ގޭހުގެ ކޮންމެ ޝިޕްމެންޓަކުން 130،000 ޑޮލަރު އިތުރުވި މައްސަަލަ ބަލަނީ

މޯލްޑިވް ގޭހުގެ ޝިޕްމެންޓްތަކުން 2017 ވަނަ އަހަރުން ފެށިގެން އެވްރެޖުކޮށް 130،000 އިތުރުކަން ފާހަގަކުރެވި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލަން ފަށައިފި އެވެ.


އެސްއޯއީ ކޮމިޓީ އަށް ލިބުނު ސިއްރު ސިޓީއަކާ ގުޅިގެން މޯލްޑިވް ގޭހުން ރާއްޖެއިން ގޭސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ވަނީ މަޝްވަރާކޮށްފަ އެވެ.

މި ކޮމިޓީގައި ވާހަކަދައްކަވަމުން ކިނިބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، 2017 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑަށް ޝިޕްމެންޓްތަކުގެ އަގު އިތުރުވެފައިވާ އިރު ކޮންމެ ޝިޕްމެންޓަކުން 130،000 ޑޮލަރު އިތުރަށް ހަރަދުވިކަން ތަފާސް ހިސާބުތަކުން އެނގޭ ކަމަށެވެ.

"އެއީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 2.9 މިލިއަން ޑޮލަރު. ރުފިޔާ އިން ގާތްގަނޑަކަށް 50 މިލިއަންގެ ގެއްލުމެއް،" އޭނާ ވިދާޅުވި އެވެ.

މިހާ ބޮޑު އަދަދެއް ގޭސް ގަތުމުގައި ހަރަދު ކުރާ ކަން ފާހަގަވެފައިވަނީ ކުރިން ގޭސް ގެންނަ ސަޕްލަޔަރުގެ ބަދަލުގައި ތާޑް ޕާޓީ މެދުވެރި ވެގެން ގޭސް ގެންނަން ފެށުމުންނެވެ. ނާޝިޒު ވިދާޅުވީ، ތާޑް ޕާޓީ މެދުވެރިކޮށް ގޭސް ގަތުމުން 50 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށާއި މިކަން މިގޮތަށް މޯލްޑިވް ގޭހުން ކުރާ ސަބަބު އޮޅުން ފިލުވަން ޖެހޭ ކަމަށެވެ.

"މިހާރުން މިހާރަށް ދައުލަތުގެ ކުންފުންޏަކަށް ވާ ގެއްލުން ކުޑަ ކުރުމަށްޓަކައި މޯލްޑިވް ގޭހަށް މި މުއާމަލާތް ހިންގުން މިހާރުން މިހާރަށް ހުއްޓާލާ، ކުރީގެ މެނުފެކްޗަރާ އަތުން އޯޑާ ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ މޯލްޑިވް ގޭހުގެ އިސްވެރިން ކޮމިޓީ އަށް ހާޒިރު ކުރުމަށް ނިންމާފަ އެވެ. އަދި މިހާރުން މިހާރަށް ސަޕްލަޔަރު ބަދަލު ފެންނަ ކަމަށާއި އެކަން ކުރުމަށް މޯލްޑިވް ގޭހަށް އެންގުމަށް ނިންމާފައިވެ އެވެ.

ކޮންމެ ދެ މަހަކުން އެލްޕީޖީ ގޭހުގެ 1،000 ޓަނު މޯލްޑިވް ގޭހުން ގެނެ އެވެ. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، މޯލްޑިވްސް ގޭހަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ އަމަލު ހުއްޓުވިއްޖެ ނަމަ، އާންމުން ގަންނަ ގޭހުގެ އަގުން 50 ވަރަކަށް ރުފިޔާ ހެޔޮ ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ކޮންމެ ގޭސް ފުޅިއަކުން ގާތްގަނޑަކަށް 50ރ. އެ ވަގަށް ނަގަނީ. އެހެންވީމަ އަގު ކުޑަ ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމު ވިދާޅުވީ، މޯލްޑިވް ގޭހުން ފޮނުވި ޝިޕްމެންޓްތަކާ ގުޅޭ މައުލޫމާތުން މިއީ ވަކި ސަރުކާރެއް އޮވެގެން ވާކަމެއް ނޫންކަން އެނގޭ ކަމަށެވެ. ކުރީ ސަރުކާރުގެ ދުވަސްވަރުން ފެށިގެން މިއަދާ ހަމަޔަށް ވެސް މިކަން ތަކުރާރުވާތަން ފެންނަ ކަމަށާއި މިކަން ވަރަށް ރަނގަޅަށް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މޯލްޑިވް ގޭސް އެބަވޭ ވަރަށް އާންމުކޮށް އާ ވައްތަރުތައް ތައާރަފް ކުރާ ކުންފުންޏަކަށް. ލުއި ފުޅިއާ ދެން ވެސް އެނޫން އުފެއްދުންތައް. މިހެން އިންޓްރޮޑިއުސް ކުރާ އިރު އެބަ އިންވެސްޓް ކުރޭ ޓޯޓަލް ޑިމާންޑަށް. ދެން އަނެއްކާ ފަހުން ތައާރަފް ކުރާ ފުޅިތަކާ އެކު ކުރިން ގެންގުޅޭ ފުޅިތައް ފުނި ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

މިއީ ވެސް އެ ކުންފުނީގެ ވަރަށް ބޮޑު އިސްރާފެއް ކަމަށާއި މިކަންކަން ހުއްޓުވައިގެން ގޭހުގެ އަގު މިހާރަށް ވުރެ ހެޔޮ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ

މޯލްޑިވް ގޭހުން 2017 ވަނަ އަހަރުގެ ޖެނުއަރީން އިން މިއަހަރުގެ އޮގަސްޓް މަހަށް 22،000 ޓަނުގެ ގޭސް ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ. އަދި މި މުއްދަތުގައި 16.8 މިލިއަން ޑޮލަރު (259 މިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. އެހެން ނަމަވެސް އެސްއޯއީ ކޮމިޓީން މާކެޓްގެ އަގުތަކަށް ބަލާ ހަދާފައިވާ ހިސާބުތަކުން ގާތްގަނޑަކަށް 5.7 މިލިއަން ޑޮލަރު (87 މިލިއަން ރުފިޔާ) ކުޑަކޮށް މޯލްޑިވް ގޭހަށް ހަރަދު ކުރެވޭނެ ކަމަށް ދައްކަ އެވެ.