24 ޖެނުއަރީ 2020 - 08:33
މަޝްހޫރު ހޮންޑާ ކުންފުނީގެ ހިއްސާ އޮންނަ ޖެނެރަލް މޮޓޯޒްގެ ދަށުން ހިންގާ ކްރޫޒް އިން، ޑްރައިވަރަކާ ނުލައި ދުއްވާ ކާރެއް ދައްކާލައިފި އެވެ.
ކުރިން މިދިޔަ އަހަރު ދައްކައިލަން އޮތް، "ކްރޫޒް އޮރިޖިން" ގެ ނަން ދީފައިވާ މި ކާރަކީ މި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޒަމާނީ އިލެކްޓްރިކް އަދި އެތެރޭގެ ޖާގަ ތަނަވަސް ކާރެކެވެ.
By removing the steering wheel, the rearview mirror, the pedals, and more, we’re left with something simple: space. pic.twitter.com/K3tS0QxuSC
— Cruise (@Cruise) January 22, 2020
ހޮންޑާ އަށް 2018 ގައި 2.75 ބިލިއަން ޑޮލަރަށް 5.7 ހިއްސާ ވިއްކައިލި ކްރޫޒްގެ ޗީފް އެކްޒެކެޓިވް ޑޭން އައްމަން "ކްރޫޒް އޮރިޖިން" ސިފަކުރެއްވީ ވަރަށް ތަފާތު ތަޖުރިބާތަކެއްކޮށްލެވޭނެ އުފެއްދުމެއްގެ ގޮތުގަ އެވެ.
އެ ކާރު ދައްކައިލަން އެމެރިކާގެ ސެން ފްރަންސިސްކޯގައި އަންގާރަ ދުވަހު ބޭއްވި ހަފުލާގައި އޭނާ ވިދާޅުވީ "ކްރޫޒް އޮރިޖިން" ތައްޔާރުކުރީ ތިމާވެއްޓާ ރައްޓެހި ނޫން ހަކަތަ އާއި އެކްސިޑެންޓާއި މަގުތަކުގެ ތޮއްޖެހުން ފަދަ މައްސަލަތަކަށް ހައްލު ހޯދައިދޭނެ އުފެއްދުމެއް ވުޖޫދަށް ގެނައުމުގެ ވިސްނުމުގައި ކަމަށެވެ.
"ކްރޫޒް އޮރިޖިން އަކީ ކޮންސެޕްޓް ވެހިކަލެއް ނޫން. އެކަމަކު މިއީ ޕްރޮޑަކްޝަން ވެހިކަލެއް،" ޑޭން ވިދާޅުވި އެވެ. "އަދި މިއީ އާންމުކޮށް މި ހުންނަ ސްޕޯޓްސް ކާރުތަކަށް ވުރެ އަގުހެޔޮ އުފެއްދުމަކަށް ވާނެ."
"ކްރޫޒް އޮރިޖިން" އަކީ ޑްރައިވަރަކާ ނުލައި ދުވާ ގޮތަށް ފަރުމާކުރި ޖީއެމްގެ ފުރަތަމަ އުފެއްދުމެއް ނޫނެވެ. އެ ކުންފުނިން އަންނަނީ ޝެވްރޮލޭ ބޯލްޓްގެ މޮޑިފައިޑް ވާޝަނެއް ތައްޔާރުކޮށް ޓެސްޓްކުރަމުންނެވެ.
ޑްރައިވަރަކާ ނުލައި ދުއްވާ ކާރު އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަ ކުންފުނިތަކުގެ ތެރޭގައި ޖަރުމަންގެ މަޝްހޫރު ކުންފުނި ވޯކްސްވޭގެން އާއި އެމެރިކާގެ ފޯޑް މޮޓޯގެ އިތުރުން ގޫގުލް ހިންގާ އަލްފަބެޓް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy