔިތުން ބޭނުން ވެގެން އެ ސަރަހައްދެއްގައި އަޅާ ރިސޯޓަކަށް ހަދަން،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، ރިސޯޓުގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމްގެ ބޭނުމަށް ބިން ދޫކުރުމަށްޓަކައި ކައުންސިލްތަކުން ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށެވެ. އަދި އެފަދަ ޕްލޭނަކާ އެކު ކައުންސިލްތަކުން އައުމުން، ރަށްރަށުން ވެސް ޓޫރިޒަމްގެ ބޭނުމަށް ބިން ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޭސީ
21 August 2019
އެއްތޮޅެއްގެ ރިސޯޓުތަކުން ލިބެ ރެވެނިއު އެ އަތޮޅަކަށް ދޭންޖެހޭ. ‘ގްރޭޓާ މާލެ’ އަށް އެއްކޮށްފަ އޭގެން ފަސް ޕަސެންޓު އަތޮޅުތަކަށް ދިނުމަކީ ފޭރުން
ޝާޑު
21 August 2019
ކޮންމެ ރަށަކުން ކަޓެއް ނެގޭތޯ ބައްލަވާތީ.
ކަރާ
21 August 2019
ފޮނި ފޮލާ !