އެޗްޑީއެފްސީން ސުކޫކާއި ބޮންޑު ވިއްކަން ފަށައިފި

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ސުކޫކާއި ބޮންޑު ވިއްކަން ފަށައިފި އެވެ.


އެޗްޑީއެފްސީން ސުކޫކާއި ބޮންޑު ވިއްކަން އިއުލާނުކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހު އެވެ. މިއަދުން ފެށިގެން ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ބޮންޑާއި ސުކޫކު ވިއްކާނެ އެވެ. ސުކޫކަކީ އިސްލާމީ އުސޫލުން ވިއްކާ ބޮންޑެވެ.

އެ ކުންފުނިން ވިއްކާ ސުކޫކެއްގެ އަގަކީ 1،000ރ. އެވެ. ޖުމްލަ ދެ ލައްކަ ސުކޫކު ވިއްކުމަށް ނިންމާފައިވެ އެވެ. އެހެންކަމުން ސުކޫކް ވިއްކައިގެން އެ ކުންފުންޏަށް 200 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ޖުމްލަ އިންވެސްޓްމެންޓްގެ 65 ޕަސެންޓް ފައިދާގެ ގޮތުގައި ސްކޫކު ހޯލްޑަރުންނަށް ދިނުމަށް ވަނީ ނިންމައިފަ އެވެ.

އެ ކުންފުނިން އެންމެ ފުރަތަމަ ސުކޫކް ވިއްކީ 2013 ވަނަ އަހަރު އެވެ. އެ ފަހަރު 467 ފަރާތަކަށް 45،132 ސުކޫކް ވިއްކާފައިވެ އެވެ. އަދި 2017 ވަނަ އަހަރު 207 ފަރާތަކަށް 89،036 ސުކޫކް ވިއްކާފައިވެ އެވެ.

މިއަދުން ފެށިގެން އެޗްޑީއެފްސީގެ ބޮންޑު ގަތުމުގެ ފުރުސަތު އޮތް އިރު ބޮންޑުގެ އަގަކީ ވެސް 1،000ރ. އެވެ. ޖުމްލަ 80،000 ބޮންޑު ވިއްކުމަށް ނިންމާފައިވެ އެވެ. އެހެންކަމުން ބޮންޑު ވިއްކައިގެން އެ ކުންފުންޏަށް 80 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ސުކޫކާއި ބޮންޑު ގަންނަ މީހާ އަށް ވެސް ކޮންމެ ހަ މަހަކުން ފައިދާ ލިބޭނެ އެވެ. ސްކޫކާއި ބޮންޑް ދޫކުރަނީ 10 އަހަރުގެ މުއްދަތަކަށެވެ. އެހެން ކަމުން 10 އަހަރު ވަންދެން އަހަރަކު ދެ ފަހަރު ސުކޫކް އަދި ބޮންޑު ހޯލްޑަރުންނަށް ފައިދާ ލިބޭނެ އެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެޗްޑީއެފްސީ އުފެއްދީ 2004 ވަނަ އަހަރު އެވެ.