ލިޓަސް ކުންފުންނީގެ ހުރިހާ މުވައްޒަފުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ އެ ކުންފުނިން ގަނެދީފި އެވެ.
ހިއްސާ ގަނެދިން މުވައްޒަފުންގެ ތެޜޭގައި މާލޭގެ އިތުރުން އަތޮޅު ތެރޭގައި މަސައްކަތް ކުރާ އެ ކުންފުނީގެ ހުރިހާ މުވައްޒފުން ވެސް ހިމެނެ އެވެ. ލިޓަސް އިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް ހިއްސާ ގަނެދިނީ ހުރިހާ މުވައްޒަފުންގެ މުސްތަގުބަލު ބިނާ ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
ލިޓަސް އިން ބުނިގޮތުގައި، އެ ކުންފުނިން ބޭނުންވަނީ އެ ތަނުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވެސް ރާއްޖޭގެ ހިއްސާގެ ބާޒާރަށް އަހުލުވެރިވެ، އެ އިން ލިބެން ހުރި ފައިދާތައް ދެނެގަނެ މުސަތަގުބަލު ބިނާ ކުރުމުގެ ފުރުސަތު ހޯދައި ދިނުމެވެ. އަދި ހުރިހާ މުވައްޒަފުންނަކީ ފުދުންތެރި ބައެއް ކަމުގައި ހެދުމަކީ އެ ކުންފުނީގެ އަމާޒު ކަމަށް ވެސް ލިޓަސް އިން ބުންޏެވެ.
"މިއަދު އަޅުގނޑުމެންގެ ހުރިހާ މުވައްޒަފުންނަކީ ވެސް އެމްއައިބީގެ ހިއްސާދާރުން. މިއީ މި ކުންފުނީގެ މުވައްޒަފުންނަށް ހުޅުވުނު ވަރަށް މުހިންމު ދޮރެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ފުރުސަތުގެ ސަބަބުން އަޅުގަނޑުމެންގެ މުވައްޒަފުންނަށް ހިއްސާގެ ބާޒާރުގެ ހުރި ފުރުސަތު ދެނެގަތުމަށް ލިބޭ އިތުރު ހިތްވަރަކަށް ވާނެ،" ލިޓަސްގެ އޮފިޝަލަކު ބުންޏެވެ.
އެމްއައިބީން ހިއްސާ ވިއްކަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ. އެ ބޭންކުގެ ހިއްސާ އާންމުންނަށް ވިއްކަން ފެށުމާ އެކު އެކި ކައުންސިލްތަކުންނާއި ކުންފުނިތަކުން އަދި އަމިއްލަ ފަރާތްތަކުން ވަނީ ހިއްސާ ގަނެފަ އެވެ.