ކޮންސްޓްރަކްޝަން ދާއިރާގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ކުރަނީ

ކޮވިޑް-19 އާ ގުޅިގެން ކޮންސްޓްރަކްޝަން ދާއިރާގެ ހާލަތު ދެނެގަތުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންސީއައި) އިން ސާވޭއެއް ކުރަން ފަށައިފި އެވެ.


އެމްއެންސީއައިގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ، ކޮރޯނާވައިރަސް ރާއްޖެއަށް ފެތުރުމާ ގުޅިގެން ދަތުރު ފަތުރު ކުރުން ހުއްޓި، ކޮންސްޓްރަކްޝަން ވިޔަފާރިތަކަށް އޭގެ އަސަރު ކުރަމުންދާ ކަމަށެވެ. އަދި މި ދާއިރާ އަށް ކުރާ އަސަރު އެންމެ ފުރިހަމައަށް ދެނެގަތުމަށްޓަކައި ސާވޭއެއް ކުރަން ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ސާވޭ އަށް ބޭނުންވާ މައުލޫމާތު މާދަމާ ހަވީރު 6:00 ނިޔަލަށް ފޮނުވަން ކޮންސްޓްރަކްޝަން ކުންފުނިތަކަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ސާވޭގައި އެއްކުރާ މައުލޫމާތު

ކުންފުނީގައި މަސައްކަތް ކުރާ ދިވެހި އަދި ބިދޭސީ މުވައްޒަފުންގެ އަދަދާއި ކުންފުނިން ހިންގާ ސަރުކާރު ޕްރޮޖެކްޓްތަކުގެ އަދަދާއި ކުންފުނިން ހިންގާ އަމިއްލަ ޕްރޮޖެކްޓްތަކުގެ ތަފްސީލު އޮޅުން ފިލުވަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވަމުންދާ ކަންކަމުގައި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭ ލިބޭނެ ކަމަށް އަންދާޒާ ކުރާ ގެއްލުމުގެ މިންވަރު ބަޔާންކުރުމަށް ވެސް ސާވޭގައި އެދިފައިވެ އެވެ.

މީގެ އިތުރުން މުވައްޒަފުން އިންޝުއަރެންސް ކޮށްފައިވާކަން ނުވަތަ ނޫން ކަން ވެސް ބަޔާންކުރަންޖެހެ އެވެ.

ކޮންސްޓްރަކްޝަން ކުންފުނިތަކަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް ސަރުކާރުގެ އެހީ ހޯދުމަށް އެމްއެންސީއޭ އިން އެދެން ފެންނަ ކަންކަން ވެސް ކުންފުނިތަކުން ހިއްސާކުރުމަށް ސާވޭގައި އެދިފައިވެ އެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފަ އެވެ. މި ބައްޔާ ގުޅިގެން ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކާއި ކުންފުނިތަކަށް ބޮޑު ގެއްލުމެއް ވަނީ ކުރިމަތިވެފަ އެވެ. މިކަންކަމަށް ހައްލެއް ހޯދައި ދިނުމަށްޓަކައި ބޭންކްތައް މެދުވެރިކޮށް ހާއްސަ އިކޮނޮމިކް ޕެކޭޖުތަކެއް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.