މީރާއަށް 16 ބިލިއަން ރުފިޔާ، މިއީ ތިން ޕަސެންޓްގެ އިތުރުވުމެއް

މިދިއަ އަހަރު މީރާއަށް ލިބުނު 16.79 ބިލިއަން ރުފިޔާއަކީ ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 2.9 ޕަސެންޓް އިތުރު އަދަދެއް ކަމަށް، އެ އިދާރާ އިން ބުނެފި އެވެ.


މީރާއިން ބުނީ 16.70 ބިލިއަން ރުފިޔާ އަކީ 2018 ވަނަ އަހަރާ ބަލާއިރު 2.7 ޕަސެންޓްގެ އިތުރު ވުމެއް ކަމަށެވެ.

މީރާގެ މިދިއަ އަހަރުގެ ހިސާބުތަކުން ދައްކާ ގޮތުން 16.79 ބިލިއަން ރުފިޔާ އަކީ ޓެކްސް އާއި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ ގާތްގަނޑަށް ތިން ޕަސެންޓް (2.9 ޕަސެންޓް) އިތުރު އަދަދެކެވެ.

މިދިއަ އަހަރު ޑޮލަރުން ލިބުނު އަދަދު އުޅެނީ 653 މިލިއަންގަ އެވެ.

އެންމެ ގިނައިން އާމްދަނީ ލިބުނީ ޖީއެސްޓީންނެވެ. އެގޮތުން މީރާއަށް ވަން 7.74 ބިލިއަން ރުފިޔާއަކީ މިދިއަ އަހަރުގެ މުޅި އާމްދަނީގެ 46 ޕަސެންޓެވެ. ދެން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީޕީޓީންނެވެ. އެ ދާއިރާއިން މިދިއަ އަހަރު މީރާއަށް 2.90 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ މުޅި ޖުމްލައިގެ 17 ޕަސެންޓެވެ.

ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 1.65 ބިލިއަން ރުފިޔާ އަދި ގްރީން ޓެކުހަށް 850.27 މިލިއަން ރުފިޔާ ވެސް މިދިއަ އަހަރު ދައުލަތުގެ އާމްދަނީއަށް ވަނެވެ.

މިދިޔަ އަހަރުގެ އެންމެ ފަހު މަސް، ޑިސެމްބަރު މަހު މީރާއަށް 1.56 ބިލިއަން ރުފިޔާ ލިބުނެވެ. މީރާ އިން ބުނާ ގޮތުގައި މިއީ 2018ގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 8.9 ޕަސެންޓްގެ އިތުރުވުމެކެވެ.