20 ސެޕްޓެމްބަރ 2019 - 08:15
ފްރާންސްގައި "އުނދުހޭ ޓެކްސީއެއް" ޓެސްޓްކުރަމުން ދަނިކޮށް އޭގެ ދުވެލި މާ ބާރުކަމަށް ބުނެ ފުލުހުން އެ ހުއްޓުވައިފި އެވެ.
ސެއިންގައި ޓެސްޓްކުރަނިކޮށް ހުއްޓުވީ ފްރާންސްގެ ސްޓާޓަޕެއް ކަމަށްވާ ބަބްލްސީގެ އުދުހޭ ޓެކްސީއެކެވެ. އެ ކުންފުނީގެ އެއް ބާނީ އެންޑާޒް ބްރިންގްޑާލް ދި އިންޑިޕެންޑެންޓަށް ބުނިގޮތުގައި އެ މީހުން ޓެސްޓްކުރި "އުދުހޭ ޓެކްސީ" އަކީ ގަޑިއަކު 30 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ، ފެނުގައި އޮޕަރޭޓް ކުރެވޭ އުޅަނދެކެވެ. އެކަމަކު އާންމު ގޮތެއްގައި އެ އުޅަނދު އުދުހޭނީ ގަޑިއަކު 12 ކިލޯމީޓަރަށް ކަމަށް ބުންޏެވެ.
އެންޑާޒް މި ޓެކްސީ ސިފަކުރީ އެއްވެސް ބާވަތެއްގެ އުނދަގުލެއް ގެއްލުމެއް ކުރިމަތިނުވާ ގޮތަށް ފަރުމާކޮށްފައިވާ ވަރަށް ވެސް ޒަމާނީ އަދި އެހާމެ ފެންވަރު ރަނގަޅު އުޅަނދެއްގެ ގޮތުގަ އެވެ. އެގޮތުން އެ ކުންފުނިން ބުނީ މިއީ ޒީރޯ ވޭވް، ޒީރޯ ނޮއިސް، ޒީރޯ ކާބަންޑައޮކްސައިޑް އެމިޝަން އުޅަނދެއް ކަމަށެވެ.
އެންޑާޒް ބުނިގޮތުގައި ފުލުހުން ޓެކްސީ ހުއްޓުވި ނަމަވެސް އެ ޓެސްޓްކުރަމުން ދިޔައީ ނަގަން ޖެހޭ ހުރިހާ ހުއްދަތަކެއް ވެސް ނަގައިގެންނެވެ. އެހެންވެ ލިޔެކިޔުންތައް ފުލުހުންނާ ހިއްސާކުރި ކަމަށް ވެސް އެންޑާޒް ބުންޏެވެ.
ބަބަލްސީން ބުނިގޮތުގައި ކޯރުތަކާއި ލޭކް ފަދަ ތަންތަނުގެ ދަތުރުފަތުރުގެ ޓްރެފިކް ކުޑަކުރުމަށް އުދުހޭ ޓެކްސީ އަކީ ވަރަށް ވެސް ރަނގަޅު ވަސީލަތަކަށް ވާނެ ކަމަށެވެ. އެހެންވެ ކުންފުނީގެ އަމާޒަކީ މާ ލަސްތަކެއް ނުވެ އުނދުހޭ ޓެކްސީގެ ހިދުމަތް ދޭން ފެށުން ކަމަށް ބުންޏެވެ.
"މިހާތަނަށް ޖޭމްސް ބޮންޑް ކަހަލަ ފިލްމުތަކުން ހިޔާލީ ކަމެއްގެ ގޮތުގައި އުދުހޭ އެކި ބާވަތުގެ އުޅަނދުތައް ފެނުނަސް، ދަތުރުފަތުރުގެ ކުރިމަގަކީ ފްލައިން ޓެކްސީ،" އެންޑަސަން ބުންޏެވެ. "އަދި މިއީ ޓެކްސީ ދަތުރުތަކާ ހަމަ ދާދި އެއް ވަރެއްގެ އަގެއްގައި ފޯރުކޮށްދެވޭނެ ހިދުމަތަކަށް ވާނެ."
ބަބްލްސީގެ އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު މީގެ ހިދުމަތް ފްރާންސްގެ ވެރިރަށް ޕެރިހަށް ތައާރަފުކުރުމެވެ. އަދި މިއީ އޫބާގެ ޓެކްސީ ހިދުމަތަށް މޮބައިލް އެޕެއް މެދުވެރިކޮށް އޯޑަރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހިދުމަތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ބަބަލްސީގެ އަމާޒަކީ ފްރާންސްގެ ބޭރުން އެމެރިކާ އާއި ހޮލެންޑް ފަދަ ގައުމުތަކުގެ ސިޓީތަކަށް ވެސް އެ މި ހިދުމަތް ދިނުމެވެ. އެގޮތުން ހިދުމަތްދޭ ސިޓީތަކަށް މަދުވެގެން 20-40 ދެމެދުގެ އަދަދަކަށް ޓެކްސީ ނެރެން ވަނީ ނިންމައިފަ އެވެ.
ތަރައްގީވެފައިވާ ބައެއް ގައުމުތަކުން މިހާރު އަންނަނީ އުދުހޭ ޓެކްސީ ހިދުމަތަށް ނެރެން މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާރިދޯޅު
20 September 2019
ބުރިޖުގެ ބޭނުން ކެޑޭހެން އެބަހީވޭ