ސީ ގިއާގެ ފިހާރައެއް ހާއްސަ ޕްރޮމޯޝަނަކާ އެކު ހުޅުމާލޭގައި ހުޅުވައިފި

ވޯޓާ ސްޕޯޓްސް އާއި ޑައިވިން އަދި އޮޑިދޯނިފަހަރަށް ބޭނުންވާ ސާމާނު ރާއްޖެއަށް ފުޅާ ދާއިރާއެއްގައި އެތެރެކޮށް ވިއްކާ ސީ ގިއާގެ ފިހާރައެއް ހުޅުމާލޭގައި އިއްޔެ ހުޅުވައިފި އެވެ.


ހުޅުމާލޭ ރުއްގަނޑު އެކެއް ސަރަހައްދުގައި ހުޅުވި މި ފިހާރައިން ޑިސެމްބަރު 26 ގެ ނިޔަލަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ގެންދެ އެވެ. މި ޕްރޮމޯޝަނުގައި އެ ފިހާރައިން ކުރާ ކޮންމެ ވިޔަފާރިއަކަށް 10 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ އެވެ.

ޕްރޮމޯޝަންގެ ތެރޭގައި އެ ފިހާރައިން ވިޔަފާރިކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ދެ ކަސްޓަމަރަކަށް "ޖަސްޓް ސޯލްޓް" އިން މޫދު ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އިތުރު ހަތަރު ކަސްޓަމަރަކަށް "ޑައިވް ކްލަބް މޯލްޑިވްސް" އިން ޑިސްކަވާ ސްކޫބާ ޑައިވެއް ކޮށްލުމުގެ ފުރުސަތު ދޭން ވަނީ ހަމަޖައްސައިފަ އެވެ.

ސީ ގިއާއިން ވިއްކާ އޮޑިދޯނި ފަހަރަށް ބޭނުންވާ ސާމާނު ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: ސީ ގިއާ

ސީ ގިއާގެ ޖެނެރަލް މެނޭޖަރު ހުސެއިން އަބްދުﷲ ވިދާޅުވީ ހުޅުމާލެއަކީ ވޯޓާ ސްޕޯޓްސް އަދި ޑައިވިންގެ ވިޔަފާރި ކުރިއަރަމުން އަންނަ ތަނަކަށް ވުމުން އެތަނުގެ ފިހާރައެއް ހުޅުވުމުން ވަރަށް ބޮޑު ފަސޭހައެއް ވާނެ ކަމަށެވެ. ގިނަ އަދަދެއްގެ ސަފާރީ އާއި އެކި ބާވަތުގެ އުޅަނދުފަހަރު ހުޅުމާލެއަށް ބަނދަރު ކުރާއިރު، އެ އުޅަނދުފަހަރަށް ބޭނުންވާ ސާމާނު ހުޅުމާލޭގެ ސީ ގިއާއިން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީ ގިއާ އަކީ ވޯޓާ ސްޕޯޓްސް އަދި ޑައިވިން ދާއިރާގައި ދުނިޔޭގައި މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ "ޖޯބް" އާއި "އަކުއާލަން" އާއި "ސުންޓޯ" އަދި "ގޯޕްރޯ" އާއި "އެނިމަލް" އާއޮ "އެމް-ޕީ" ފަދަ އުފެއްދުންތަކުގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރެވެ. އޮޑި ދޯނިފަހަރަށް ހާއްސަ "ސީޖެޓް އެންޓިފައުލިން" އާއި "ރޮބްލައިން" އާއި "ޔޮޓިކަން" އަދި "ނިމީ މެރިން ބެޓްރީ" އާއި "ޔޫއެސް ބެޓެރީ" ފަދަ ބްރޭންޑްތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާއަކީ ވެސް ސީ ގިއާ އެވެ.