އެމްޓީސީސީގެ މުވައްޒަފުންތަކެއް ކޮންނަ ބޯޓުތައް ކައިރީގައި-- ފޮޓޯ: އެމްޓީސީސީ
18 ޑިސެމްބަރ 2019 - 10:13
ފަޅު ފުންކުރުމާއި ބިންހިއްކުމާއި، އުމްރާނީ ތަރައްގީ އާއި އިމާރާތްކުރުން، ދަތުރުފަތުރާއި އަދި އިންޖިނިއަރިންގެ އެކި ދާއިރާތަކުން ދިވެހިރާއްޖެ ވަނީ ތަރައްގީގެ މުހިންމު މަރުހަލާތަކެއް ކަޑައްތުކޮށްފަ އެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީގެ ދަތުރުގައި އައި ބަދަލުތަކުގެ އެންމެ ބޮޑު ބައިވެރިއަކީ 39 އަހަރު ކުރިން ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި އުފެދުނު "މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ" ކަން ދިވެހިން ހަނދާން އެބަހުއްޓެވެ. އެ ކުންފުނި އުފެދުނު ފަހުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނިން ވަނީ އުމްރާނީ ތަރައްގީގެ އެތަކެއް މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ނިންމައިފަ އެވެ.
މިހާރު ވެސް ވަރަށް ހަލުވިކަމާ އެކު ގިނަ ރައްތަކެއްގައި އެ ކުންފުނިން އަންނަނީ އުމްރާނީ ތަރައްގީގެ އެތަކެއް މަސައްކަތްތަކެއް ހިންގަމުންނެވެ. އެ ކުންފުނިން ހިންގާ މިފަދަ މަސައްކަތްތަކަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ރައްޔިތުންގެ ދިރިއުޅުމާ ގުޅި ލާމެހިފައިވާ މަސައްކަތްތަކެކެވެ. އަދި އޭގެ ކޮންމެ މަސައްކަތަކީ ވެސް އިގްތިސާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް ނުހަނުގިނަ ފައިދާތަކެއްކުރާ މަސައްކަތެކެވެ.
މިއަދަކީ ރާއްޖޭގެ ޢުމްރާނީ ތަރައްގީ އާއި އަދި އިޖުތިމާ ވަސީލަތްތައް ބިނާކުރުމުގައި އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ ކުންފުނީގެ 39 ވަނަ އަހަރީ ދުވަހެވެ. އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ކުންފުނީގެ މުވައްޒަފުންނަށް ވަނީ އެމްޓީސީސީގެ ފެންނާ ގިމަތާގައި ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. މީގެ އިތުރުން އެމްޓީސީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެ ކުންފުނީގެ 100 އަށް ވުރެ ގިނަ މުވައްޒަފުން މޯލްޑިވްސް ބްލަޑް ސާވިސަސް އަށް ލޭ ހަދިޔާ ކުރުމުގެ ހާއްސަ ޕްރޮގްރާމެއްގައި ބައިވެރިވާނެ އެވެ. އަދި އަހަރީ ދުވަހާއި ގުޅުވައިގެން ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މެޑިކަލް ޗެކްއަޕް ހެދުމުގެ ހަރަކާތްތަކެއް ހިންގުމަށް ކުންފުނިން ހަމަޖައްސާފައިވެ އެވެ.
އެމްޓީސީސީ މިދިޔަ އަހަރު ބޭއްވި ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި އެކުންފުނީގެ އެމްޑީ، މުވައްޒަފުންނާ އެކު-- ފޮޓޯ:އެމްޓީސީސީ
ޝައްކެއް ވެސް ނެތް ގޮތުގައި އެމްޓީސީސީ އަކީ އުމްރާނީ ތަރައްގީ އަދި އިމާރާތްކުރުމުގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ ދިވެހި ކުންފުންޏެވެ. މިކަމުގެ ހެއްކެއްގެ ގޮތުން ވޭތުވެދިޔަ 39 އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް އެއްފަހަރާ އެމްޓީސީސީން ވަނީ ހިންގައިފަ އެވެ. އެގޮތުން މިހިނގާ 2019 އަކީ ވެސް ތަފާތު ގިނަ މަޝްރޫއުތަކެއް، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާ ހަމަޔަށް، ގިނަ އަތޮޅުތަކެއްގައި ހިނގަމުންދާ އަހަރެކެވެ. މި އަހަރު މިހާތަނަށް އެމްޓީސީސީގެ ޓީމުން 53 މަޝްރޫއެއްގެ މަސައްކަތް ހީވާގިކަމާ އެކު ކުރަމުންދެ އެވެ.
ހޯރަފުށީ ހިއްކި ސަރަހައްދު-- ފޮޓޯ: އެމްޓީސީސީ
އުމްރާނީ ތަރައްގީ އާއި އިމާރާތްކުރުމުގެ ދާއިރާއިން އެމްޓީސީސީން ވަނީ އާ ޓެކްނޮލޮޖީ އާއި ހުނަރު ތައާރަފްކޮށް މި ދާއިރާގެ މަސައްކަތަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްދީފަ އެވެ. ރާއްޖޭގެ މާހައުލުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ދިމާވާ މައްސަލަތަކާއި ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުން މޮބިލައިޒޭޝަން އާއި އޮޕަރޭޝަނަލް ކަންކަމުގައި ގެންގުޅޭނެ އަމިއްލަ އުސޫލުތަކާއި މަސައްކަތް ކުރާ އަމިއްލަ މިންގަނޑުތަކެއް ކުންފުނިން ވަނީ އެކުލަވާލައި ތަރައްގީކޮށްފަ އެވެ.
ނާލާފުށި ބަނދަރު. މި ބަނދަރު ހަދާފައިވަނީ އެމްޓީސީސީން-- ފޮޓޯ: އެމްޓީސީސީ
އެ ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓް މެނޭޖްމެންޓް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރ އަހުމަދު ލަތީފު ވިދާޅުވީ، އެމްޓީސީސީން އަބަދުވެސް މަސައްކަތް ކުރަނީ ގައުމުގެ ތަރައްގީ އަށް ބޭނުންވާ މުހިއްމު މަސައްކަތްތައް ކޮށްދީ، ރައްޔިތުންނަށް ލުއިފަސޭހަ ދިރިއުޅުމެއް މަގުފަހި ކުރުމަށްޓަކަ އެވެ.
އުމްރާނީ ތަރައްގީ އާއި އިމާރާތްކުރުމުގެ ސިނާއަތުގެ ތެރެއިން އެ ކުންފުނީގެ ޅަފަތުގައި އެންމެ ފުރަތަމަ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއަށް ވަދެފައިވީ ނަމަވެސް ފާއިތުވެދިޔަ އަހަރަތަކުގެ ތެރޭގައި އެ ކުންފުނިން ވަނީ އިމާރާތްކުރުމުގެ ސިނާއަތުގެ އެހެން މަސައްކަތްތަކުގެ ތެރެއަށް ވެސް ވަދެފަ އެވެ. އެގޮތުން ބިންހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި، އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތާއި، އިމާރާތްކުރުމުގެ މަސައްކަތާއި، މަގު އަދި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ހިމެނެ އެވެ. މިކަންކަމުގެ އިތުރަށް ސާވޭ އާއި ޑިޒައިން ކުރުމުގެ މަސައްކަތާއި، ތިމާވެއްޓާ ބެހޭ ލަފާ ދިނުމުގެ މަސައްކަތް އެމްޓީސީސީން މިދިޔަ ދުވަސްތަކުގައި ކޮށްފައިވެ އެވެ.
މިކަންކަމަކީ ރާއްޖޭގެ އިގްތިސާދީ ދުވެއްޔަށް ހަލުވިކަމެއް ގެނެސްދިން ކަންކަމެވެ. މިގޮތުން އެމްޓީސީސީން ވިޔަފާރި އާއި އެކީ ސިނާއަތްތަކަށް ފަސޭހަވާނެ ފަދަ ޓެކްނޮލޮޖީ ވާނީ ތައާރަފް ކޮށްފަ އެވެ. އުމްރާނީ ތަރައްގީ އާއި އިމާރާތްކުރުމުގެ ސިނާއަތަށް ފަސޭހަވާނެ ގޮތަށް ސާވޭ ކުރުމުގެ ދާއިރާއިން ޓޮޕޮގްރެފިކް، ހައިޑްރޯގްރެފިކް އަދި އިންޖިނިއަރިންގެ ޓެކްނޮލޮޖީގެ އިތުރުން އެ މަސައްކަތަށް ބޭނުންވާ ހުނަރާއި ގާބިލްކަން ވަނީ ހޯދާފައިވެ އެވެ. އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓްގެ މަސައްކަތް ކުރަން ފަށާ، ސާވޭ ކުރުމުގެ ދާއިރާ އަށް ބޭނުންކުރެވޭނެ ފަދަ އިނޮވެޓިވް ޓެކްނޮލޮޖީތައް ރާއްޖެ އަށް ތައާރަފްކުރުމުގައި އެމްޓީސީސީގެ ހިއްސާ ބޮޑެވެ.
އެމްޓީސީން ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅުވައިދިން ކުންފުންޏެވެ. އެ ކުންފުނިން 2001 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ފޯރުކޮށްދެމުންދާ ދަތުރު ފަތުރުގެ ހިދުމަތް ފުޅާވެގެން ގޮސް، މުޅި ރާއްޖޭގައި ގާއިމްކޮށްފައިވާ ދަތުރު ފަތުރުގެ ނިޒާމުގައި އަހަރަކު 16 މިލިއަން ފަސިންޖަރުން މިހާރު ދަތުރުކުރެ އެވެ. މިހާރު އެމްޓީސީސީއަކީ ރާއްޖޭގެ އާބާދީގެ 85 އިންސައްތަ އަށް ދަތުރުފަތުރުގެ ވަސީލަތް ފޯރުކޮށްދޭ ޚިދުމަތްތެރިއެކެވެ.
އެމްޓީސީސީގެ ވިލިންގިލި ފެރީ-- ފޮޓޯ: އެމްޓީސީސީ
އެ ކުންފުނީގެ ޓްރާންސްޕޯޓް ވިއުގަ މެދުވެރިކޮށް ފަސިންޖަރުންނާއި މުދާ އެއްތަނުން އަނެއްތަނަށް އުފުލައިދީ، އިގްތިސާދީ ހަރަކާތްތަކާއި އިޖުތިމާއީ ގުޅުންތައް ތަނަވަސްކޮށްދިނުމަށްޓަކައި 169 ރަށަކަށް 47 ފެރީގެ ހިދުމަތް ދެ އެވެ. އެގޮތުން ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ. އާއި ގދ. ގައި ވެސް ފެރީގެ ހިދުމަތް ދެމުންދެ އެވެ. އެމްޓީސީސީން ރާއްޖޭގެ ބޮޑު އެންމެ ފުޅާ ދާއިރާއެއްގައި ފެރީގެ ހިދުމަތް ދެނީ މާލޭ ސަރަހައްދަށެވެ.
އެމްޓީސީސީން މިއަހަރުގެ މިހާތަނަށް ކުރި ދަތުރުތައް
އެމްޓީސީސީގެ އާންމު ވިޔަފާރީގެ އެންމެ ބޮޑު މަޤްސަދަކަށް ވެފައިވަނީ ކަނޑުދަތުރުފަތުރުގެ ދާއިރާ އާއި ހަކަތަ އުފެއްދުމުގެ ދާއިރާ އާއި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތްތަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އޮޑިވެރިންނާއި މަސްވެރިކަމުގަ އާއި ބޭނުންކުރާ ދޯނިފަހަރު މެދުނުކެނޑި މަހަށް ނުކުތުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ތަފާތު އެކު ކަހަލަ ހައްލު ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ރާއްޖެއަށް ތައާރަފްކޮށްދީ މި ސިނާއަތް ތަރައްގީކުރުމުގައި ވަރަށް މުހިންމު ދަރުއުރެއް އަދާކޮށްދީފަ އެވެ. އެ ކުންފުނިން ވިއްކާ ޕްރޮޑަކްޓްސް ތެރޭގައި އިސްވެ ދެންނެވުނު ސިނާއަތްތަކުގެ ބައިވެރިންގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ ދުނިޔޭގައި ނަން މަޝްހޫރު ބްރޭންޑްތަކުގެ ގިނަ ބާވަތްތަކެއް ހިމެނެ އެވެ.
އޭގެ ތެރޭގައި ކާސްޓްރޯލް އަޑީ ތެލާއި، ސިގްމާ މެރިން ކޯޓިން، ސުޒުކީ އިންބޯޑް އަދި ޔަންމާ އައުޓްބޯޑް މެރިން އިންޖީނާއި ޖަނަރޭޓަރު، މާރޯލް ހުންގާނު ސިސްޓަމް، އިންޑަސްޓްރިއަލް ގޭސް އަދި އޮޑިދޯނިފަހަރު ބަނުމަށް ބޭނުންކުރާ ސޮކޮޓްބާޑާ ފައިބަރު ކޮމްޕޮސިޓް ހިމެނެ އެވެ.
އެމްޓީސީސީގެ މުވައްޒަފުންތަކެއް-- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީގެ 39 އަހަރުގެ ހަޔާތުގައި ވަނީ ކަނޑުދަތުރުފަތުރާއި، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ވާދަވެރި ދާއިރާތަކުގައި މަގުދައްކާ ކުންފުންޏެއްގެ ދައުރު އަދާކުރުންމަތީ ދެމިތިބުމަށް ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. ރާއްޖޭގެ އާބާދީ ބޮޑުވެ، ވާދަވެރިކަން އިތުރުވަމުން އަންނަ މާހައުލެއްގައި އިތުބާރުކުރެވޭ އެންމެ ރަނގަޅު ފެންވަރުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު ވެސް އެމްޓީސީސީން ވަނީ އެ ކުންފުނީގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ މުހިންމު ސިނާއަތްތައް ދިރުވާ ކުރިއެރުވުމަށް އެހީތެރިވެފައި ކަމުގައި އެ ކުންފުނީގެ ޓްރޭޑިންގް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖާ އިސްމާއިލް އަދުހަމް ވިދާޅުވި އެވެ.
އެ ކުންފުނީގެ މާކެޓިންގެ އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖާ ޝިފާއު އަލީ ވިދާޅުވީ، ހިދުމަތް ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުން ބޭނުންވާ ހައްލު ހޯދައިދިނުމަށާއި ވިއްކާ ޕްރޮޑަކްޓްސްތަކާއި ދެވޭ ހިދުމަތުން އާންމުންގެ އިތުބާރު ހޯދުމަށް ކަމަށާއި އެކަން ވޭތުވެދިޔަ އަހަރުތަކުގައި ކުރެވުނު މަސައްކަތުން ހާސިލުވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ކުންފުނީގެ އެންމެ ބޮޑު އަމަޒަކީ އެމްޓީސީސީން ހަރަކާތްތެރިވާ އެންމެހާ ވިޔަފާރިތަކުގައި ކުންފުނީގެ ކަސްޓަމަރުންނަށް ޒަމާނީ ހައްލު ހޯދައިދިނުން ކަމަށް ވިދާޅުވި އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޝާހު ސެންޓާރާ ރިސޯޓާ އެކު އެއްބަސްވުމެއްގައި ސޮއި ކުރަނީ-- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީއަކީ ރަނގަޅު މުޖުތަމައެއް ބިނާކުރުމުގައި ވެސް ރާއްޖޭގައި ނަމޫނާ ކުންފުންޏެކެވެ. މި އަހަރު ތެރޭގައި އެކަނި ވެސް އެމްޓީސީސީން ވަނީ ތަފާތު އެތައް އިޖުތިމާއީ ހަރަކާތްތަކަށް އެހީތެރިވެދީފަ އެވެ. އެގޮތުން އެމްޓީސީސީން ވަނީ ކުންފުނީގެ ވަސީލަތްތަކާއި ހުނަރު އަދި ފަންނުވެރިކަން ބޭނުންކޮށްގެން ސަރުކާރުގެ އެކި ވުޒާރާތަކާއި، ކައުންސިލްތަކާއި، އެކި ޖަމިއްޔާތަކާއި، ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށް ދީފަ އެވެ.
ހޯރަފުށި ހިއްކި ސަރަހައްދުގައި ގަސް އިންދުމުގެ މަސައްކަތް-- ފޮޓޯ:އެމްޓީސީސީ
ތަފާތު ކުޅިވަރު ހަރަކާތްތަކާއި ތައުލީމާއި ޒުވާނުންގެ އިޖުތިމާއީ ހަރަކާތްތަކަށް ވޭތުވެދިޔަ އަހަރު އެމްޓީސީސީން އެހީތެރިވެދީފައިވެ އެވެ. އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގައި ދެން އެންމެ އިސްކަމެއްދެނީ ރަށްރަށާ އަތޮޅުތަކުގެ ނަފާ އިތުރުކޮށްދިނުމެވެ. އެގޮތުން ހޯރަފުށީ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހު އެމްޓީސީސީން ނިންމާފައިވާއިރު، އެ ރަށުގެ ކައުންސިލްގެ ރައީސް މުހަންމަދު ވަހީދު ވިދާޅުވީ ރަށުގައި ކުރިއަށްދާ އިޖްތިމާޢީ މުހިންމު ކަންކަމުގައި ވެސް އެމްޓީސީސީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.
"ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، ރަށުގައި ގަސްއިންދުމުގެ ހަރަކާތްތަކުގައި ވެސް އެމްޓީސީސީގެ ބޮޑު އެހީތެރިކަމެއް ލިބޭ. އާ އަހަރާ ދިމާކޮށް އެއާޕޯޓު ހިއްކާފައިވާ ސަރަހައްދުގައި އެއްލައްކަ ގަސް އިންދުމުގެ މަސައްކަތްކުރަން މިއުޅެނީ. އެކަމުގައި ވެސް އެމްޓީސީސީގެ އެހީތެރިކަން އަންނަނީ ލިބެމުން."
އެމްޓީސީސީން ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް ޚިދުމަތްކޮށްދެމުން އަންނައިރު އެމްޓީސީސީން އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުންދާ ކަންތައްތަކަކީ ވެސް ދިވެހިން ބަލައިގަންނަ ކަންތައްތަކެކެވެ. އަދި އެއީ އެ ކުންފުންޏަށް ޝުކުރު ހައްގު ކަންތައްތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު ރަޝީދު
18 December 2019
އެމްޓީސީސީ އޮތީ ރައްޔިތުންގެ ހިދުމަތުގައިތޯ ނޫނީ ވިޔަފާރީގެ ނަފާހޯދުމުގަތޯ؟
ޖީން ވައިސް
18 December 2019
އަމިއްލަ އެދުމާއި ކުޅިވަރުކުޅޭ ތަނެއްގެ ގޮތުގައި ސިފަ ވަނީ. އަބަދުމެ ބޮޑުން ބޭރަށް ދަތުރުކުރާ ތަނެކެވެ