ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ: ރިޒާވް ދަނީ ދަށަށް.---ފޮޓޯ:ހުސައިން ވަހީދު/މިހާރު
26 އޯގަސްޓް 2019 - 10:37
ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މި އަހަރު ނިމޭއިރު ހުންނާނީ 5.4 ޕަސެންޓުގައި ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އިއްޔެ ބޭއްވި ބަޖެޓް ކޮމިޓީގައި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ ވިދާޅުވީ، މިދިޔަ އަހަރުގެ ބަޖެޓުގައި މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 6.8 ޕަސެންޓަށް ކުރި އަރާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް މިހާރު ބެލެވެނީ އިގްތިސާދީ ދުވެލި އެއަށް ވުރެ ދަށްވެގެންދާނެ ކަމަށެވެ.
ޒާހިރާ މިހެން ވިދާޅުވެފައިވާ އިރު މިދިޔަ ޖޫން މަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އިގްތިސާދީ ކުރި އެރުން 6.5 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިދިޔަ އަހަރު ހުރީ 7.5 ޕަސެންޓްގަ އެވެ.
އިގްތިސާދީ ކުރިއެރުން އަންދާޒާ ކުރާ ވަރު ދަށްވި ނަމަވެސް، ޓޫރިޒަމް ދާއިރާ އަށް އަންނަ ކުރިއެރުންތަކާ އެކު މި އަހަރު ނިމޭއިރު މިއަށް ވުރެ އިގްތިސާދު ކުރިއަށް ދާނެކަމުގެ އުންމީދު ބޮޑު ކަމަށް ޒާހިރާ ވިދާޅުވި އެވެ.
މި އަހަރު ޓޫރިޒަމް ދާއިރާ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ ނުވަ ޕަސެންޓަށެވެ. ނަމަވެސް، މިހާރު ދާ ސްޕީޑުން އަހަރު ނިމޭއިރު މި ދާއިރާ 14 ޕަސެންޓަށް ކުރިއަރާނެ އެވެ. އަދި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު 15 ޕަސެންޓަށް ކުރިއަރާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެ އެވެ.
އިގްތިސާދީ ކުރިއެރުމުގެ އިތުރުން މި އަހަރު ނިމޭއިރު ރާއްޖޭގެ އިންފްލޭޝަން ހުންނާނީ 0.7 ޕަސެންޓުގައި ކަމަށް އެމްއެމްއޭއިން ލަފާކުރެ އެވެ.
"2019 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު ޑީފްލޭޝަންގައި ހުރުމަށް ފަހު، ދެވަނަ ކުއާޓާގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް ހިފެހެއްޓިފައި ވަނީ 1.3 ޕަސެންޓުގައި. މީގެ މައިގަނޑު ސަބަބަކީ 2018 ވަނަ އަހަރު ސަރުކާރުން ސިޔާސަތުތަކަށް ގެނެވިފައިވާ ބަދަލުތަކުގެ އަސަރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި ނެތިގެން ގޮސްފައި ވާތީ،" އޭނާ ވިދާޅުވި އެވެ.
ޒާހިރާ ވިދާޅުވީ ސަރުކާރުން މި އަހަރު ގެނައި ބަދަލުތަކުގެ ތެރޭގައި ކާޑުގެ ބާވަތްތަކުގެ އަގުތައް އެއް ހަމަ ކުރުމާއި ކަރަންޓާއި ފެނުގެ އަގު ހެޔޮކުރުމުގެ ބޭސް އިފެކްޓް ނުވަތަ އަސަރު، އަގުތަކުން ފެންނަން އަދި ނެތް ކަމަށެވެ.
ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ތިން އަހަރު ވެސް ރާއްޖޭގެ އިގްތިސާދު އެވްރެޖްކޮށް ހުންނާނީ ފަސް ޕަސެންޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރަންޖީ ހާޖީ
26 August 2019
އިގްތިސާދު ދަށްވަނީ. އިންޕޯޓު ދަށްވަނީ. އެކްސްޕޯޓުވެސް ދައްވަނީ. ވަށްކަމާ ފޭރުން އިތުރުވަނީ..... މިދަނީ ކޮންމިސްރާބަކަށްބާ.