އެވިޑަށް 14 އަހަރު، ކޮލެޖު ރީ-ބްރޭންޑްކޮށްފި

މަތީ ތައުލީމު ފޯރުކޮށްދެމުން އަންނަ އެވިޑު ކޮލެޖު ރޭ ރީ-ބްރޭންޑްކޮށްފި އެވެ.


އެ ކޮލެޖަށް 14 އަހަރު ފުރުމާ ދިމާކޮށް ބޭއްވި ރަސްމިއްޔާތުގައި، އެވިޑްގެ އާ ލޯގޯ ލޯންޗުކޮށްދެއްވީ ސިއްހީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑރ. އަބްދުލް ސައްތާރު ޔޫސުފެވެ.

މީގެ ކުރިން އެވިޑުގެ ލޯގޯގައި ބޭނުންކޮށްފައި ހުންނަ މައިގަނޑު ކުލައަކީ ފެއްސެވެ. ނަމަވެސް މިހާރު ވަނީ ކަޅާއި ރަންކުލައަށް ބަދަލުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެވިޑުގެ ޗެއާމަން އަބްދުﷲ މުޝްތާގު ވިދާޅުވީ މިހާރުގެ ޒުވާނުންގެ މައްސަލައަކީ އަމިއްލައަށް މަސައްކަތްކޮށްގެން އުޅުމުގެ ބަދަލުގައި މަންމަ އާއި ބައްޕަ ކައިރީގައި އަބަދު ކަންކަމުގައި ކިއުމެވެ. އޭގެ ބަދަލުގައި އަމިއްލަ މަސްއޫލިއްޔަތާއި ޒިންމާއަދާކޮށްގެން ކުރިއަށް ދިއުމުން މާ ކާމިޔާބުވާނެ ކަމަށް ވިދާޅުވި އެވެ.

އެވިޑު ކޮލެޖަށް 14 އަހަރު ފުރުމާ ދިމާކޮށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުގެ ޗެއާމަން މުޝްތާގު ވާހަކަދައްކަވަނީ .-- ފޮޓޯ: އެވިޑް ކޮލެޖު

ދިރިއުޅުމުގައި ވެސް ނާކާމިޔާބީއާ ކުރިމަތިވާނެ ކަމަށާއި ނަމަވެސް އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ލޯތްބާއެކު އެކަންކަމުގައި ކުރިމަތިލެވޭނެ ކަމަށް ވިދާޅުވި އެވެ.

ދަރިވަރުންގެ އަހުލާގީ ފެންވަރު ދަށްވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި މުޝްތާގު ވިދާޅުވީ އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ. އަދި ގައުމީ ފެންވަރުގައި މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ކުރިން ނަމަ ކިޔަވައިދޭ ޓީޗަރު ނުވަތަ ހެޑްމާސްޓަރު މަގުމަތިން ފެނުނަސް ކުރާ އިހުތިރާމެއް ވެސް މިހާރު ނެތް. މިއަދު އެކަންތައް ނެތި ފަނާވެ ހިނގައްޖެ،" މުޝްތާގު ވިދާޅުވި އެވެ.

އެވިޑު ކޮލެޖަށް 14 އަހަރު ފުރުމާ ދިމާކޮށް ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން .-- ފޮޓޯ: އެވިޑް ކޮލެޖު

އެވިޑުގެ ތައުލީމީ އިތުރު ހަރުފަތަކަށް ދިއުމަށް ޔުނިވާސިޓީއެއްގެ ދަރަޖަ ލިބުމަކީ އެ ކޮލެޖުން މިހާރު އެންމެ އުއްމީދުކުރާ އެއް ކަމެވެ. އަދި ތައުލީމް ބޭރު ދުނިޔެއަށް ފުޅާކުރުމުގެ ގޮތުން، އެ ކޮލެޖުގެ ނަން މިހާރު ވަނީ އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފަ އެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އަބްދުުއްސައްތާރު ޔޫސުފް ވިދާޅުވީ ދަރިވަރުން މުސްތަބުލަށް ތައްޔާރުކުރާއިރު، ހަމައެކަނި މައުލޫމާތު މުއްސަނދިކުރަން ދަސްކޮށްދޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. މައުލޫމާތުގެ އަލީގައި، ދުނިޔެއަށް އެ ފޯރުކޮށްދޭނީ ކިހިނެއްތޯ ބަލަންޖެހޭނެ ކަމަށާއި އެހެންނޫނީ ދަސްކުރާ އެއްޗެއްގެ ބޭނުމެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.