ވިޔަފާރި / ކ. ގާފަރު

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ގާފަރުގައި ސެން ކްލާހެއް

ގާފަރުގައި ހުޅުވި ސެން ކްލާހުގެ ދަރިވަރަކު ޕްލޭ ތެރަޕީ ނަގަނީ-- ފޮޓޯ: ބީއެމްއެލް

14 ޖެނުއަރީ 2020 - 12:03

ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ އެހީގައި ކ. ގާފަރުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކްލާހެއް ހުޅުވައިފި އެވެ.

ރަށްތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ޕްރޮޖެކްޓުތަކަށް އެހީވާން ހުޅުވި ކޮމިއުނިޓީ ފަންޑުން ވަނީ މި ކްލާސްރޫމް މަރާމާތުކޮށް ކްލާސްރޫމަށް ބޭނުންވާ ސެން އިކުއިޕްމަންޓްތައް ފޯރުކޮށްދީފަ އެވެ. މި ކްލާސް ފެށީ މި އަހަރަށް ސްކޫލްތައް ހުޅުވުމާ އެކީގަ އެވެ.

އުނގެނުމުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިންނަށް ހިންގާ މި ކްލާސްރޫމް ފަރުމާ ކޮށްފައިވަނީ އެފަދަ ކުދިންނަށް ކިޔަވައިދޭން ބޭނުންވާ ހުރިހާ ވަސީލަތްތައް ހިމަނައިގެންނެވެ. އަދި މި ކްލާސްރޫމަކީ މިފަދަ ކުދިންނަށް ކިޔަވައިދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ލިބޭނެ ފުރިހަމަ ހައްލަކަށް ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ގާފަރުގައި ސެން ކްލާހެއް ހުޅުވުމަކީ އެ ރަށުގެ ބެލެނިވެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކޮމިއުނިޓީ ފަންޑުން ރަށްތަކުގައި ހިންގާ މިފަދަ ޕްރޮޖެކްޓުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކްލާހުގައި ބޭނުންކުރާ ވަސީލަތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔެވުމާއި އެކުދިންގެ ހުނަރު ތަރައްގީކުރުމަށް ވަރަށް އެކަށޭނެ ވަސީލަތްތަކެއް. ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބަ އަށް ހިންގޭ މިފަދަ ހަރަކާތްތައް ކާމިޔާބުކަމާއެކީ ނިންމާލެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ސައީދު ވިދާޅުވިއެވެ.

ސެން ކްލާހުގެ ދަރިވަރަކު ޓީޗަރަކާއެކު ކިޔަވަނީ-- ފޮޓޯ: ބީއެމްއެލް

މި ޕްރޮޖެކްޓަކީ އެ ރަށުގެ "އަބޫބަކުރު ފައުންޑޭޝަނާ" ގުޅިގެން ބިއެމްއެލް އިން ހިންގ ޕްރޮޖެކްޓެކެވެ. އެ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އައިޝަތު ސާނާ ވިދާޅުވީ ސެން ކްލާހެއް އަޅަން އެ ފައުންޑޭޝަނުން ވަރަށް ގިނަ ދިރާސާތައް ކުރި ކަމަށެވެ. ކުރިން ހުރި ސެން ކްލާހުގައި ޓީޗަރުން އަމިއްލައަށް އުފައްދާ އެއްޗެހި ހުރި ނަމަވެސް ބީއެމްއެލްގެ އެހީގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އޮކިއުޕޭޝަނަލް ތެރަޕީ އާއި ޕްލޭ ތެރަޕީ ދޭން ފަށާފައިވާ ކަމަށް ވެސް ސާނާ ވިދާޅުވި އެވެ.

"ގާފަރު ސްކޫލުގައި ކުރިން ހުރި ސެން ކްލާސްރޫމަކީ ކުޑަ ތަނެއް. ކްލާސްރޫމު ގާއިމްކުރުމުގެ ކުރިން އަޅުގަނޑުމެން ދިރާސާ ކުރިން ރާއްޖޭގެ އެހެން ސްކޫލުތަކުގައި މިފަދަ ކްލާސްރޫމުތައް ހުރީ ކިހިނެއްކަން، ކޮންކަހަލަ ވަސީލަތްތަކެއްތޯ ހުރީ. ދުނިޔޭގެ އެހެން ގައުމުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކްލާސްރޫމުތަކާއި ވަސީލަތްތައް ހުންނަގޮތް ދިރާސާ ކުރުމަށް ފަހު ގާފަރުގައި ސެން ކްލާސްރޫމެއް ގާއިމް ކުރީ،" ސާނާ ވިދާޅުވި އެވެ.

ސެން ކްލާހުގެ ދަރިވަރުންތަކެއް ކިޔަވަނީ-- ފޮޓޯ: ބީއެމްއެލް

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށެވެ. މިފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ޕްރޮޖެކްޓެެއް ހިންގުމަށް ބީއެމްއެލުން 50,000ރ. ދޭނެ އެވެ.

ބީއެމްއެލުން ވަނީ ކޮމިއުނިޓީ ފަންޑުގެ ދަށުން މިދިޔަ އަހަރު ތެރޭގައި 20 ރަށެއްގައި އެއް މިލިއަން ރުފިޔާގެ ޕްރޮޖެކްޓުތައް ހިންގައިފަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454