ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މުވައްޒަފުން ކޮންމެ ހަފުތާއަކު ތިން ދުވަހު ވަޒީފާ އަށް ނުކުންނަން ހަމަޖައްސައިފި އެވެ.
އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް އަށް ރާއްޖެ އިން ވެސް މިހާތަނަށް 13 މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، އެ ވައިރަސް ފެތުރިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އަޅައި، އައިއޭއެސްގެ މުވައްޒަފުން ގްރޫޕްތަކަށް ބަހާލައި ކޮންމެ ގްރޫޕަކުން ވެސް ހަފުތާއަކު ތިން ދުވަހު މަސައްކަތަށް ނުކުތުމަށް ކަނޑައަޅާފައިވާ ކަމަށް އެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ވެ އެވެ. އެގޮތަށް ނިންމުމުން، ހަފުތާގެ ބާކީ ދެ ދުވަހު މުވައްޒަފުން ތިބޭނީ "ސްޓޭންޑްބައި" ޑިއުޓީގަ އެވެ.
މިބަދަލުތައް ގެނައި ނަމަވެސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަަށް މޯލްޑިވިއަން އެއާލައިން ހިންގާ އައިއޭއެސް އިން ބުންޏެވެ.
އައިލެންޑް އޭވިއޭޝަނުން ބުނިގޮތުގައި، މި ބަދަލު ގެނައީ މުވައްޒަފުންނަކީ ކޮންމެ ދުވަހަކު އެތައް ބަޔަކާ ބައްދަލުވެ، މަސައްކަތް ކުރާ ބަޔަކަށް ވާއިރު، އެއްވެސް ސަބަބެއް މެދުވެރިވެ، މުވައްޒަފުންތަކަކަށް މަސައްކަތަށް ނުނިކުމެވޭ ފަދަ ހާލަތެއް މެދުވެރިވި ނަމަވެސް ރައްޔިތުންނަށް ދޭ ހިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް ކަމަށެވެ. އެ ނިންމުން ނިންމީ، ފަންނީ މަސައްކަތްތައް ގިނަ އެ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި މާހަލެއް ކަން ކަށަވަރު ކޮށްދިނުމުގެ ބޭނުމުގައި ކަމަށް އައިއޭއެސް އިން ބުނެ އެވެ.
އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުން ވަޒީފާ އަށް ނުކުންނަންޖެހޭ ދުވަސްތައް މަދުކޮށްފައިވާއިރު، މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ވަގުތަށް ވެސް މިދިޔަ ހަފުތާގައި ބަދަލު ގެނެސްފައިވެ އެވެ.
އެގޮތުން، މޯލްޑިވިއަންގެ ޓިކެޓިންގެ ޚިދުމަތް މި ދުވަސްވަރު ދޭނީ ހެނދުނު 8:30 އިން މެންދުރު ފަހު 3:30 އަށެވެ. އަދި ހުކުރާއި ހޮނިހިރު ދުވަހު ޓިކެޓިން އޮފީސް ބަންދުވާނެ އެވެ.
އެ ކުންފުނިން ވަނީ ކޯލް ސެންޓަރާއި ވައިބާ ޕްލެޓްފޯމުގެ ޚިދުމަތް ދޭ ވަގުތަށް ވެސް ބަދަލު ގެނެސްފަ އެވެ. އެއީ އާދިއްތަ އިން ބުރާސްފަތި ދުވަހާ ހަމަ އަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 6:00 އަށެވެ.
ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކޯލް ސެންޓަރު ބަންދުވާނެ އެވެ. މީގެ ކުރިން ހަފުތާގެ ކޮންމެ ދުވަހަކު ދަންވަރު 12:00 އާ ހަމަ އަށް ކޯލް ސެންޓަރާއި ވައިބާ ޕްލެޓްފޯމުން ހިދުމަތްތައް ދެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އޮފީހަށް ގޮސް ހިދުމަތް ހޯދުމުގެ ބަދަލުގައި ޓިކެޓް ނެގުމާއި އެ ނޫން ހިދުމަތްތަކުގައި ވެސް އޮންލައިން ޕްލެޓްފޯމު ބޭނުން ކުރުމަށް އައިއޭއެސް އިން އެދެ އެވެ.
ކޮވިޑް ބަލި ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، ގިނަ ބަޔަކު ބައިވެރިވެގެން ބާއްވާ އެއްވުންތައް ނުބޭއްވުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންވެ، މި ދުވަސްވަރާ ގުޅުވައިގެން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ހަރަކާތްތައް މެދުކަނޑާލައި އެ ތަންތަނުގެ މުވައްޒަފުންގެ މަސައްކަތު ގަޑި ނިމޭ ވަގުތު ވެސް ވަނީ އަވަސް ކޮށްފަ އެވެ.