ޕްރިއޯޑާ ކުރި ފަހުގެ އައިފޯނުތައް ދިރާގުން ދޫކުރަން ފަށައިފި

އެޕަލް އިން މިދިޔަ މަހު ނެރުނު އައިފޯން 11 އަދި އައިފޯން 11 ޕްރޯ އާއި 11 ޕްރޯ މެކްސް އަށް ދިރާގު މެދުވެރިކޮށް ޕްރީއޯޑާ ކުރި މީހުންނަށް އެ ފޯނުތައް ދޫކުރަން ފަށައިފި އެވެ.


މި ފޯނުތައް ދޫކުރަން ފެށީ ރޭ 12:00 ގައި ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ދިރާގުގެ ސީއެފްއޯ ރޮބިން ވޯލް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ފަހުގެ އައިފޯން ޕްރިއޯޑާ ކުރި ކަސްޓަމަރުން ދިރާގު ހެޑް އޮފީސް ތެރޭ ކިޔޫ ހަދައިގެން-- ފޮޓޯ: މިހާރު

ފޯނު ހޯދަން ކަސްޓަމަރުން ވަނީ ރޭ 10:00 އިން ފެށިގެން ދިރާގުގެ ހެޑް އޮފީހުގެ ބޭރުގައި ކިޔޫ ހެދި އެވެ. ދިރާގުން ޕްރިއޯޑާ ކުރާ ފޯނުތައް ހަވާލުކުރުމަށް އަބަދުވެސް މިފަދަ ކުލަގަދަ ރަސްމިއްޔާތެއް ބާއްވަ އެވެ.

އައިފޯން ޕްރިއޯޑާ ކުރި ކަސްޓަމަރުންގެ ތެރެއިން ދިރާގު ހެޑް އޮފީހަށް ނާދެވޭ ކަސްޓަމަރުންނަށް އެ ކުންފުނީގެ ސާވިސް ސެންޓާތަކުން ވެސް ފޯނު ދޫކުރާނެ އެވެ. އެގޮތުން، އެ ކަސްޓަމަރަކު ބޭނުންވާ ސާވިސް ސެންޓަރެއް ދިރާގަށް އެންގުމުން އެ ސާވިސް ސެންޓަރަކުން ފޯނު ލިބޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.

ދިރާގުން އައިފޯނުގެ ޕްރިއޯޑާ ނަގަން ފެށީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެ ފުރުސަތު ހުޅުވާލިތާ 24 ގަޑިއިރު ތެރޭގައި ފޯނުގެ ސްޓޮކް އެއްކޮށް ވަނީ ހުސްވެފަ އެވެ.