މީރާ: މިދިޔަ މަހު އެ އިދާރާއިން ބަލައިގަތް ފައިސާގެ އަދަދު ވަނީ އިތުރުވެފައި --ފޮޓޯ/މިހާރު
11 ޑިސެމްބަރ 2019 - 12:24
މިދިޔަ މަހު މީރާ އިން 1.15 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަަމަށް އެ އިދާރާ އިން ބުނެފި އެވެ.
މިއީ މި މުއްދަތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 33.5 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މީރާ އިން ބަލައިގަތް ރުފިޔާ އަށް ވުރެ 17.7 ޕަސެންޓް އިތުރު އަދަދެކެވެ. މި އަދަދު އިތުރުވީ ޓީޖީއެސްޓީ އާއި އެއާޕޯޓު ސާވިސް ޗާޖާއި ގްރީން ޓެކްސްގެ އިތުރުން ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން ކަމަށް މީރާ އިން ބުންޏެވެ.
މިދިޔަ މަހު އެ އިދާރާ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ 651.68 މިލިއަން ރުފިޔާ ނުވަތަ މުޅި އާމްދަނީގެ 56.6 ޕަސެންޓެވެ. ދެ ވަނަ އަށް އެންމެ ގިނައިން ލިބުނު، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީގެ ގޮތުގައި 153.6 މިލިއަން ރުފިޔާ ލިބުނެވެ. މިއީ ޖުމްލަ އާމްދަނީގެ 13.3 ޕަސެންޓެވެ.
މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 73.15 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއާޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 60.17 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި 59.73 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކްސް އާއި ފީގެ ގޮތުގައި މީރާ އިން ވަނީ 152.4 މިލިއަން ރުފިޔާ ބަލައިގެންފަ އެވެ.
މީރާ އިން ބުނީ މިދިޔަ މަހު އެ އިދާރާ އިން ބަލައިގަތް ފައިސާގެ ތެރެއިން 51.6 މިލިއަން ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy