ލ އަތޮޅުގައި "ރަހާ" ގެ ނަމުގައި ފޯ ސްޓާ ރިސޯޓެއް ހުޅުވައިފި އެވެ.
މި މަހުގެ އެއްވަނަ ދުވަހު ހުޅުވި މި ރިސޯޓަކީ، 1970 ގެ އަހަރުތަކުގައި ރާއްޖޭގައި ޓޫރިޒަމް ތައާރަފްވެގެން އައިއިރު ހުރި ކޮންސެޕްޓްތައް ނަމޫނާއަކަށް ބަަލައިގެން ހަދާފައިވާ ރިސޯޓެކެވެ.
ރިސޯޓުގެ ވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ، މި ރިސޯޓުގެ އެންމެ ހާއްސަ ކަމަކީ މެދުފަންތީގެ މީހުންނަށް ދެވޭ ފެންވަރުގެ ރިސޯޓަކަށް ވުން ކަމަށެވެ. ރާއްޖޭގައި އަދިވެސް އެންމެ ގިނައީ ފައިވް ސްޓާ އިން މަތީ ރިސޯޓުތައް ކަމަށް ވާތީ އެތަންތަނުގެ އަގުތައް ހުންނަނީ މެދުފަންތީގެ މީހުންނަށް އެކަށީގެންވާ އަގުތަކެއްގައި ނޫން ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރީގައި ރާއްޖޭގައި ފެށިގެން އައި ޓޫރިޒަމް މި އަންނަނީ. މިތަނުގައި ހުންނާނީ ދެ ކޮޓަރީގެ ބަންގްލޯ އާއި ހަތަރު ކޮޓަރީގެ ބަންގްލޯތައް،" އޭނާ ވިދާޅުވި އެވެ.
އާއިލާއާ އެކު އައިސް ޗުއްޓީ ހޭދަކުރޭގޮތަށް އެ ރިސޯޓުގެ ރޫމްތައް ޑިޒައިންކޮށްފައިވާ އިރު މި ރިސޯޓުން ރާއްޖޭގައި ކުރިން ބޭނުން ކުރި ރިޔަލު ދޯނިފަހަރުގެ ޑިޒައިންތައް އިމާރާތްތަކުން ފެންނާނެ އެވެ.
މޫސަ ވިދާޅުވީ، ލ. އަތޮޅު ފަދަ ޓޫރިޒަމް ކުރިއަރުވަން ޖެހޭ އަތޮޅެއްގައި ރިސޯޓުތަކުގެ އަގުތައް އަތް ފޯރާ ފަށުގައި ހުރުން މުހިއްމު ކަމަށެވެ. މި ރިސޯޓުގެ ވަށައިގެން ބޮޑު ފަޅެއް އޮންނަ އިރު ސްޓާ ވޯޒްގެ ރޯގް ވަންގެ އެއްބައި އެ ރަށުގައި ވެސް ކުޅެފައިވެ އެވެ.
މި ރިސޯޓުގެ ރޫމްތަކާއި ރިސެޕްޝަން އަދި ރެސްޓޯރެންޓް ވެސް ޑިޒައިން ކުރައްވާފައި ވަނީ މޫސަ އެވެ. މި ރިސޯޓުގައި 100 ކޮޓަރި ހުންނަ އިރު ހުރިހާ ކޮޓަރިއަކީ ވެސް ބީޗް ވިލާ އެވެ. މީގެ އިތުރުން ވޯޓާ ސްޕޯޓްސްގެ ކުޅިވަރުތަކާއި ޑައިވިން އާއި ސްޕާގެ ހިދުމަތް ވެސް މި ރިސޯޓުން ލިބޭނެ އެވެ.