އެމެޒޯނުން އިތުރު ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް އިންޑިއާ އަށް

އޮންލައިން ވިޔަފާރީގައި އިންޑިއާގައި އެންމެ ނަގާ އެމެރިކާގެ މަޝްހޫރު ކުންފުނި އެމެޒޯނުން އެ ގައުމުގެ ވިޔަފާރި ފުޅާކުރުމަށްޓަކައި އިތުރު އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ގޮތަށް ނިންމައިފި އެވެ


މިކަން އިއުލާންކޮށްފައި ވަނީ އެމެޒޯންގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ވެސް ހުންނެވި ޖެފް ބެޒޯސް އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

ވެރިރަށް ނިއު ދިއްލީގައި ބުދަ ދުވަހު އޮތް ވިޔަފާރީގެ ފޯރަމެއްގައި އޭނާ ވިދާޅުވީ އިންޑިއާ އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ޑިޖިޓައިޒްކުރަންް އެންމެ ރަނގަޅު މާކެޓް ކަމަށާއި 21 ވަނަ ގަރުނަކީ އިންޑިއާގެ ގަރުނެއް ކަމަށެވެ.

"އިންޑިއާ ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ. މިތަނުގައި ވިޔަފާރި އަށް ފަހި ފުރުސަތުތަކެއް، ކުރިއަށް ދެވޭނެ ދިމާތައް ވަރަށް ގިނަ. އަދި މިތަނުގެ ރައްޔިތުންނާއި އެ މީހުންގެ ދިރިއުޅުމަށް ވެސް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުން،" ޖެފް ވިދާޅުވި އެވެ.

އިންޑިއާގައި އެމެޒޯންގެ ވިޔަފާރި ފުޅާކުރަން އިތުރު އިންވެސްޓްމަންޓްތަކެއް ކުރަން ނިންމިކަން އިއުލާންކުރި އިރު، އެ ކުންފުންޏާ ހެދި އިންޑިއާގެ ކުދި ވިޔަފާރިތައް ހަލާކުވަމުންދާ ކަމަށް ބުނެ އެމެޒޯނާ ދެކޮޅަށް ބައެއް ވިޔަފާރިވެރިން އުފުލާ އަޑުތައް ވެސް ގަދަ އެވެ.

ކުދި ވިޔަފާރިވެރިން ބުނާ ގޮތުގައި އެމެޒޯންގެ ސަބަބުން ލޯކަލް ރިޓެއިލް މާކެޓަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ނަމަވެސް އެމެޒޯނުން އެ ތުހުމަތުތަކާ ދެކޮޅެވެ.

އަނެއްކޮޅުން އިންޑިއާގެ މަޝްހޫރު މަހުޖަނު މުކޭޝް އަމްބާނީ ވަނީ އެމެޒޯންގެ ވިޔަފާރި އިންޑިއާގައި ވައްޓައިލުމުގެ މަގުސަދުގައި "ޖިއޯ މާޓް" ގެ ނަމުގައި އޮންލައިން ވިޔަފާރީގެ ހިދުމަތެއް ދާދި ފަހުން ތައާރަފުކޮށް، ޓެސްޓްކުރަން ފަށައިފަ އެވެ.

އެމެޒޯނުން އަންދާޒާކޮށްފައިވާ ގޮތުގައި 2025 އާ ހަމައަށް އަންނަ އިރު، އެމެޒޯންގައި ވިއްކާ އިންޑިއާގެ އުފެއްދުންތަކުގެ އަގު 10 ބިލިއަން ޑޮލަރަށް އަރާނެ އެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ އިންޑިއާގެ އިންވެސްމަންޓް 5.5 ބިލިއަން ޑޮލަރަށް އިތުރުވެގެން ދާނެ އެވެ.

އިންޑިއާގައި މަސައްކަތްކުރާ އެމެޒޯންގެ ދާއިމީ މުވައްޒަފުންގެ އަދަދު 60،000 އަށް ވުރެ ގިނަ އެވެ. އަދި 155،000 މުވައްޒަފުން އެ ކުންފުންޏަށް އިންޑިއާގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރެ އެވެ.

އޮންލައިން ވިޔަފާރީގައި އިންޑިއާގައި އެމެޒޯނާ އެންމެ ވާދަވެރި ކުންފުންޏަކީ އެމެރިކާގެ ވޮލްމާޓުން ގަނެފައިވާ އިންޑިއާގެ ފްލިޕްކާޓެވެ.