ޖާބިރަށް އެންމެ ފަހުން ބޮޑުމޮހޮރާ، ބިލިއަން ޑޮލަރުގެ ރިސޯޓެއް ހަދާނެ!

ވަކި ގޮތެއް ނުނިމި ހަތް އަހަރު ހޭދަވުމަށް ފަހު ވިޔަފާރިވެރިޔާ އަަބްދުﷲ ޖާބިރަށް އެންމެ ފަހުން ވ. ބޮޑުމޮހޮރާ ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ. އަދި އެ ރަށުގައި ބިލިއަން ޑޮލަރުގެ ރިސޯޓެއް ހައްދަވާނެކަމުގެ ޔަގީންކަން އޭނާ ދެއްވައިފި އެވެ.


ވ. އަތޮޅުގެ އެންމެ ބޮޑު އެއް ރަށް ކަމަށް ވާ ބޮޑުމޮހޮރާ ޖާބިރުގެ ބޮޑު ހިއްސާއެއް އޮންނަ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކުރީގެ އެއްބަސްވުމާއި މިހާރުގެ އެއްބަސްވުމާ މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.

ހިތްގައިމު ބޮޑު ފަޅެއްގައި އޮތް ރަށް ރިސޯޓަކަށް ހައްދަވާނީ "ޖާބިރު ހެޕީ ކްލަބް"ގެ ނަމުގައި ކަަމަށާއި ރާއްޖޭގެ ޓޫރިޒަމަށް އެ ރިސޯޓުން "އިންގިލާބެއް ގެންނާނެ" ކަމަށް ވެސް ވިދާޅުވި އެވެ.

މެރިން ރިސާޗު ސެންޓަރުގެ ތަހުލީލުތަކަށް ހާއްސަކޮށްގެން އެތައް މަސައްކަތެއް ކުރިން ހިންގި ބޮޑުމޮހޮރާ ރިސޯޓަކަށް ތަރައްގީ ކުރުމަށް ޖާބިރުގެ ޖޮއިންޓް ވެންޗާ ކުންފުންޏަށް ދޭން އުޅުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. ނަމަވެސް ވެރިކަން ބަދަލުވުމާ ގުޅިގެން، އެރަށް އަތުލި އެވެ.

ޖާބިރު ވިދާޅުވީ އެ ރިސޯޓަށް ކިޔާނީ "ޖާބިރު ހެޕީ ކްލަބް" ކަމަށާއި އެ ރިސޯޓު ވެގެންދާނީ ރާއްޖޭގެ މުޅި ޓޫރިޒަމަށް ބޮޑު އިންގިލާބެއް ގެންނާނެ ޕްރޮޖެކްޓަކަށް ކަމަށެވެ.

"އޭރު ސަރުކާރު ބަދަލުވުމާ އެކު ދެން ކޯޓަށް ގޮސްގެން ވަރަށް ދިގު މުއްދަތަކަށް ފަހު، ވަރަށް ބުރަ މަސައްކަތާ އެކު ﷲ ގެ ރަހުމަތުން ބޮޑުމޮހޮރާ އެގްރީމެންޓްގައި މި ސޮއި ކުރެވުނީ،" އޭނާ ވިދާޅުވި އެވެ.

އެރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަނީ ބޮޑުމޮހޮރާ ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޑެޓްގެ ދަށުންނެވެ. އެ ކުންފުނީގައި ސަރުކާރުގެ 10 ޕަސެންޓާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސްގެ 90 ޕަސެންޓް ހިއްސާ އޮންނާނެ އެވެ.

ބޮޑުމޮހޮރާއަކީ ކޮން ރަށެއް

- ވ. އަތޮޅުގެ އެންމެ ބޮޑު އެއް ރަށް

- 1999 އިން 2009 އަށް މެރިން ރިސާޗު ސެންޓަރުގެ ތަހުލީލުތަކަށް ބޭނުންކުރި

- 2010: މެރިން ކަލްޗާގެ ދާއިރާއިން އިންވެސްޓްކުރަން ދިގު މުއްދަތަކަށް ދޭން ބީލަމަށް ލި

- 8 މިލިއަން ރުފިޔާ: އޭރު މެރިން ރިސާޗު ސެންޓަރުން ކޮށްފައިވާ އިންވެސްޓްމެންޓްގެ އަގު

- 2011: ރިސޯޓް ހަދަަން ދޭ ހަ ރަށެއްގެ ތެރޭގައި ބޮޑުމޮހޮރާ ހިމަނައި އިއުލާންކުރި

- 2014: ފިނޭންސް މިނިސްޓްރީން ޖާބިރަށް ބޮޑުމޮހޮރާ ދޭން އުޅެނިކޮށް އޭސީސީން ހުއްޓުވި

- ފެބްރުއަރީ 16، 2017: މެރިން ޓެކްނޮލޮޖީއާ ބޮޑުމޮހޮރާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމްކުރި. ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރަކުން އެ ހުކުމް ބާތިލްކޮށް، ގާޒީ މަރިޔަމް ވަހީދު، ޒިންމާތަކުން ދުރުކުރުވި

އެމްޑީޕީގެ ސަރުކާރުން 2009 ގައި ފުރަތަމަ އިއުލާންކުރީ ބޮޑުމޮހޮރާގައި މެރިން މަލްޗާއަށް އިންވެސްޓްކުރަން ދިގު މުއްދަތަކަށް ދޭށެވެ. ނަމަވެސް އެ ސިޔާސަތު ބަދަލުވެ 2011 ގައި އެ ރަށުގައި ރިސޯޓް ހަދަން ހުޅުވާލި އެވެ. އެކަމަކު އެއީ އޭރުގެ ސަަރުކާރުން ކަނޑައަޅާފައިވާ އުމުރާނީ ތަރައްގީގެ މަޝްރޫއުއެއް ހިންގުމުގެ ބަދަލުގައި ދޭ ރަށެއްގެ ގޮތުގަ އެވެ.

އޭރު ބޮޑޮމޮހޮރާ ދޭން އުޅުނީ މެރިން ޓެކްނޮލޮޖީޒްއަށެވެ. އެކަމަކު ޖާބިރު ފަހުން ވަނީ އެ ކުންފުނި ބައްލަވައިގެންފަ އެވެ. މިހާރު އެއީ ޖާބިރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެކެވެ.

ބޮޑުމޮހޮރޯ ދޭން އޭރު ކުރި އެގްރިމެންޓަށް އަމަލްކުރުން ހުއްޓާލީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުންނެވެ. އެ މައްސަލަ ކޯޓަށް ލުމުން ސިވިލް ކޯޓުން ނިންމީ، މެރިން ޓެކްނޮލޮޖީއާ ބޮޑުމޮހޮރާ ހަވާލުކުރާށެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ހުކުމަށް އަމަލްކޮށްފައެއް ނުވެ އެވެ.

ޔާމީންގެ ވެރިކަމުގެ ކުރީކޮޅު، ފެބްރުއަރީ 2014 ގައި، މެރިން ޓެކޮނޮލޮޖީއާ އެކު އެއްބަސްވުމެއް ހަދަން ފިނޭންސް މިނިސްޓްރީން "އަޑިއަޑިން" މަސައްކަތްކުރި އެވެ. އެކަމަކު "މަގާމުގެ ނުފޫޒު ބޭނުންކޮށްގެން" އެ ރަށް ވަކި ބަޔަކަށް ދޭން އުޅޭ ކަމަށް ބުނެ ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އޭސީސީން އެކަން ހުއްޓުވި އެވެ. އަދި އޭގެ ފަހުން، ސުޕްރީމް ކޯޓުން ނިންމީ، މެރިން ޓެކްނޮލޮޖީއަށް އެ ރަށް ދޭން ޖެހޭ ފަދަ އެއްބަސްވުމެއް ސަރުކާރާ އެކު ވެފައި ނެތް ކަމަށެވެ.

އެކަމަކު ފެބްރުއަރީ 16، 2017 ގައި، ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު ދައުލަތުގެ މައްޗަށް އަމުރުކުރީ މެރިން ޓެކްނޮލޮޖީއާ އެ ރަށް ހަވާލުކުރުމަށެވެ. ސުޕްރީމް ކޯޓުން ވަގުތުން އަމުރެއް ނެރެ، އެ ހުކުމް ބާތިލްކުރި އެވެ. އަދި އެއީ ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ކޯޓުތަކާ ބެހޭ ގާނޫނުގެ އިތުރުން ޝަރީއަތް ކުރުމުގެ ގާނޫނީ އުސޫލުތަކާއި އިޖުރާއާތުތަކާ ވެސް ޚިލާފު ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

ޔާމީން ސަރުކާރުން ފޭރިގަތް ރަށެއް

މިއަދުގެ ރަސްމިއްޔާތުގައި ޖާބިރު ވިދާޅުވީ ބޮޑުމޮހޮރާ އަކީ ޔާމީންގެ ސަރުކާރުން އޭނާގެ އަތުން ފޭރިގަތް ރަށެއް ކަމަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް އިންސާފުވެރިކަމާ އެކު މައްސަލަ ނިންމުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރެއްވި އެވެ.

ޖާބިރުގެ ކުންފުންޏަށް 50 އަހަރަށް ބޮޑުމޮހޮރާ ދިނީ 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓް ހަދާ ގޮތަށެވެ.

އެކަމަކު އޭނާ ވިދާޅުވީ ތިން ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީކުރާ ރިސޯޓުގެ ފުރަތަމަ ފިޔަވަހި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވާނެ ކަމަށެވެ.

އިންޓަގްރޭޓެޑް ރިސޯޓެއް

ވަރަށް ހުވަފެނީ ވާހަކަތަކެއް ޖާބިރު ދެއްކެވި އެވެ. އޭގެ ތެރޭގައި މޫދު އަޑީގެ ކުޅިވަރުތަަކުގެ އިތުރުން ކުޅިވަރުގެ އެހެން ބައެއް ކަންކަމަށް ހާއްސަކޮށްގެން ތަންތަން ހެދުމުގެ އުއްމީދު ހިމެނެ އެވެ.

ރާއްޖޭގެ އެހެން ރިސޯޓުތަކުގައި ހުންނަ ސްވެނިޔާ ފިހާރަތަކުގެ ބަދަލުގައި ބޮޑުމޮހޮރާގައި ހުރިހާ ވައްތަރެއްގެ އެއްޗެހީގެ ވިޔަފާރި ހިންގޭ ގޮތަށް، އެތަން ތަރައްގީކުރާނީ އިންޓަގްރޭޓެޑް ރިސޯޓެއްގެ ކޮންސެޕްޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އެ ރިސޯޓުގައި ސޯލާ އާއި ގްރީން ޓެކްނޮލޮޖީ ބޭނުންކުރުމުގެ ގޮތުން ޖަރުމަނުގެ ކުންފުންޏަކާ އެކު މިހާރު ވެސް ވަނީ މަސައްކަތް ފަށައިފަ އެވެ.