ވެލާއިން މުސާރައާ އެކު އިތުރު އެލަވަންސެއް ދޭން ފަށައިފި

ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގައި މުވައްޒަފުން ނޯޕޭ އަށް ފޮނުވާލަން ނިންމާފައިވާއިރު ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގައި މުޅިން ތަފާތު މަންޒަރެއް ފެނިއްޖެ އެވެ. އެ ރިސޯޓުން މުވައްޒަފުންނަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަތްކެއް ނުކޮށް، އަދި ނޯޕޭ ލީވަށް ވެސް ނުފޮނުވައި އިތުރު އެލަވަންސްތަކެއް ދޭން ވަނީ ހަމަޖައްސައިފަ އެވެ.


އެ ލިޔުމުގައި ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން އެކި ރިސޯޓުގަ އާއި ރިސޯޓުން ބޭރުގައި މުވައްޒަފުން ތިބިކަން ފާހަގަ ކުރެވޭ ކަމަށާއި މި ދަނޑިވަޅު މުވައްޒަފުންނަށް ގެއްލުންވާ އެއްވެސް ކަމެއް އެ ރިސޯޓުން ނުކުރާނެ ކަމަށެވެ.

އެ ލިޔުމުގައި ބަޔާން ކޮށްފައިވާ ގޮތުގައި ރިސޯޓުން ބޭރުގައި ތިބި އެ ރިސޯޓުގެ މުވައްޒަފުންގެ ތެރެއިން 600 ޑޮލަރު (9،252ރ.) އަށްވުރެ ކުޑަ މުސާރައެއް ލިބޭ މުވައްޒަފުންނަށް ބޭސިކް މުސާރައާ އެކު 200 ޑޮލަރު (3،084ރ.) އާއި ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ ނަމަ އިތުރު 100 ޑޮލަރު (1،542ރ.) ވެސް ލިބޭނެ އެވެ. އަދި 600 ޑޮލަރަށް ވުރެ ބޮޑު މުސާރަ ލިބޭ މީހުންނަށް އިތުރު އެލަވެންސްގެ ގޮތުގައި 100 ޑޮލަރު އަދި ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް އިތުރު 100 ޑޮލަރު ލިބޭނެ އެވެ.

މީގެ އިތުރުން ރިސޯޓުގައި މި ވަގުތު ތިބި މުވައްޒަފުންގެ ތެރެއިން 1000 ޑޮލަރު (15،420ރ.) އަށްވުރެ ދަށް މުސާރަ ލިބޭ މުވައްޒަފުންނަށް ސާވިސް ޗާޖު އެލަވެންސްގެ ގޮތުގައި 500 ޑޮލަރު (7،710ރ.) އަދި ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް 100 ޑޮލަރު (1،542ރ.) ދިނުމަށް ވަނީ ނިންމައިފަ އެވެ. 1000 ޑޮލަރަށް ވުރެ ބޮޑު މުސާރައެއް ލިބޭ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 300 ޑޮލަރު (4،626ރ.) އަދި ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް 100 ޑޮލަރު ދޭން ވަނީ ނިންމައިފަ އެވެ.

ވެލާގެ މުވައްޒަފުންގެ ތެރެއިން އައުޓް ސޯސް ކުރާ މުވައްޒަފުންނާއި ވެލާއާ ގުޅިގެން ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންގެ މުސާރަ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް އެ ރިސޯޓުން ބުނެ އެވެ. މި ދަނޑިވަޅު މި މުވައްޒަފުންގެ ކޮންޓްރެކްޓްތައް ވެސް ބާތިލް ނުކުރާނެ ކަމަށް ވެލާއިން ބުންޏެވެ.

ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވެލާ އިން ބުނީ މި ދަނޑިވަޅު ރިސޯޓުތައް ބަންދުކުރި ނަމަވެސް އެ ރިސޯޓުގެ މުވައްޒަފުން ވަޒީފާއިން ވަކި ނުކުރާނެ ކަމަށެވެ. އަދި ޗުއްޓީ އާއި އޮފް ދުވަސް މިހާރު އޮންނަ އުސޫލާ އެއްގޮތަށް ބަދަލު ނުގެނެސް ލިބޭނެ ކަމަށް ވެސް ވެލާއިން ބުންޏެވެ.

ވެލާ ރިސޯޓަކީ ސާވިސް ޗާޖު ދިނުމުގައި ވެސް ނަމޫނާ ދައްކާ ރިސޯޓެކެވެ. މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ސާވިސް ޗާޖު ދޭ ރިސޯޓުތަކުގެ ލިސްޓުގެ ކުރީގައި އެ ރިސޯޓު އޮވެ އެވެ.