ނޮވެލްޓީ ބުކްފެއާގެ އިނާމަކަށް މިފަހަރު 200،000ރ

ރާއްޖޭގައި އެންމެ ފުޅާކޮށް ބާއްވަމުން އަންނަ ނޮވެލްޓީ ބުކް ފެއާ، މި މަހު 29 ގައި، 200،000ރ ގެ ފައިސާގެ އިނާމަކާ އެކު ފަށާ ގޮތަށް ނިންމައިފި އެވެ.


އާންމުކޮށް ކޮންމެ އަހަރަކު ބާއްވަމުން އަންނަތާ 13 އަހަރު ވެފައިވާ މި ޚާއްސަ އަދި އާންމުންގެ ވަރަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ފެއާ، ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމާއި ބިއްލޫރި މާލަމުގައި ކުރިއަށް ދާނީ މި މަހު 29 އިން ސެޕްޓެމްބަރު 10 ގެ ނިޔަލަށެވެ.

މިދިޔަ އަހަރު މި ފެއާ ނުބޭއްވުނީ، އެވަރުގެ ކަމަކަށް ބޭނުންވާ ވަރުގެ ޖާގައިގެ ތަނެއް ނުލިބިގެންނެވެ.

ތަފާތު ފޮތްތަކުގެ އިތުރުން ސްޓޭޝަނަރީ ފަދަ ސާމާނު ވެސް މި ބުކްފެއާ އިން، ހެޔޮ އަގުގައި ލިބެ އެވެ. އެގޮތުން ބިއްލޫރި މާލަން ހާއްސަކުރަނީ ސްޓޭޝަނަރީއަށެވެ.

ނޮވެލްޓީން ބުނާ ގޮތުގައި މި ފެއާގައި ލައްކައަށް ވުރެ ގިނަ ފޮތް ލިބެން ހުންނާނެ އެވެ.

ފެއާގައި ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕާނެއް ލިބެ އެވެ. އޭގެ ތެރެއިން ހޮވޭ ނަސީބުވެރިޔަކަށް މިފަހަރު ދެނީ 200،000ރ ގެ ފައިސާގެ އިނާމެކެވެ.

ނޮވެލްޓީ ބުކް ފެއާ އޮންނާނެ ވަގުތުތައް:

ހޯމައިން ބުރާސްފައްޗަށް: މެންދުރު 2:00 އިން ރޭގަނޑު 12:00

ހުކުރު ދުވަހު: މެންދުރު 2:30 އިން ރޭގަނޑު ބާރައަށް

ހޮނިހިރު ދުވަހު: ހެންދުނު 10:30 އިން ރޭގަނޑު 12:00 އަށް

ނޮވެލްޓީން ބުނާ ގޮތުގައި މި ފެއާއިން 1،000 ވުރެ ގިނަ ދިވެހި ފޮތް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ދީނީ ފޮތްތަކާއި ކުޑަކުދިންނަށް ހާއްސަ ކުލަ ޖައްސާ ފޮތްތަކާއި އެކްޓިވިޓީ ފޮތްތަކުގެ އިތުރުން ވާހަކަ ފޮތް ވެސް ހިމެނެ އެވެ. އިލްމީ ތަފާތު މައުލޫއުތަކުގެ ފޮތްތަކާއި ތާރީހީ އަދި އަދަބީ ދާއިރާގެ އެތައް ފޮތެއް ވެސް ލިބޭނެ ކަމަށް، ރާއްޖޭގެ އެންމެ ދުވަސް ވީ ބުކްޝޮޕުން ބުނެ އެވެ.

ނޮވެލްޓީން ބުނީ މި ފެއާގައި 70 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ފެއާ އަށް ޒިޔާރަތްކުރާ މީހުންނަށް އެހެން ފައިދާތަކެއް ވެސް ނޮވެލްޓީން ހޯދައިދެ އެވެ. އެގޮތުން ފެއާގައި ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް ފަސް ރުފިޔާގެ އަގު ހުރި "ނޮވެލްޓީ ބުކްޝޮޕް މަނީ" ލިބެ އެވެ. ނޮވެލްޓީ ބުކްޝޮޕާއި ޕޭޕާ ވާލްޑް އިން، އެ "ފައިސާ" ބޭނުންކޮށްގެން ވިޔަފާރިކުރެވޭނެ އެވެ. މިއީ މިހާރު ވެސް އެ ބުކްޝޮޕުން ކުރިއަށްގެންދާ ހާއްސަ މުއާމަލާތަކެވެ. ކުރިން ލިބިފައިވާ "ނޮވެލްޓީ ބުކްޝޮޕް މަނީ" ބޭނުންކޮށްގެން ފެއާގައި ވެސް ތަކެތި ގަނެވޭނެ ކަމަށް، އެ ބުކްޝޮޕުން ބުންޏެވެ.

ނޮވެލްޓީން ބުނާ ގޮތުގައި 2005 އިން ފެށިގެން ބާއްވަމުން އަންނަ މި ފެއާގެ އެންމެ ބޮޑު ބޭނުމަކީ ފޮތްކިއުމަށް އާންމުން އަހުލުވެރިކޮށް، ހެޔޮ އަގުގައި ފޮތް ލިބޭނެ ގޮތް ފަހިކޮށްދިނުމެވެ.