ވޯލްޑް ބޭންކާ އެކު ސަރުކާރުން ހާއްސަ އެއްބަސްވުމެއްގައި ސޮއި ކުރަނީ-- ފޮޓޯ:ފިނޭންސް
10 އޮކްޓޯބަރ 2019 - 23:34
ރާއްޖޭގެ ދެވަނަ ސިސްޓަމެޓިކް ކަންޓްރީ ޑައިގްނޯސްޓިކް (އެސްސީޑީ) އަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ވޯލްޑް ބޭންކުން އޮންލައިން ސާވޭއެއް ފަށައިފި އެވެ.
އެސްސީޑީ އަކީ ވަކި ގައުމަކަށް ހާއްސަކޮށް، އެ ގައުމުގެ ސަރުކާރާއި ކަމާ ބެހޭ އެހެނިހެން ފަރާތްތަކުގެ އިތުރަށް އާންމުންގެ ބައިވެރިވުމާ އެކު ވޯލްޑް ބޭންކުން އެކުލަވައިލާ ރިޕޯޓެކެވެ. ފަގީރުކަން ނައްތައިލުމާއި ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮންނާނެ ފަދަ ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީގެ ކަންކަން ބައްޓަން ކުރުމުގެ ލަނޑުދަނޑި ހާސިލް ކުރުމުގައި ވޯލްޑް ބޭންކުން އެހީވާނެ ގޮތްތައް މި ރިޕޯޓުގެ އަލީގައި ދެނެގަނެވޭނެ އެވެ.
އެސްސީޑީގެ ރާއްޖެއާ ގުޅޭ ފުރަތަމަ ރިޕޯޓް އެކުލަވައިލީ 2016 ގަ އެވެ. އެ ރިޕޯޓުގައި، ރާއްޖޭގެ އިގްތިސާދުގެ ދެ ސިނާއަތް ކަމުގައިވާ ޓޫރިޒަމާއި މަސްވެރިކަން އިތުރަށް ތަރައްގީ ކުރެވޭނެ ގޮތްތައް ހިމަނާފައިވެ އެވެ.
ވޯލްޑް ބޭންކުން ހުޅުވައިލި މި އަހަރުގެ ސާވޭއާ އެކު ރާއްޖެ އަށް ހާއްސަ ޓްވިޓާ އެކައުންޓެއް ވެސް ވަނީ ހަދައިފަ އެވެ. އިނގިރޭސި ބަހާއި ދިވެހި ބަހުން މުއާމަލާތު ކުރެވޭ މި ޕްލެޓްފޯމުގެ ބޭނުމަކީ ރާއްޖެއާ އެކު ބާއްވަމުން އަންނަ ގުޅުން ބަދަހިކޮށް އެކަމުގެ މައުލޫމާތުތައް ވީހާ ވެސް ގިނަ ބަޔަކާ ހިއްސާ ކުރުމެވެ.
"މުޖުތަމައުގެ އެންމެން ޝާމިލްވާ ގޮތަށް ކަންކަން ބައްޓަން ކުރުމުގައި ވޯލްޑް ބޭންކް ގްރޫޕާއި ސަރުކާރުން ގުޅިގެން ގެންގުޅޭ ސްޓްރެޓެޖީ އަށް އެހީތެރިވުމުގެ ގޮތުން ހިޔާލާއި މަޝްވަރާ ދިނުމަށްޓަކައި މިއީ ތަފާތު ފުރުސަތެއް،" ރާއްޖެ އާއި ލަންކާ އާއި ނޭޕާލަށް ވޯލްޑް ބޭންކުގެ ފަރާތުން ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓާ އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވި އެވެ.
މި ފަހަރުގެ ސާވޭ ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހަށެވެ. އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ކުރިއަށްގެންދާ މި ސާވޭގައި އާންމުންނާއި އަމިއްލަ ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
12 October 2019
ބެންކު މެދުވެރިކޮށް މަސްވެރިން ވެސް އަތުއަޅުވައިގެން އެއުޅެނީ.
ޝޮކްތެރަޕީ
11 October 2019
ރާއްޖޭގަ ހުރި ހުރިހާ ފައިސާއެއްބަހާ ހުސްކުރަމުން މިދަނީ މިސަރުކާރުން.