ސިއްހީ ނުރަނގަޅު އާދަ ބަދަލުކޮށްލީ ވިޔަފާރިއަކަށް

ސޮފްޓް ޑްރިންކްތަކަށް ދެވިހިފައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުނު އެމެރިކާގެ އަންހެނަކު މޭވާގެ ރަހަތައް ދޭ ފެނެއް ތައްޔާރުކޮށްގެން ކާމިޔާބުވި ވިޔަފާރިވެރިއަކަށް ބަދަލުވި ވާހަކަ މީގެ ދުވަސްކޮޅެއް ކުރިން މީޑިއާގައި އުޅުނެވެ.


މި ފަހަރު ވެސް މިއޮތީ މިކަހަލަ ގޮތަކަށް ކާމިޔާބުވި އަންހެނެއްގެ ވާހަކަ އެވެ. ކެނެޑާގައި ވެންކޫވާގައި ދިރިއުޅޭ 25 އަހަރުގެ ތާރާ ބޯޝް އަކީ ކުރިން ފޮނިގަދަ ކޭންޑީތަކަށް ލޯބިކުރި މީހެކެވެ. އޭނާ ބުނިގޮތުގައި ވަރަށް ކުޑަ އިރުން ފެށިގެން ޒުވާން އުމުރާ ހަމަ އަށް ވެސް އޭނާ އަކީ ކޭންޑީގެ އަޅެކެވެ.

"ދުވާލެއްގެ މައްޗަށް ހަތެއް ނުވަތަ އެގާރަ ކޭންޑީ ޕެކެޓް ނުކާ ދުވަހެއް އޭރު މަދުވާނެ،" ތާރާ ބީބީސީ އަށް ދިން އިންޓަވިއެއްގައި ބުންޏެވެ.

އޭނާ ބުނިގޮތުގައި އެ އާދަ ދޫކޮށްލަން ސީރިއަސްކޮށް ވިސްނަން ޖެހުނީ އުމުރުން މަތިވަމުން ދިޔަ ވަރަކަށް ފޮނި އެއްޗެހި ކައިގެން ހަށިގަނޑަށް ކުރިމަތިވަމުން ދިޔަ ނޭދެވޭ ބަދަލުތަކާ ކަންބޮޑުވާން ފެށުމުންނެވެ.

އެހެންވެ ކޭންޑީއާ ދުރުވެ، އެކަމަކު ވެސް ފޮނި އުފެއްދުމެއްގެ ތެރެއަށް އޭނާ ދާން ބޭނުންވީ ސިއްހީ ގޮތުން ފައިދާ ހުރި އެއްޗެއް އުފައްދައިގެންނެވެ. އެއީ ބްރިޓިޝް ކޮލަމްބިއާ ޔުނިވަސިޓީން އާޓްސް ދާއިރާ އިން ތާރާ ހަދަމުން ދިޔަ ޑިގްރީގެ ތިން ވަނަ އަހަރުގައި ކިޔެވުން ހުއްޓާލާފައި އުފެއްދި "ސްމާޓް ސްވީޓްސް" އެވެ.

މިއީ 2015 ވަނަ އަހަރުގެ އޭނާގެ ބަދިގެ ތެރެއިން އުފަންވި ރެސިޕީއެކެވެ. ވިޔަފާރިއެއް ފަށަން ބެލިއިރު އަތުގައި އޮތީ 105,000 ކެނޭޑިއަން ޑޮލަރު (80,358 ޑޮލަރު) އެވެ. އެކަމަކު އެ ފައިސާ އިން ފުއްދާލައިގެން ތާރާ ވަނީ "ސްމާޓް ސްވީޓްސް" ކޮޅަަށް ޖަހައިފަ އެވެ.

މިއީ އާންމުކޮށް ވިއްކަން މި ހުންނަ ކެންޑީތަކާ ހިލާފަށް "ހަކުރާ ނުލައި" އެކަމަކު ވެސް ފޮނި، އަނގަޔަށް މީރު ކެންޑީތަކެވެ. ތަފާތު ރަހަތައް ލިބެން ވެސް އެބަ ހުއްޓެވެ. އުތުރު އެމެރިކާގައި ބާޒާރުތަކުގައި މިހާރު "ސްމާޓް ސްވީޓްސް" ވަރަށް މަގުބޫލެވެ.

"މިއީ ވަރަށް ގިނަ ދުވަހުގެ ޓެސްޓްތަކާއި ޓްރަޔަލްތަކަށް ފަހު ކާމިޔާބުކުރެވުނު މަސައްކަތެއް،" ސްމާޓް ސްވީޓްސްގެ ނަމުގައި ކުންފުންޏެއް ވެސް ރަޖިސްޓްރީކޮށްފައިވާ ތާރާ ބުންޏެވެ. "އެންމެ ހިތްހަމަޖެހުނު ކަމަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރެންގެ ރެސިޕީ އަށް ބޮޑު މަގުބޫލު ކަމެއް ލިބުން."

މި އަހަރު ވެސް އެކަނި ވެސް ކުންފުނީގެ އާމްދަނީ ވަނީ 40 މިލިއަން ޑޮލަރަށް އަރައިފަ އެވެ. "ސްމާޓް ސްވީޓްސް" ގައި މިހާރު 47 މުވައްޒަފުން މަސައްކަތްކުރެ އެވެ. ތާރާ މިހާރު ނިންމައިގެން ހުރީ އުތުރު އެމެރިކާ އިން ބޭރަށް އޭނާގެ އުފެއްދުން މާކެޓްކުރާށެވެ. "ސްމާޓް ސްވީޓްސް" މުޅި ދުނިޔެ އަށް ފުޅާކުރާށެވެ.

"ބޮޑުވަމުން އައި އިރު އަހަންނަކީ އެހާ ސްމާޓް އަދި އެހާ އެތުލެޓިކް މީހެއް ވެސް ނޫން. އެކަމަކު ސްމާޓް ސްވީޓްސްގެ ތެރެއިން ދަސްވި މައިގަނޑު ކަމަކީ އަމިއްލަ ހުނަރު ނެރެގެން މަސައްކަތްކޮށްފި ނަމަ ނުވާނެ ކަމެއް ނޯންނާނޭ،" ތާރާ ބުންޏެވެ.