މަންޓާ އިން އިތުރު ސީޕްލޭނެއް ގެނެސްފި

މަންޓާ އެއާ އިން އަނެއްކާ ވެސް އިތުރު ސީޕްލޭނެއް ގެނެސްފި އެވެ.


ދެ ވަނަ ސީޕްލޭންގެ ގޮތުގައި ގެނައީ ޑީއެޗްސީ- 6 ޓްވިން އޮޓާ މަރުކާގެ ބޯޓެކެވެ. މި ސީޕްލޭންގައި ޖާމިން ޖީ950 އެންއެކްސްއައި ޓެކްނޮލޮޖީ ހިމެނެ އެވެ. އެހެންވެ ބޯޓުގެ މެއިންޓެނަންސް ހަރަދު ކުޑަވާނެ އެވެ.

މަންޓާ އިން ފުރަތަމަ ސީޕްލޭން ގެނައީ މިދިޔަ ބުދަ ދުވަހެވެ. އެއީ، އާންމުކޮށް ބޭނުންކުރާ ސީޕްލޭންތަކަށް ވުރެން ލުއި އަދި ފަސިންޖަރުންނަށް ފަސޭހައިން ތިބެވޭނެހެން ފަރުމާ ކޮށްފައިވާ ބޯޓެއް ކަމށް އެ އެއާލައިނުން ބުންޏެވެ.

މަންޓާ އިން ބުނެފައިވާ ގޮތުގައި ޑޮމެސްޓިކް ދަތުރުތަކުގެ އިތުރުން ސީޕްލޭންގެ ހިދުމަތްތަކަކީ ދަތުރު ކުރުމުގައި އާންމުންނަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބޭނެ ހިދުމަތަކަށް ހަދާނެ އެވެ.

މި އަހަރު 10 ސީޕްލޭން ގެނައުމަކީ މަންޓާގެ އަމާޒެވެ. ރާއްޖޭގައި އެންމެ ފަހުން ވައިގެ ހިދުމަތް ދޭން ފެށި މި އެއާލައިނުން ސީޕްލޭން އޮޕަރޭޓްކުރަން ފަށާނީ އަންނަ މަހު އެވެ.

މަންޓާގެ ސީއީއޯ މުހަންމަދު ހަލީލް ވިދާޅުވީ ސީޕްލޭންގެ ހިދުމަތް ފެށުމަކީ އެ އެއާލައިނަށް ލިބުނު އިތުރު ކާމިޔާބީއެއް ކަމަށެވެ. މަންޓާ އެއާ އިން މިހާރު ދަތުރު ކުރަމުން އަންނަނީ ދ. އަތޮޅަށާއި ބ. އަތޮޅަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން މަންޒިލްތަކަށް ވެސް ދަތުރުތައް ފަށާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.