އާ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި އާދިލް ހުރިހާ ކަމެއް ދިފާއުކޮށްފި

އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހެދި އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން އޭރު ކުރި މަޝްވަރާތައް ދިފާއުކުރައްވާ، ކުރީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ފުރަތަމަ ފަހަރަށް މިއަދު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވައިފި އެވެ.


އެކަމަކު އާދިލް އިސްކޮށް ހުންނަވައި އެމްއޭސީއެލުން ޓީއެމްއޭއާ އެކު ކުރި މަޝްވަރާތަކާއި ބޯޑުގެ ނިންމުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ސީޕްލޭން އެންމެ ބޮޑު އޮޕަރޭޓަރު ޓީއެމްއޭއަށް އާ ޓާމިނަލުން 31،000 އަކަމީޓަރުގެ ޖާގަ ދޭން މަޝްވަރާކުރިޔަސް އެއްވެސް ކަހަލަ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލް، ގާތްގަނޑަކަށް އެއްކޮށް ކަހަލަ ގޮތަކަށް ޓީއެމްއޭއަށް ދޭން އޭރު މަޝްވަރާކުރީ އަކަމީޓަރެއް އެންމެ 10.35 ޑޮލަރަށެވެ. އޭގެ އިތުރުން ފުރާ ކޮންމެ ޕެސެންޖަރުންގެ އަތުން ފަސް ޑޮލަރު ނަގަން ވެސް މަޝްވަރާކުރި އެވެ.

ޓީއެމްއޭއާ އެކު މަޝްވަރާކުރި ރޭޓްތަކާ ގުޅޭ ގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު އެއްސެވީ އެއީ އެކަށީގެންވާ ވަރަށް ވުރެ ކުޑަ އަގެއް ކަމަށް ގަބޫލުކުރައްވަންތޯ އެވެ؟

ޖަވާބުގައި އާދިލް ވިދާޅުވީ އެއާޕޯޓުގެ އެކި ސަރަހައްދުތައް ވިޔަފާރީގެ ގޮތުން ކުއްޔަށް ދެމުން އަންނަނީ އެކި ރޭޓްތަކުގައި ކަމަށެވެ.

"މިސާލަކަށް ޓާމިނަލް ތެރެއިން ދޭ ރޭޓާއި ޓާމިނަލް ބޭރުން ޖާގަ ދޭ ރޭޓާއި، އަދި އީސްޓަން ސައިޑުން ދޭ ރޭޓުތަކުގައި ވެސް ތަފާތުތަކެއް ހުންނާނެ. އެއީ ކޮމާޝަލީ މުޅި އެއާޕޯޓުގެ ހުރިހާ ސަރަހައްދެއް އަޅައެއް ނުކިޔޭނެ،" އޭނާ ވިދާޅުވި އެވެ.

ވިލިފުށީ ދާއިރާގެ ހަސަން އަފީފް ސުވާލުކުރައްވަނީ

އާދިލް ވިދާޅުވި ގޮތުގައި މިވަގުތު ސީޕްލޭން ޓާމިނަލުން ދެ މިލިއަން ޑޮލަރު ލިބޭ އިރު އަކަމީޓަރެއް 10:35 ޑޮލަރަށް ދީގެން ސީޕްލޭން ޓާމިނަލުން އެމްއޭސީއެލްއަށް އަހަރަކު ފަސް މިލިއަން ޑޮލަރު ލިބޭނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އަގުގައި މަޝްވަރާތައް ކުރިއަށް ދިޔައީ ކުންފުންޏަށް ފައިދާވާނެ ކަން ވަޒަން ކުރެވިފައި އޮތީމަ އެވެ. އެހެންކަމުން ކުންފުނީގެ އެ ނިންމުން ގޯސް ނޫން ކަމަށް އާދިލް ވިދާޅުވި އެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އެއްސެވީ ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން ދައުލަތަށް ރަނގަޅު ގޮތެއް ފެނިއްޖެ ނަމަ، އެކަން ކުރުމުގެ ޖާގަ މިހާރު އެމްއޭސީއެލަށް އޮތްތޯ އެވެ.

އާދިލް ވިދާޅުވީ އާ ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން ޓީއެމްއޭ އާއި އެމްއޭސީއެލުން ކުރި މަޝްވަރާތަކަކީ ފައިނަލް ނިންމުންތަކެއް ނޫން ކަމަށެވެ. އެހެންކަމުން އޭރު އެ މަޝްވަރާކުރި ގޮތްތައް ބަދަލު ކުރުމުގެ ޖާގަ މިހާރު ވެސް އެމްއޭސީއެލަށް އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ އޭނާ މަގާމުން ވަކިވެވަޑައިގެންނެވި އިރު ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން ޓީއެމްއޭއާ އެކު ޑްރާފްޓް އެގްރީމެންޓަކާ ހަމައަށް ދެވުނު ނަމަވެސް، ބައެއް ޓާމްސްތަކަށް އެއްބަސްނުވެވޭތީ އެގްރީމެންޓް ފައިނަލްކޮށް، ބައިންޑިން އެގްރީމެންޓެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށެވެ. އަދި އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން ޓީއެމްއޭއާ އެކު ހަދަން އުޅުނު އެގްރީމެންޓް ވެސް ބޯޑަށް ފޮނުވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

ހަމައެކަނި ވިސްނުން ގެންގުޅުނީ ޓާމިނަލް ކުއްޔަށްދީގެން ހިންގުން

އާދިލް ވިދާޅުވި ގޮތުގައި އާ ސީޕްލޭން ޓާމިނަލް އިމާރާތް ކުރަން ފެށިއިރު ވެސް، އެމްއޭސީއެލުން އޭރު ގެންގުޅުނު މޮޑެލަކީ ބަޔަކަށް ކުއްޔަށް ދީގެން ހިންގުމުވެ. އެހެންކަމުން އޭރު ހަމައެކަނި ގެންގުޅު ވިސްނުމަކީ ވެސް ސީޕްލޭން އޮޕަރޭޓަރުންނަށް އާ ޓާމިނަލްގެ ޖާގަ ދީގެން ހިންގުން ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް އިރުޝާދު ދީފައި އޮތީ، އާދިލް ވިދާޅުވި ގޮތުގައި، އެހެން އޮޕަރޭޓަރުން ވެސް ބޭނުންކުރޭ ގޮތަށް އާ ޓާމިނަލް ހިންގުމެވެ. ޓީއެމްއޭއަށް އެހާ ބޮޑު ޖާގައެއް ދޭން ނިންމީ، އެއީ އެންމެ ފުޅާކޮށް ސީޕްލޭން އޮޕަރޭޓްކުރާ ކުންފުންޏަށް ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ އާ ސީޕްލޭން ޓާމިނަލްގެ ޕްރޮޖެކްޓް ފެށި އިރު އޮޕަރޭޓަރުންގެ ގޮތުގައި ތިބީ ޓީއެމްއޭ އާއި މޯލްޑިވިއަން އެކަނި ކަމަށެވެ. އެކަމަކު އެ ދެ އޮޕަރޭޓަރުން ފިޔަވައި އިތުރު އޮޕަރޭޓަރެއް އަންނަ ހިނދެއްގައި އެ ބޭނުންވާ ޖާގަ ވެސް އާ ސީޕްލޭން ޓާމިނަލުން ކަނޑައަޅާފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓާމިނަލުން ލައުންޖްތައް ހަދަން ރިސޯޓުތަކަށް ޖާގަ ދިނުމުގެ ބާރު ވެސް ޓީއެމްއޭއަށް އޮންނަ ގޮތަށް އެތަން ދޫކުރުމާ ބެހޭ ގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އާދިލް މުޅިން ވެސް ވިދާޅުވީ، "އޭރު ގެންގުނު މޮޑެލަކީ އެހެން ބަޔަކަށް ސީޕްލޭން ޓާމިނަލް ދީގެން ހިންގުން" ކަމަށެވެ.

"އިތުރު މޮޑެލްއަކަށް މަޝްވަރާއެއް ނުކުރަން. އެއްވެސް ޑޮކިއުމެންޓެއްގައި ވެސް އިތުރު މޮޑެލްއަކަށް މަޝްވަރާ ނުކުރެވޭ. ހަމައެކަނި މޮޑެލް އަކީ ސީޕްލޭން ޓާމިނަލް ޑިވަލޮޕްކޮށްފައި ބޭނުންވާ ޖާގަ އޮޕަރޭޓަރުންނަށް ދިނުން،" އޭނާ ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލާ ގުޅޭ މަޝްވަރާތައް ފެށީ އެއާޕޯޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން، އެކި ޕްރޮޖެކްޓްތަކަށް އިކުއިޓީގެ ގޮތުގައި ބޮޑު އަދަދެއް ދައްކާށާއި ބަދަލުގެ ގޮތުގައި ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ވެސް ދޭން ޖެހުނު ދުވަސްވަރަކަށް ވުމުން ކުންފުނީގެ ކޭޝްފްލޯ ވަރަށް ތާށި ކަމަށް އާދިލް ވިދާޅުވި އެވެ. އެހެންކަމުން ޓާމިނަލް ދިނުމުގައި ބެލީ، އޭނާ ވިދާޅުވި ގޮތުގައި، އެމްއޭސީއެލަށް ވީހާވެސް ފަސޭހަވާނެ ގޮތަކަށް ފައިދާ ހޯދުމެވެ.

"އެ މަސައްކަތް ގެންދިޔަ އިރު ބަލާފައި އިންނާނީ އެވަގުތުގެ ހާލަތުގައި ކުންފުންޏަށް އެކަން ކުރެވޭނީ ކޮން މޮޑެލްއެއްގައިތޯ. އެހެންވެ އަޅުގަނޑުމެންގެ ވިސްނުން ހުރީ އަމިއްލައަށް ހިންގުމުގެ ބަދަލުގައި ކުއްޔަށްދީގެން ގެންދިއުން،" އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވި ގޮތުގައި ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ މެދު ބޯޑުގެ އިތުރުން ސަރުކާރުން ވެސް ނުޒޫފެއް ފޯރުވާފައެއް ނެތެވެ.

ހުރިހާ މަޝްވަރާއެއް ކުރީ ބޯޑުގެ ލަފައާ އެކު

އާދިލް ވިދާޅުވީ ޓީއެމްއޭއާ އެކު އެގްރީމެންޓަކާ ހަމަޔަށް ނުދެވުނު ނަމަވެސް ދޭނެ ޖާގަ އާއި ރޭޓާއި ދޭނެ މުއްދަތާ ގުޅޭ ގޮތުން ބޯޑުގައި ފުރިހަމައަށް މަޝްވަރާކުރި ކަމަށެވެ.

އެކަަމަކު މީގެ ކުރިން މާލިއްޔަތު ކޮމިޓީގައި އެމްއޭސީއެލްގެ ބޯޑު ބައެއް މެންބަރުން ވަނީ އާ ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން އެހާ ގިނަ މަޝްވަރާތަކެއް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެ މެމްބަރުން ވިދާޅުވެފައި ވަނީ ޓީއެމްއޭ އަށް ޓާމިނަލް ކުއްޔަށް ދިނުމުގެ ވާހަކަ ދެކެވުނީ އެންމެ ދެ ބައްދަލުވުމުގައި ކަމަށެވެ.

"އަޅުގަނޑު ހަދާންވާ ގޮތުން ދެ މީޓިންއަށް ވުރެ ގިނައިން މައްސަލަ [އާ ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން] ގެންދެވިފައި ހުންނާނެ،" ބޯޑުގައި ވެސް އޭރު އިންނެވި އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލްގެ ޖާގަ އަކަމީޓަރެއް 10.35 ޑޮލަރަށް ޓީއެމްއޭއަށް ދިނުމަށް ބޯޑުން ވެސް ލަފާ ދިނުމުގެ އިތުރުން އެކަމާ ގުޅޭ މަޝްވަރާތައް ވެސް ކުރި ކަމަށެވެ. އަދި ޓީއެމްއޭއާ އެކު އެމްއޭސީއެލުން ކުރި މުއާމަލާތްތައް އެ ކުންފުނީގެ ކޮމާޝަލް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރު ހުސައިން ފަޒީލު ކުރިއަށް ގެންދެވީ ވެސް ކުރީ ބޯޑުގެ މަޝްވަރާގެ މަތިން ކަމަށް ވިދާޅުވި އެވެ.

އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ކުއްޔަށް ދޭން މި ސަރުކާރުން މިހާރު ނިންމާފައި ވަނީ ކުރިން މަޝްވަރާކުރި ގޮތާ ހިލާފަށް، އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބޭ ގޮތަށެވެ. ޓީއެމްއޭއަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރެއް 10:35 ޑޮލަރަށް ދޭން ސަރުކާރުން ކަނޑައެޅީ، ކުރިން މަޝްވަރާކުރި 15 އަހަރުގެ ބަދަލުގައި، ދެ އަހަރަށް ޓދޭށެވެ. އެ ދެ އަހަރުގެ ފަހުން އެ ޓާމިނަލް ހިންގާނީ އެމްއޭސީއެލުން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ސަރުކާރުގެ ނިންމުން އެމްއޭސީއެލްގެ ބޯޑަށް ހުށައަޅާފައި ވިޔަސް އެ ބޯޑުން އަދި ވަކި ގޮތަކަށް ނިންމައި، ސޮއިކުރުމާ ހަމައަށް ގޮސްފައެއް ނުވެ އެވެ. ސަރުކާރުގެ ނިންމުމާ މެދު ޓީއެމްއޭއިން ހިތްހަމައެއް ނުޖެހެ އެވެ.