އެމެޒޯން ވައްޓާލަން، މުކޭޝް އަމްބާނީ އޮންލައިން ވިޔަފާރި އަށް

އޮންލައިން ވިޔަފާރީގައި އިންޑިއާގައި ވަކި ހިއްޕާލާފައިވާ އެމެރިކާގެ މަޝްހޫރު ކުންފުނި އެމެޒޯން ވައްޓައިލުމަށްޓަކައި އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ، އޮންލައިން އެ ވިޔަފާރީގެ ތެރެއަށް ނުކުމެއްޖެ އެވެ. އޭނާ މިހާރު ވަނީ ތަޖުރިބާ ކުރުމުގެ ގޮތުން އޮންލައިން ވިޔަފާރި ފަށައިފަ އެވެ.


އޭޝިއާގެ އެންމެ މުއްސަނދި މީހާ އަދި ދުނިޔޭގައި 10 ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމުގައި އޮތް މުކޭޝް އަމްބާނީގެ އޮންލައިން ވިޔަފާރި އަކީ "ޖިއޯމާޓް" އެވެ. މިއީ އޭނާގެ ރިލަޔަންސް އިންޑަސްޓްރީޒް ލިމިޓެޑް (އާރްއައިއެލް) ގެ ސަބްސިޑަރީ ކުންފުނިތައް ކަމަށްވާ ރިލަޔަންސް ރީޓެއިލް އާއި ރިލަޔަންސް ޖިއޯ ކުންފުނި ގުޅިގެން އުފައްދާފައިވާ ކުންފުންޏެވެ.

އެގޮތުން "ޖިއޯމާޓް" ދަށުން އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ މުދާ ކަސްޓަމަރުންނަށް އޮންލައިންކޮށް އޯޑަރު ކުރުމުން ޑެލިވަރީކޮށް ދިނުމުގެ ހިދުމަތް ދޭނެ އެވެ. ޑެލިވަރީ ކޮށްދޭ ތަކެތީގެ އަދަދު މިހާރު 50،000 އަށް އަރަ އެވެ.

މި ވަގުތު ހިދުމަތް ޓެސްޓް ކުރަމުން އަންނަނީ މުމްބާއީ އާއި އެ ސިޓީއާ ކައިރި ސަރަހައްދުތަކުގަ އެވެ. ނަމަވެސް ވަރަށް އަވަހަށް މުޅި އިންޑިއާ އަށް "ޖިއޯމާޓް" ހުޅުވައިލުމަށް ފަހު، އޭގެ ވިޔަފާރި މުޅި ދުނިޔެ އަށް ވެސް ފުޅާކުރާނެ އެވެ.

"ޖިއޯމާޓް" ގެ ޕްރި-ރެޖިސްޓްރޭޝަނަށް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މިލްކިއްޔާތުގައި 60 ބިލިއަން ޑޮލަރު ހުރި މުކޭޝް އަމްބާނީ 62، އޮންލައިން ވިޔަފާރި އަށް ނުކުތް އިރު، މި ވިޔަފާރީގައި ދުނިޔޭގައި އެންމެ ނަގައި ކިޔާ އެމެޒޯނަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖެފް ބެޒޯސްގެ ކުންފުންޏެވެ.

އެމެޒޯންގެ އިތުރުން ދެން އިންޑިއާގައި އޮންލައިން ވިޔަފާރިގައި އެންމެ ވާދަވެރި ކުންފުންޏަކީ މިދިޔަ އަހަރު މެޖޯރިޓީ ހިއްސާ އެމެރިކާގެ ވޮލްމާޓަށް ވިއްކައިލި ފްލިޕްކާޓެވެ.

ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމު އިންޑިއާގައި މި ވަގުތު އޮންލައިން ވިޔަފާރީގެ ހިދުމަތް ބޭނުންކުރަނީ އާބާދީގެ އެންމެ 0.15 ޕަސަންޓް މީހުންނެވެ. އަދި އޭގެ ފައިދާ އަކީ އަހަރަކަށް 850 މިލިއަން ޑޮލަރެވެ. ނަމަވެސް އަންދާޒާ ކޮށްފައިވާ ގޮތުގައި 2023 އަންނަ އިރު، އިންޑިއާގެ އޮންލައިން ވިޔަފާރީގެ އާމްދަނީ 14.5 ބިލިއަން ޑޮލަރަށް އަރާނެ އެވެ.