ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާކެޓް ފޯރަމެއް ބާއްވަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޕިޓަލް މާކެޓް ފޯރަމެއް ބާއްވަން ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޮރިޓީ (ސީއެމްޑީއޭ) އިން ތައްޔާރުވެއްޖެ އެވެ.


މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާ ގުޅިގެން ސީއެމްޑީއޭ އިން މި މަހުގެ 31 ވަނަ ދުވަހު ބާއްވާ މި ފޯރަމުގައި ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއެރުވުމަށް ކެޕިޓަލް މާކެޓުގެ ރޯލުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާނެ އެވެ. ރާއްޖޭގެ ކެޕިޓަލް މާކެޓުގެ ދާއިރާގެ އިސް ވެރިންގެ އިތުރުން ހޮންކޮންގެ ސްޓޮކް އެކްސްޗޭންޖުގައި މަސައްކަތް ކުރައްވާފައިވާ އިސް ބޭފުޅަކު މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ސީއެމްޑިއޭގެ އެކްޓިން ސީއީއޯ ފާތުމަތު އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އިގްތިސާދީ ދުވެލި ކުރިއެރުވުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ މާލީ ދާއިރާގެ ތެރެއިން ވިޔަފާރިތަކަށް ހުރި ފުރުސަތުތައް މަދުވުން ކަމަށެވެ. ކެޕިޓަލް މާކެޓް މެދުވެރިކޮށްގެން މި ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކެޕިޓަލް މާކެޓަކީ އިގްތިސާދީ ދުވެލީގެ ހަގީގީ ހަކަތަ. މިހާރު އިގްތިސާދީ ދުވެއްޔަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދޭނީ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ވިޔަފާރިތަކަށް ޗެނަލް ކުރެވިގެން. މި ނިޒާމަކީ ކެޕިޓަލް މާކެޓް،" ސީއެމްޑީއޭގެ އެކްޓިން ސީއީއޯ ވިދާޅުވި އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ އައުޝަމް ލަތީފް ވިދާޅުވީ މިފަދަ ފޯރަމެއް ބޭއްވުމުގެ ސަބަބުން ރާއްޖޭގެ ކެޕިޓަލް މާކެޓު ކުރިއެރުވުމަށް އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމަށެވެ. އަދި މި މާކެޓުގައި މިހާރު ހުރި ގޮންޖެހުންތައް ފާހަގަކޮށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ސްޓޮކް އެކްސްޗޭންޖުން މައުލޫމާތު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކެޕިޓަލް މާކެޓުގެ ސްޓޭކް ހޯލްޑަރުން ބައިވެރިވާ މި ފޯރަމުން ކެޕިޓަލް މާކެޓާ ގުޅޭގޮތުން ރައްޔިތުންނަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭއިރު މިކަމުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއަރައި ބޭނުންވާ ލަނޑުދަނޑި ހާސިލް ކުރެވޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެތަނުން ބުނީ، މީގެ އިތުރުން މި ފޯރަމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިއްޖެ ނަމަ އާންމު ފަރުދުންނަށް ވިޔަފާރީގެ ފުރުސަތުތަކާއި އިންވެސްޓްމަންޓުގެ ފުރުސަތުތައް ލިބޭނެ ކަމަށެވެ.