ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލުކުރާ ހުރިހާ ކުޅިވަރު ޓީމުތަކެއްގައި "ސަނީ ސައިޑް އޮފް ލައިފް" ޕްރޮމޯޓް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ގައި ހުންނަވާ އަލީ ވަހީދު ވިދާޅުވީ، ރާއްޖެ ޕްރޮމޯޓް ކުރުމުގައި ބޭނުން ކުރާނީ ފުޓްބޯޅަ އެކަނި ނޫން ކަމަށާއި ކުޅިވަރުތަކުގައި ރާއްޖެ ތަމްސީލު ކުރާ އެމްބެސެޑަރުން ނުވަތަ ކުޅިވަރު ޓީމުތަކުގައި ކުޅުންތެރިން މެދުވެރިކޮށް ރާއްޖޭގެ އިޝްތިހާރު ކުރައްވާނެ ކަމަށެވެ.
"އެއީ ޓީޓީ ވިޔަސް ޓެނިސް ވިޔަސް ހޭންޑް ބޯޅަ ވިޔަސް ބާސްކެޓް ބޯޅަ ވިޔަސް ފުޓްބޯޅަ ވިޔަސް ނުވަތަ ސްވިމިން ވިޔަސް، ސަނީ ސައިޑް އޮފް ލައިފް ޕްރޮމޯޓް ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ޑަބްލިއުޓީއެމްގައި ރާއްޖޭގެ ސްޓޯލު ތަފާތުކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ދުނިޔެ އަށް ޒަމާނީ ބަދަލުތައް އަންނަ އިރު ޓޫރިޒަމުން ވެސް އެ ބަދަލުތައް ފެންނަ ކަމަށެވެ. އެހެންކަމުން ޓޫރިޒަމްގެ ބޮޑެތި ފެއާތަކުގައި އެ ބަދަލުތައް ގެނައުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި ކަނޑައަޅާފައިވާ ބަޖެޓާ މެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި އެ ބަޖެޓު އިތުރަށް ބޮޑު ކުރައްވާނެ ކަމަށެވެ. އެމްއެމްޕީއާރްސީ އަށް ކަނޑައަޅާފައިވާ ބަޖެޓުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާ ޑައިވާސިފައި ކުރުމަށްޓަކާ ޓޫރިޒަމް މިނިސްޓްރީގެ ބަޖެޓަށް ބައެއް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އަލީ ވަހީދު ޑަބްލިއުޓީއެމްގައި ބައިވެރިވެވަޑައިގަތުމުގެ ކުރިން ވަނީ ސްޕެއިނަށް ވަޑައިގެން ސްޕެނިޝް ލީގުގެ ކްލަބެއް ކަމަށްވާ ސެލްޓަވީގޯގެ ޖާޒީގައި ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.
ތިން އަހަރަށް ހެދި މި އެގްރީމަންޓްގެ ދަށުން ކޮންމެ އަހަރު އެ ކްލަބަށް ނުވަ ލައްކަ ޑޮލަރު ދައްކަން ޖެހެ އެވެ. ރާއްޖޭގެ ނަން ހިމެނޭ ޖާޒީއާ އެކު އަންނަ ހޮނިހިރު ދުވަހު ބާސެލޯނާއާ ދެކޮޅަށް ސެލްޓަ ވީގޯ ނުކުންނާނެ އެވެ.