ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓަކު މާސްކު އަޅައިގެން.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
16 ފެބުރުއަރީ 2020 - 14:13
ކޮރޯނާވައިރަސްގެ ބިރުވެރިކަމާ އެކު ޗައިނާގެ ޓޫރިސްޓުންނަށް ރާއްޖޭގެ ދޮރު ބަންދުވި އިރު، ޗައިނާގެ މާކެޓް ވަރަށް ބޮޑަށް ފުޅާވަމުން އައިކަން، މިދިއަ މަހުގެ ތަފާސްހިސާބުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ހިސާބުތަކަށް ބަލާއިރު، މިދިއަ މަހު ވެސް ރާއްޖެއަށް އެންމެ ގިނައިން އައީ ޗައިނާ ޓޫރިސްޓުންނެވެ. އެކަމަކު އެ މަހު ޒިޔާރަތްކުރި ޗައިނާގެ 31،744 ޓޫރިސްޓުންނަކީ އޭގެ ކުރީ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާ އިރު 23 ޕަސެންޓް މަތީ އަދަދެކެވެ.
މިދިއަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއިން ރާއްޖެ އައީ 25،804 ޓޫރިސްޓުންނެވެ.
ޗައިިނާގެ ވޫހާން ސީޓީގައި ފުރަތަމަ ފެތުރެން ފެށި ކޮވިޑް-19 ގެ ނަމުން މިހާރު ނަން ދީފައިވާ ކޮރޯނާވައިރަސްއާ ހެދި އެޅި ސަލާމަތީ ފިޔަވަޅުތަކުގެ ތެރޭގައި ޗައިނާ އިން ޓޫރިސްޓުން އައުން މަނާކުރުމާއި ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރާ ސީދާ ދަތުރުތައް ހުއްޓާލުން ހިމެނެ އެވެ. މި ފިޔަވަޅުގެ ސަބަބުން މި މަހު ރާއްޖެ އަންނަ ޗައިނާގެ ޓޫރިސްޓުންގެ އަދަދު ސުމަކަށް ދާނެ ކަމަށް ލަފާކުރެވެ އެވެ.
ޗައިނާއަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑު ހިއްސާއެއް ވާ އެއް ގައުމެވެ. އެހެންކަމުން މި އަހަރު ރާއްޖޭގެ ޓޫރިޒަމަށް ހީނަރުކަން އަންނާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ސަރުކާރުން ވަނީ ބުކިންތައް ކެންސަލް ކުރި ނަމަވެސް އަލުން އެ ބުކިންތައް ލިބޭނެ ކަމަށާއި ޓޫރިޒަމަށް އެހާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ބުނެފަ އެވެ.
މިދިއަ މަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި ދެވަނައިގައި އޮތީ އިޓަލީ އެވެ. އެއީ 20 ،677 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 23.8 ޕަސެންޓުގެ ކުރިއެރުމެކެވެ. މި ލިސްޓުގެ ތިން ވައިގައި 13،845 ޓޫރިސްޓުންނާ އެކު އޮތީ އިންޑިއާ އެވެ.
މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރީ ޖުމްލަ 173،347 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 14.4 ޕަސެންޓުގެ ކުރިއެރުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީޗްސައިޑް
16 February 2020
ކޮރޯނާ ވައިރަސް ކަންތަކުގައި ރާއްޖެއިން އަޅާފައިވަނީ ވަރަށް ރަނގަޅު ފިޔަވަޅުތައް. ރާއްޖެ ހިމެނޭ މި ސަރަހައްދުން އެންމެ ފުރަތަމަ މިކަމަށް ސްކްރީންކުރަން ފެށި ގައުމުތަކުގެ ތެރޭގައިވެސް. މިހެން މިހާ އޮމާންކޮށް މިކަން ދާތިވެހެން ހީވަނީ އަލީ ވަހީދު ހެލްތު މިނިސްޓްރީ މަސައްކަތްތަކުގެ ތެރެއަށްވަދެ މެޑަލް ނުޖެހިގެން އުޅެނީ. އެކަމަކު އެންމެންނަށްވެސް އެނގޭ ފަރުދާގެ ފުރަގަހުން ހުރިހާ ކަމެއް ކުރަނީ މިނިސްޓަރު އަމީންކަން.