ސްޓާޓް ބެޓަރިއަކީ ގިނަ ދުވަހަށް ބޭނުންކުރެވޭ ކޮލިޓީ ބެޓަރިއެއް-- ފޮޓޯ: މިހާރު
05 ސެޕްޓެމްބަރ 2019 - 23:16
ރާއްޖެ ފަދަ، ހޫނު ގައުމުތަކަށް ހާއްސަކޮށް އުފައްދާފައިވާ ސްޓާޓް ބެޓެރި މެރިން ޕަވާ އިން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
މިރޭ ބޭއްވި ހަފުލާއެއްގައި މި ބެޓެރީ ތައާރަފުކޮށްދެއްވީ ސްޓާޓް ބެޓެރި އުފައްދާ ކުންފުނި މޮމްބެޓް ކުންފުނީގެ އޭޝިއާ ޕެސިފިކްގެ ސޭލްސް މެނޭޖަރާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އަދި މެރިން ޕަވާގެ ޑިރެކްޓަރު ހަސަން އާދިލެވެ.
އެއްގަމާއި ކަނޑުގެ އުޅަނދުތަކުގައި ވެސް ބޭނުންކުރެވޭ މި ބެޓެރި އަކީ ގިނަ ދުވަހަށް ބޭނުން ކުރެވޭ ކޮލިޓީ އުފެއްދުމެކެވެ. ހޫނުވުމުގެ ސަބަބުން ބައެއް ބެޓެރިތައް ހޫނުވެ ގޮވަން މެދުވެރިވި ނަމަވެސް މި ބެޓެރީގައި ބޭނުން ކޮށްފައިވާ މާއްދާތަކުގެ ސަބަބުން ބެޓެރި އަބަދުވެސް ފިނިވާނެ އެވެ. މީގެ އިތުރުން ކަނޑު ގަދަ ދުވަސްވަރު ލޮނުން ބެޓެރި އަށް ލިބޭ ގެއްލުން ވެސް ކުޑަކޮށްދޭނެ އެވެ.
މޮމްބެޓްގެ އޭޝިއާ ޕެސިފިކްގެ ސޭލްސް މެނޭޖަރު (ކ) ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް (މ) އަދި މެރިން ޕަވާގެ ޑިރެކްޓަރު ހަސަން އާދިލް (ވ) ސްޓާޓް ބެޓެރީ ތައާރަފުކޮށްދެއްވަނީ. --: ފޮޓޯ: މިހާރު
މެރިން ޕަވާގެ ޑިރެކްޓަރު ހަސަން އާދިލް ވިދާޅުވީ އެ ކުންފުނިން އިންޖީނާއި ޖަނަރޭޓަރު ވިއްކަމުން އަންނައިރު އެންމެ ބޮޑު ޝަކުވާއަކަށް ލިބެނީ ބެޓެރީގައި އަވަހަށް މައްސަލަ ޖެހޭ ކަމުގެ ޝަކުވާ ކަމަށެވެ. މި ޝަކުވާތަކަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތުން ސްޓާޓް ބެޓެރީ ހޯދުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކުންފުނިން މީގެ ފަނަރަ އަހަރު ކުރިން ފެށިގެން މިދަނީ އިންޖީނާއި ޖަނެރޭޓަރު ވިއްކަމުން. އަބަދުވެސް ކަސްޓަމަރުންގެ ޝަކުވާ އަކީ ގިނަ ދުވަހަށް ބޭނުންކުރެވޭ ބެޓެރީ ނުލިބުން. މިކަމަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތުން، ދުބާއީގައި ބޭއްވި ފެއާއަކުން އަޅުގަނޑުމެންނަށް ސްޓާޓް ބެޓެރި ފެނުނީ. ދުބާއީ ފަދަ ހޫނު ގައުމެއްގައި މި ބެޓެރީ ގިނަ ދުވަހު ގެންގުޅެވޭ ނަމަ ރާއްޖޭގައި ވެސް ގެންގުޅެވޭނެ،" ހަސަން އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން ތިން އަހަރު ވަންދެން މި ބެޓެރީގެ އަޖުމަ ބަލާފައިވާ ކަމަށެވެ. ނަތީޖާ ރަނގަޅުވުމުގެ ސަބަބުން މި ބެޓެރި ރާއްޖެ އަށް ތައާރަފުކުރަން ނިންމީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްޓާޓް ބެޓެރި އުފައްދާ މޮމްބެޓް ކުންފުނިން ހުރިހާ ގައުމެއްގައިހެން އެ ކުންފުނީގެ ބެޓެރިތައް ވިއްކަ އެވެ. މީގެ ތެރޭގައި ރީސައިކަލް ކޮށްގެން އުފައްދާ ބެޓެރި ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy