މިހާރު ހިންގާ ގޮތަށް ސީ ޕްލޭން ޓާމިނަލް ހުޅުވަނީ

ސީ ޕްލޭން ޓާމިނަލް އަންނަ މެއި މަހުގެ ތެރޭގައި ހުޅުވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި އެތަން ހުޅުވާނީ މިހާރު ވެސް ސީ ޕްލޭން ޓާމިނަލް ހިންގާ އުސޫލުން ހިންގާ ގޮތަށް ކަމަށް އެމްއޭސީއެލްއިން ބުނެފި އެވެ.


އެކަމަކު އެމްއޭސީއެލްގެ އެކްޓިން މެނޭޖަރު މޫސާ ސޯލިހު ވިދާޅުވީ، ސީ ޕްލޭން ޓާމިނަލް މިހާރު ވެސް ހިންގާ ގޮތަށް ހިންގަމުން ގޮސް ތިން އަހަރުގެ ތެރޭގައި އެމްއޭސީއެލްއާ އެއްކޮށް ހަވާލުވާނެ ކަމަށެވެ. މިހާރު ސީ ޕްލޭން ޓާމިނަލް ހިންގަނީ އެކި ސީ ޕްލޭންތައް އޮޕަރޭޓް ކުރާ އެކި ކުންފުނިތައް ގުޅިގެންނެވެ.

ސީޕްލޭން ޓާމިނަލް ހުޅުވާނީ ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާ އެކު ކަމަށް މޫސާ ސޯލިހު ވިދާޅުވި އެވެ. އެގޮތުން ސީ ޕްލޭންތައް މަޑުކޮށްގެން އޮންނަ ޖެޓީ ހެދުމަށް ބޭނުންކޮށްފައިވާ މެޓީރިއަލްގެ އުމުރަށް 50 އަހަރުގެ ގެރެންޓީ އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ. އާންމު ޖެޓީތަކާ ހިލާފަށް، އެއީ މަތިންދާ ބޯޓުތަކަށް ތެލާއި ފެނާއި ކަރަންޓު ވެސް ފަސޭހަ ކަމާ އެކު ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ޖެޓީތަކެކެވެ.

އާ ސީ ޕްލޭން ޓާމިނަލްގެ ހިދުމަތް ދޭން ފެށުމުން، ކުރީގެ ޓާމިނަލުން ދޭ ހުރިހާ ހިދުމަތްތަކެއް އާ ޓާމިނަލަށް ބަދަލުކުރުމަށް ގާތްގަނޑަކަށް ފަސް ވަރަކަށް މަސް ދުވަސް ނަގާނެ އެވެ.

މޫސާ ސޯލިހު ވިދާޅުވީ، ޓާމިނަލް ހިންގާނީ އެމްއޭސީއެލުން ކަމަށާއި އެއީ އެމްއޭސީއެލަށް ބޮޑު ފައިދާއެއް ލިބޭނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެތަން ހިންގުމުގެ މަސައްކަތްތައް އެއްކޮށް އެމްއޭސީއެލްގެ ދަށަށް ގެންނަން ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީ ޕްލޭންތައް ޕާކުކޮށްފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮންމެ ބުރިއެއްގައި 7،000 އަކަމީޓަރު (ޖުމްލަ 28،000 އަކަމީޓަރު)ގެ ބޮޑު ޓާމިނަލުން ހަތަރު އޮޕަރޭޓަރުންނަށް ވަރަށް ފުރިހަމައަށް ހިދުމަތްތައް ދެވޭނެ އެވެ. ރާއްޖޭގައި މިހާރު ސީ ޕްލޭން ހިދުމަތް ޓީއެމްއޭ އާއި އައިލެންޑް އޭވިއޭޝަނާއި މަންޓާ އެއާއިންނެވެ.

"ފައްޓާ ގޮތަށް މިކަން ކުރަން ހަވާލުވެވޭކަށް ނެތް މިވަގުތު އޮތް ގޮތުން. ކޮންޓްރެކްޓެއް އެބަ ހިނގާ ގޮތަށް ހިނގާ. މިއީ ސީޒަންގެ ވެސް މެދުތެރެ. ދެވަނަ ސީޒަނަށް ބަދަލުވާ ދުވަސްވަރު އަންނާނީ. އެހެންވީމަ ވީހާ ވެސް ސްމޫތްކޮށް، ޓޫރިޒަމް ދާއިރާގެ ހަރަކާތްތަކަށް އެއްވެސް ބުރުލެއް ނައިސް މިބަލަނީ ބަދަލު ކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސީ ޕްލޭން ޖެއްސުމަށް ހަދާފައިވާ ލެގޫން ސަރަހައްދަށް އެއް ފަހަރާ 100 ބޯޓަށް ހިދުމަތް ދެވޭނެ ކަމަށާއި ނަމަވެސް އާ ޓާމިނަލް ފަށަނީ 55 ބޯޓަށް ހިދުމަތް ދިނުމުގެ ގާބިލުކަމާ އެކު ކަމަށެވެ.

ސީ ޕްލޭން ޓާމިނަލްގައި ހުރެ އެމްއޭސީއެލްގެ އެމްޑީ މޫސާ ސޯލިހު ނޫސްވެރިންނަށް މައުލޫމާތު ދެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެވްރެޖުކޮށް އަހަރެއްގެ މައްޗަށް ސީ ޕްލޭންގެ ހިދުމަތް ހަ ޕަސެންޓަށް ފުޅާވަމުން އަންނަ އިރު ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގައި ސީ ޕްލޭންގެ ހިދުމަތް ފުޅާވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ސީ ޓާމިނަލްގެ ހިދުމަތް ދޭން ފެށި ނަމަވެސް އެންމެ ފުރަތަމަ ފަށައިގަންނަ އިރު ހިދުމަތްތައް ދޭނީ، އޮޕަރޭޓަރުން އަމިއްލައަށެވެ. މުޅި ތަނުން ދޭ ހިދުމަތްތައް އެމްއޭސީއެލްގެ ދަށަށް ބަދަލު ކުރުމަށް ތިން އަހަރު ނަގާނެ ކަމަށް މޫސާ ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކެޕޭސީ ބިލްޑް ކުރަމުންދާ ވަރަކަށް މަސައްކަތްތައް ދާނީ ޓޭކްއޯވާ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ހިންގުމުގެ މަސައްކަތް އެއްކޮށް އެމްއޭސީއެލްގެ ބެލުމުގެ ދަށަށް ދިޔުމަށް ވަގުތު ނެގި ނަމަވެސް، މުޅި ތަނުގެ މިލްކުވެރިކަން އޮންނާނީ އެމްއޭސީއެލަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ ހާއްސަ ޕްރޮޖެކްޓްގެ ތެރެއިން ސީ ޕްލޭން ޓާމިނަލްގެ މަސައްކަތަކީ ވަރަށް ހާއްސަ އިސްކަމެއްދީގެން ކުރިއަށްދާ މަސައްކަތެކެވެ. އެގޮތުން އެއާޕޯޓުގެ ބޮޑު ރަންވޭ ހުޅުވެން އޮތީ ވެސް، ސީ ޕްލޭން ޓާމިނަލް ހުޅުވި ހިދުމަތް ދޭން ފެށުމުންނެވެ. އާ ރަންވޭ ހުޅުވުމަށްޓަކައި ބޭނުންވާ ހުސް ޖާގަ ލިބޭނީ، މިހާރު ސީ ޕްލޭން ޓާމިނަލްތައް ހުރި ސަރަހައްދު ހުސްކޮށްގެންނެވެ.