ބިލްޑެކްސް މޯލްޑިވްސް އެގްޒިބިޝަން. މި އެގްޒިބިޝަން ތިން ދުވަހަށް ކުރިއަށްދާނެ--ފޮޓޯ:މިހާރު
22 އޯގަސްޓް 2019 - 18:36
ކޮންސްޓްްރަކްޝަން ދާއިރާގެ މީހުންނަށް ހާއްސަކޮށް ބާއްވާ ބިލްޑެކްސް އެގްޒިބިޝަން މިއަދު ފަށައިފި އެވެ.
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގުޅިގެން ދަރުބާރުގޭގައި ބާއްވާ މި އެގްޒިބިޝަންގައި ކޮންސްޓްރަކްޝަން ދާއިރާގެ 100 އަށް ވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓައިފަ އެވެ.
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގެ ޖެނެރަލް މެނޭޖަރު ހުސްނީ ރައޫފް ވިދާޅުވީ، މި އެގްޒިބިޝަންގެ ބޭނުމަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ މީހުން އެއްތަނަކުން ދިމާވެ، ބައްދަލުކޮށް ގުޅުން ބަދަހިކުރުން ކަމަށެވެ.
"ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ދާއިރާ އަންނަނީ ކުރިއަރަމުން. މިހާރު ވެސް 50 އަށް ވުރެ ރިސޯޓުގެ މަސައްކަތް ދަނީ ކުރަމުން. އޭގެ އިތުރުން ހުޅުމާލޭގައި ވެސް ކޮންސްޓްރަކްޝަން ބޮޑެތި މަސައްކަތްތައް ކުރިއަށްދޭ،" އޭނާ ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމަށްޓަކާ ބޭނުންވާ ހުރިހާ މެޓީރިއަލެއް ގެންނަނީ ރާއްޖޭ ބޭރުން ކަމަށްވާ އިރު މިފަދަ އެގްޒިބިޝަނެއްގެ ތެރެއިން ތަކެތި ގެންނަ ފަރާތްތަކާ ބައްދަލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުސްނީ ވިދާޅުވީ، މި އެގްޒިބިޝަންގައި ދުނިޔޭގެ ނުވަ ގައުމަކުން ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި އިޓަލީ އާއި ޔޫއޭއީ އާއި ނިއުޒީލެންޑާއި މެލޭޝިއާ އާއި ތައިލެންޑާއި ސްރީ ލަންކާ ފަދަ ގައުމުތަކުގެ ކުންފުނިތައް ހިމެނެ އެވެ.
އޭނާ ވިދާޅުވީ، މި އެގްޒިބިޝަނުން ދުނިޔޭގެ މަޝްހޫރު 1،000 ބްރޭންޑެއް ޝޯކޭސް ކުރެވޭނެ ކަމަށެވެ. މިއީ ކޮންސްޓްރަކްޝަން ދާއިރާ އަށް ހާއްސަކޮށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެގްޒިބިޝަނެވެ.
މި އެގްޒިބިޝަންގައި އިމާރާތް ޑިޒައިންކުރާ ކުންފުނިތަކާއި ކޮންސްޓްރަކްޝަން މެޓީރިއަލް ވިއްކާ ކުންފުނިތަކާއި އިންޓީރިއާ ޑިޒައިންކުރާ ކުންފުނިތަކުން ބައިވެރިވެފައިވެ އެވެ.
މި އެގްޒިބިޝަން މިމަހުގެ 24 އާ ހަމަ އަށް ކުރިއަށްދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy