އެކައުންޓެންޓުންނާއި އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހާއްސަކޮށްގެން ބާއްވާ "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2019" ފަށައިފި އެވެ.
ދަރުބާރުގޭގައި ބާއްވާ މި ފޯރަމްގެ ބޭނުމަކީ ރާއްޖޭގެ އެކައުންޓިން ދާއިރާ އިތުރަށް ކުރިއަރުވައި، އެ ދާއިރާ އަށް ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް ހޯދުމެވެ. މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމްގައި 150 މީހުން ބައިވެރިވެ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އިސްނަގައިގެން ބާއްވާ މި ފޯރަމްގެ މި އަހަރުގެ ތީމަކީ "އެމްބްރޭސިން ޓެކްނޮލޮޖީ، އެންހޭންސިން ވެލިއު" އެވެ.
މިފޯރަމްގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، 2017 ވަނަ އަހަރުން ފެށިގެން މި ފޯރަމް ބާއްވަމުން އަންނައިރު އެކައުންޓިން ދާއިރާ އަށް ދިމާވާ މައްސަލަތަކާއި ސަރުކާރުގެ އިދާރާތަކަށް މާލީ ކަންކަން މެނޭޖް ކުރުމުގައި ކުރިމަތިވާ އުނދަގޫތައް ފޯރަމުން އެނގޭ ކަމަށެވެ.
"މިިދިޔަ އަހަރުތަކުގައި ބޭއްވި ފޯރަމުން މިދާއިރާ ކުރިއެރުމަށް ތަފާތު ހިޔާލުތައް ލިބިފައިވޭ. އަދި އެ ހިޔާލުތަކުގެ އަލީގައި ބަދަލުތައް އަންނަނީ ގެންނަމުން،" އޭނާ ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ، މިއަހަރުގެ ފޯރަމުން ވެސް އިތުރު ހިޔާލުތައް ލިބި، ދާއިރާ އިތުރަށް ކުރިއެރުވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މި ފޯރަމްގައި ދުނިޔޭގެ އެކި ގައުމުތަކުގެ އޮޑިޓް ފާމުތަކަކާއި ޖަމިއްޔާތަކުގައި މަސައްކަތްކުރާ އެކައުންޓެންޓުން ބައިވެރިވެފައިވެ އެވެ. އެގޮތުން، ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމުގައިވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސްގެ ފަރާތުން މި ފޯރަމްގައި ބައިވެރިވި އެވެ.
އޮޑިޓިންގެ މަސައްކަތްތައް ރާއްޖޭގައި އެންމެ ފުރަތަމަ ފެށުނީ މީގެ 67 އަހަރު ކުރިންނެވެ. އޮޑިޓް އޮފީހުން ދައުލަތުގެ އިދާރާތައް އޮޑިޓްކޮށް، މާލީ ކަންކަން މޮނީޓާ ކުރަމުންދެ އެވެ. އެ އިދާރާ އިން މިހާތަނަށް 40 އޮޑިޓް ފާމަކަށް ލައިސެންސް ދީފައިވެ އެވެ.