12 އޮކްޓޯބަރ 2019 - 20:07
ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި "އަހަރެންގެ ބޭންކް ކޮމިނިއުޓީ" ފަންޑުގެ ދަށުން އިތުރު ފަސް ޕްރޮޖެކްޓަކަށް ފަންޑު ކުރަން ނިންމައިފި އެވެ.
އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ހޮވި މި ޕްރޮޖެކްޓްތަކުގެ ތެރޭގައި ނ. ހޮޅުދޫ ބަނދަރު ސަރަހައްދުގައި މަސް ކަނޑާ ތަނެއް ހެދުމާއި ހދ. ކުޅުދުއްފުށީގައި ކުޑަ ކުދިންގެ ޕާކެއް ތަރައްގީ ކުރުމަށާއި ރ. ހުޅުދުއްފާރުގައި އަތިރިމަތި ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްގީ ކުރުން ހިމެނެ އެވެ. މީގެ އިތުރުން ހއ. ކެލާ ސްކޫލު ކުރިމަތީގައި ދަރިވަރުންނާއި ބެލެނިވެރިން ބޭނުން ކުރުމަށް ހިޔާވާ ތަނެއް ހެދުމާއި ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ގާއިމް ކުރުމަށް ބޭންކުން އެހީވާނެ އެވެ.
މި ފަސް ޕްރޮޖެކްޓް ހޮވާފައިވަނީ ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިންނެވެ. ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު ސައީދު ވިދާޅުވީ، ބޭންކްގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން ކަމަށެވެ.
"ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފަ،" އޭނާ ވިދާޅުވި އެވެ.
'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު'ގެ ދަށުން ބޭންކުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގާފަ އެވެ. މި ޕްރޮގްރާމްގެ ދަށުން މި އަހަރު ތެރޭ ބީއެމްއެލް އިން ވަނީ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy