ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރުގެ ޝަރުތުތަކަށް ބަދަލު ގެންނަން ހުށަހަޅައިފި

މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރުގެ ޝަރުތުތައް އިސްލާހުކޮށް އެމްއެމްއޭގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުން ހުށަހެޅި ބިލް މަޖިލީހުން ބަލައިގެންފި އެވެ.


މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމެވެ. އެ ބިލުގައި ބުނެފައިވަނީ ގަވަރުނަރަށް ނުވަތަ ޑެޕިއުޓީ ގަވަރުނަރަށް އައްޔަން ކުރާ މީހަކު ވާން ޖެހޭނީ އިގްތިސާދީ ނުވަތަ ބޭންކިން ނުވަތަ މާލީ ދާއިރާއިން ޑިގްރީއެއް ހާސިލްކޮށް، 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ކަމަށެވެ. މިހާރު ގާނޫނުގައި ވާގޮތުގެ މަތިން މީގެ ތެރެއިން އެއްވެސް ދާއިރާއަކުން 10 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލް ކޮށްފައިވާ މީހަކު ގަވަރުނަރަށް ނުވަތަ ޑެޕިއުޓީ ގަވަރުނަރަށް އައްޔަން ކުރެވިދާނެ އެވެ. އަދި މިއިން ދާއިރާއަކުން ތައުލީމް ހާސިލްކޮށްފައިވާ ނަމަ ފަސް އަހަރުގެ ތަޖުރިބާއާ އެކު ވެސް ގަވަރުނަރު އައްޔަން ކުރެވިދާނެ އެވެ.

މި ބިލުގައި ސަރުކާރުން ވަނީ ބޯޑު މެމްބަރުންގެ ޝަރުތުތަކަށް ވެސް ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން، ބޯޑަށް އައްޔަން ކުރެވޭ މީހުން ވެސް ވާން ޖެހޭނީ އިގްތިސާދީ ނުވަތަ ބޭންކިން ނުވަތަ މާލީ ދާއިރާއިން ޑިގްރީ ހާސިލްކޮށް ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ ބަޔަކަށެވެ. މިހާރުގެ ގާނޫނުގެ ދަށުން މިއިން ކޮންމެ ދާއިރާއަކުން ވެސް ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާނަމަ ބޯޑު މެމްބަރަކަށް ވެވިދާނެ އެވެ.

މިހާރު އެމްއެމްއޭގެ ގަވަރުނަރަކަށް ހުންނަނީ ދާދިފަހުން އެ މަގާމަށް އައްޔަން ކުރި އަލީ ހާޝިމެވެ. އަދި ޑެޕިއުޓީ ގަވަރުނަރަކީ އައިޝަތު ޒާހިރާ އެވެ.

މި ބިލަކީ އެމްއެމްއޭގެ މައިގަނޑު މަސައްކަތްތައް ޒަމާނީ ސެންޓްރަލް ބޭންކުތަކުގެ މަސައްކަތްތަކާ އެއްގޮތްކޮށް، އެ އިދާރާގެ ޑައިރެކްޓަރުންގެ ބޯޑަކީ ފަންނީ އަދި ޕްރޮފެޝަނަލް ބޯޑަކަށް ހެދުމަށް މަގުފަހިކުރުމުގެ ގޮތުން ހުށަހެޅި ބިލެކެވެ.

މި ބިލުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާ އާއި އިގްތިސާދު ކުރިއެރުވުމަށް އެކި މަޝްރޫއުތައް ހިންގައި، މާލީ ދާއިރާ ތަރައްގީ ކުރުމުގެ ގާނޫނީ ބާރު ވެސް އެމްއެމްއޭ އަށް ލިބިގެންދާނެ އެވެ. އަދި އަދި ސަރުކާރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ސަރުކާރުގެ ސެކިއުރިޓީޒް މާކެޓް ތަރައްގީކޮށް އެ މާކެޓުގައި ހަރަކާތްތެރިވާ ފަރާތްތައް ރެގިއުލޭޓް ކުރުމުގެ ބާރު ވެސް މި އިސްލާހުގެ ސަބަބުން އެމްއެމްއޭ އަށް ލިބިގެންދާނެ އެވެ.