ވަޅީގެ ނުރައްކާ ކުޑަކުރަން ޑިޒައިނަށް ބަދަލެއް

ވަޅި ބޭނުންކޮށްގެން އިނގިރޭސިވިލާތުގައި ހިންގާ ޖަރީމާތައް އިތުރުވަމުންދާތީ ވަޅީގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ކަޓްލަރީ ކުންފުންޏަކުން ވަޅީގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްފި އެވެ.


ވައިނާޒް ކިޔާ ކުންފުނިން އަލަށް ފަރުމާކުރި ވަޅިތަކުގެ ކޮޅު ތޫނުކޮށް އިނުމުގެ ބަދަލުގައި އިންނަނީ ހުރަހަށް ބުރިކޮށްލައިފަ އެވެ. މި ގޮތަށް ވަޅީގެ ޑިޒައިނަށް ގެނައި ބަދަލާ ބެހޭ ގޮތުން ކުންފުނިން ބުނީ ވަޅީގެ މިޔައިގެ ކޮޅަށް ގެނައި ބަދަލާ އެކު، ވަޅިތަކުގެ ރައްކާތެރިކަން ކުރިއަށް ވުރެ އިތުރުކޮށްދޭނެ ކަމަށެވެ.

މި ހަފުތާގައި ރަސްމީކޮށް ނެރޭ ވަޅީގެ އާ ކަލެކްޝަނަށް ދީފައިވާ ނަމަކީ "އެޝުއާ" އެވެ.

"މި ކަލެކްޝަން މި ނެރެނީ ވަރަށް ގިނަ ދުވަހުގެ ޓެސްޓްތަކަށް ވެސް ފަހު. އެހެންވީމާ އާންމުކޮށް މި ހުންނަ ވަޅިތަކަށް ވުރެ އާ ފަރުމާގެ ވަޅިތަކުގެ ރައްކާތެރިކަން ބޮޑުވާނެ،" ވައިނާޒުން ބުންޏެވެ. "އެކަމަކު މިއީ ހަމަ ބަދިގޭގެ މަސައްކަތްތަކަށް ބަރާބަރު، ބޭނުންކުރަން ފަސޭހަ ރައްކާތެރި އުފެއްދުމަކަށް ވާނެ."

އެ ކުންފުނިން ބުނިގޮތުގައި އަންނަ މަހުގެ 16 ގައި އޮންލައިންކޮށް "އެޝުއާ" ކަލެކްޝަން ވިއްކަން ފެށުމުގެ ކުރިން މި ހަފުތާގެ ފަހުކޮޅު އިނގިރޭސިވިލާތުގައި ފަރުނީޗަރުގެ ވިޔަފާރިކުރާ ޑަނެލްމުން ވަޅި ވިއްކަން ފަށާނެ އެވެ. މި ކަލެކްޝަންގެ ވަޅިތަކުގެ ރިޓައިލް އަގުތައް އުޅޭނީ 3.99 ޕައުންޑް (5.18 ޑޮލަރު) އާއި 5.99 ޕައުންޑް (8 ޑޮލަރު) އާ ދެމެދުގަ އެވެ. ހަތަރު ވަޅި ހިމެނޭ ސެޓެއްގެ އަގަކީ 15.99 ޕައުންޑް (21 ޑޮލަރު) އެވެ.

ވަޅި ބޭނުންކޮށްގެން ހިންގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމުގެ މަގުސަދުގައި ވަޅީގެ ފަރުމާ އަށް ބަދަލު ގެނައި އިރު، ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިނގިރޭސިވިލާތުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަޅި ބޭނުންކޮށްގެން ހިންގި ހާދިސާތަކުގައި 285 މީހެއްގެ ފުރާނަ ގެއްލިފައިވެ އެވެ. މިދިޔަ އޮކްޓޯބަރު މަހު އާންމުކޮށްފައިވާ ރިކޯޑްތަކުން ދައްކާ ގޮތުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިންގްލެންޑާއި ވޭލްސްގައި ވަޅި ނުވަތަ ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގި ޖަރީމާތަކުގެ އަދަދު 44،000 އަށް އަރަ އެވެ.

އެގޮތުން މިދިޔަ އަހަރު އޮފެންސިވް ވެޕަން ގާނޫނުގެ ދަށުން ވަޅި އަލުން ރި-ކްލަސިފައިކޮށްފައިވެ އެވެ.