ހުޅުލެ ސާފުކުރުމުގެ ޕްރޮގްރާމުގައި އެމްއޭސީއެލްގެ ގިނަ އަދަދެއްގެ ސްޓާފުން ބައިވެރިވޭ-- ފޮޓޯ: މިހާރު
11 ސެޕްޓެމްބަރ 2019 - 16:40
އެމްއޭސީއެލުން "ސަޅި ހުޅުލެ"ގެ ނަމުގައި ހުޅުލެ ސާފު ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
މި ޕްރޮގްރާމުގައި އެމްއޭސީއެލްގެ 500 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެ އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް ހަތަރު މަސްތެރޭ، ފަސް ދުވަހަކަށް ބަހާލައިގެންނެވެ.
އެމްއޭސީއެލްގެ ސާފު ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަނީ. -- ފޮޓޯ: މިހާރު
އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ ގިނަ ޕްރޮޖެކްޓްތައް ހިންގުމުގެ ސަބަބުން ރަށުތެރެ ގޮނޑުވެފައިވާ ކަމަށެވެ. ކުރިއަށްވެސް ގިނަ ޕްރޮޖެކްޓުތައް ހުރިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ޕްރޮޖެކްޓުތަކުން އަޅާ ކުނިތައް މަދުވެ ހުޅުލެ ސާފު ތަނަކަށް ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު މި ކުރަނީ މި ޕްރޮގްރާމުގެ ސަބަބުން ހުޅުލެއަށް އަންނަ މީހުންނަށް ހިތްހަމަޖެހުން ލިބި އަޅުގަނޑުމެން މިކުރާ މަސައްކަތް ފާހަގަވާނެ ކަމަށް،" މޫސާ ސޯލިހު ވިދާޅުވި އެވެ.
އެމްއޭސީއެލްގެ ސްޓާފުންތަކެއް ހުޅުލޭގެ ސަރަހައްދެއް ސާފު ކުރަނީ-- ފޮޓޯ: މިހާރު
މި ޕްރޮގްރާމް ހިންގުމާ ހަވާލުވެ ހުންނެވި އެމްއޭސީއެލްގެ ކާގޯ ސާވިސަސްގެ މެނޭޖަރު އަމްޖަދު ނަސީރު ވިދާޅުވީ ފަސް ދުވަހަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބަލާނީ އެންމެ ކުނި ގިނަ ސަރަހައްދެއް ސާފު ކުރުމަށް ކަމަށެވެ. އެގޮތުން މިއަދުގެ ޕްރޮގްރާމުގައި ބަލާފައި ވާނީ ދަނގަޑާއި ޓަޔަރު އެންމެ ގިނައިން އުކާލާފައި ހުންނަ ތަންތަނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުލެ ސާފު ކުރުމަށް ފަހު ނަގާ ކުނީގެ ތެރޭގައި ހިމެނޭ ޕްލާސްޓިކާއި ދަނގަޑު އަދި އެހެނިހެން ތަކެތި ވަކި ކުރުމަށްފަހު ރިސައިކަލް ކުރާ ފަރާތްތަކާ ހަވާލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy