ވާޖިން ގެލޭޓިކްގެ ޖައްވީ ސޫޓް ދައްކާލައިފި

މުސްތަގުބަލުގައި ޖައްވަށް ޓޫރިސްޓިންގެ ގޮތުގައި މީހުން އުފުލަން ނިންމާފައިވާ ވާޖިން ގެލޭޓިކުން އެކަމަށް ހާއްސަކޮށްގެން ތައްޔާރުކިރި ޖައްވީ ސޫޓް ދައްކާލައިފި އެވެ.


ވާޖިން ގެލޭޓިކަކީ އިނގިރޭސިވިލާތުގެ މަޝްހޫރު މަހުޖަނު ބްރޭންސަންގެ ވާޖިން ގްރޫޕްގެ ސަބްސިޑަރީއެކެވެ. ވާޖިން ގެލޭޓިކަކީ ވައިގެ ދަތުރާއި ޖައްވީ މަސައްކަތްތަކަށް ހާއްސަކޮށްގެން 2004 ގައި އުފެއްދި ކުންފުންޏެކެވެ.

ކުރިއަށް އޮތް ތަނުގައި ސްޕޭސް ޓޫރިޒަމަކީ ފުޅާވެގެން އަންނާނެ ކަމަކަށްވާތީ އެކަމަށް ހާއްސަކޮށްގެން. ޖައްވަށް ދަތުރުކުރާ މީހުން ބޭނުންކުރަން ތައްޔާރު ކުރި ސޫޓް ފަރުމާކޮށްފައި ވަނީ ކުޅިވަރުގެ އުފެއްދުންތަކަށް ހާއްސަ ކުންފުނި އަންޑަ އާމާއިންނެވެ. އެތަނުން ފަރުމާކުރި ކުރީ ނޫކުލައިގެ ސޫޓް ކަލެކްޝަނުގައި ބޫޓާއި ޓްރޭނިން ސޫޓާއި ލިމިޓެޑް އެޑިޝަނުގެ ޖެކެޓް ވެސް ހިމެނެ އެވެ.

އަންޑަ އާމާ އިން ބުނިގޮތުގައި ޖައްވީ ސޫޓް ފަރުމާކޮށްފައި ވަނީ އެކަމށް ހާއްސަ މެޓީރިއަލްތަކެއް ބޭނުންކޮށްގެންނެވެ. އަދި މިއީ ފެންވަރު ރަނގަޅު، ގަޔަށް ފަސޭހަވާނެ އުފެއްދުމެއް ކަމަށް ބުންޏެވެ.

ސޫޓް ދައްކާލާފައި ވަނީ ވަރަށް ގިނަ ދުވަހުގެ ޓެސްޓްތަކަށް ވެސް ފަހު އެވެ. އެހެންވެ މިއީ ޖައްވީ ދަތުރަށް ވަރަށް ފައްކާ އުފެއްދުމަކަށް ވާނެކަމުގެ ގެރެންޓީ ވެސް އަންޑަ އާމާ އިން ދީފައިވެ އެވެ.

ވާޖިން ގެލޭޓިކުން ޖައްވީ ދަތުރަކަށް ޓޫރިސްޓުންގެ އަތުން ފީއަކަށް ނަގަން ހަމަޖެހިފައި ވަނީ 250،000 ޑޮލަރު (3,852,500ރ.) އެވެ. ދަތުރަށް ބޭނުންކުރާ ސޫޓް އަގުގެ ތެރޭގައި ހިމަނާފައިވާ އިރު، ސޫޓް ދަތުރަށް ފަހު ސޫޓް އަމިއްލަ ވެސް ކުރެވޭނެ އެވެ.

ވާޖިން ގެލޭޓިކުން ވަނި އަންނަ އަހަރުގެ ތެރޭގައި ސްޕޭސް ޓޫރިޒަމް ޕްރޮގްރާމް ފެށޭނެ ކަމަށް ލަފާކޮށްފަ އެވެ.

ވާޖިން ގެލޭޓިކުން ޖައްވީ ސޫޓް ދައްކައިލި އިރު، ނާސާ އިން ވެސް މިދިޔަ ހަފުތާގައި ވަނީ އެތަނުން 2024 ގައި ހަނދަށް މީހުން ފޮނުވަން ކުރިއަށް ގެންދާ "އާޓެމިސް މިޝަން" ހާއްސަކޮށްގެން ތައްޔާރުކުރި ޖައްވީ ސޫޓްތަކެއް ދައްކާލައިފަ އެވެ.