ޓީއެމްއޭގެ ބޯޓެއް އެކްސިޑެންޓްގެ ބައެއް މީހުންނަށް އަނިޔާވެއްޖެ

ޓީއެމްއޭގެ ސީ ޕްލޭނެއް ޖައްސަން އުޅުމުގެ ތެރޭގައި މިއަދު އެކްސިޑެންޓެއް ހިނގައި ބައެއް މީހުންނަށް ކުދިކުދި އަނިޔާވެއްޖެ އެވެ. އަދި ބޯޓަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފަ އެވެ.


ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސީއީއޯ ހުސައިން ޖަލީލު ވިދާޅުވީ، އެކްސިޑެންޓް ހިނގާފައިވަނީ ޅ. އަތޮޅުގެ ކުރެއްދޫ އައިލެންޑް ރިސޯޓު ކައިރިންނެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ 11:30 ހާއިރު ކަމަށް މައުލޫމާތު ލިބެ އެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ބޯޓު ޖައްސަން އުޅުނު ވަގުތު ރާޅެއްގައި ޖެހިފަ އެވެ. އެ ވަގުތަކީ މޫސުން ވަރަށް ގޯސް ވަގުތެއް ކަމަށް ވެ އެވެ. މި ހާދިސާގައި ބޯޓުގެ އެއްފާރާތުގެ ބުރަފައްޗާއި އިންޖީނު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުން އެ ބުރަފަތި އޮތީ ފިޔަގަނޑާ ކިރިޔާ ވަކިނުވެ އެވެ.

ޓީއެމްއޭއިން އިއްޔެ ކުރެއްދޫއަށް ދަތުރު ކުރި ބޯޓު.--

މި ހާދިސާގައި، ބޯޓުގައި ތިބި ބައެއް މީހުންނަށް މާ ބޮޑު އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

މިއަދުގެ އެކްސިޑެންޓްގެ އިތުރުން އިއްޔެ ވެސް ކުރެއްދު އަށް ޖެއްސި ބޯޓެއްގައި އެކްސިޑެންޓެއް ހިނގާފައިވެ އެވެ. ފޮޓޯއިން ފެންނަ ގޮތުން އެ ހާދިސާގައި ބޯޓުގެ ފިޔަގަނޑަށް ވަނީ، ޖެޓީގެ ފިލާގަނޑެއް ވަދެފަ އެވެ.