މަންޓާގެ ޑޮމެސްޓިކް ދަތުރުތައް މެދުކަނޑާލައި ސީޕްލޭނުން ދިވެހިން ވެސް އުފުލަނީ

މަންޓާ އެއާއިން ބ. އަދި ދ. އަތޮޅަށް ކުރަމުން އައި ޑޮމެސްޓިކް ދަތުރުތައް މާދަމާ އިން ފެށިގެން ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް ސީޕްލޭންގައި ދިވެހިންނަށް ވެސް ދަތުރުކުރެވޭނެ ކަމުގެ ޔަގީންކަން، އެ އެއާލައިނުން މިއަދު ދީފި އެވެ.


މަންޓާއިން ބުނީ ކޮވިޑް-19އާ ގުޅިގެން ދަތުރުކުރާ މީހުން މަދުވެ، މާލީ ގޮތުން އުފުލަން ޖެހޭ ބުރަ ބޮޑުވުމާ އެކު ބ. ދަރަވަންދު އާއި ދ. ކުޑަހުވަދޫ އެއާޕޯޓަށް ދަތުރުކުރުން މާދަމާ އިން ފެށިގެން މެދުކަނޑާލާނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ފަހުން އުފެއްދި އެއާލައިނުން ބުނި ގޮތުގައި ދެ އެއާޕޯޓަށް ކުރަމުން އައި ދަތުރުތައް ހުއްޓާލުމަކީ "އުނދަގޫ އެކަމަކު ވިޔަފާރީގެ ނިންމުމެކެ"ވެ. ރާއްޖޭގެ ހާލަތު ރަނގަޅުވަންދެން، އެ ދަތުރުތައް މެދުކަނޑާލާފައި އޮންނާނެ ކަމަށް ވެސް ބުންޏެވެ.

އެކަމަކު މަންޓާ އެއާއިން ދެ އަތޮޅަށް ދަތުރުކުރާ ދިވެހިންނަށް އެ އެއާލައިންގެ ސީޕްލޭން ފްލައިޓްތަކުން ޖާގަ ލިބޭނެކަމުގެ ޔަގީންކަން ދިނެވެ.

"މި އެއާލައިނުގެ ހިދުމަތް ހޯދަން އާންމުންގެ ފަރާތުން ތަކުރާރުކޮށް އެދެމުން ގެންދާތީ، ސީޕްލޭންގެ ދަތުރުތައް ކުރިއަށް ގެންދަން މިވަނީ ނިންމައިފަ އެވެ،" މަންޓާއިން ނެރުނު ބަޔާނުގައި ބުންޏެވެ.

ދެ އަތޮޅަށް ކުރާ އެ ދަތުރުތަކުގެ އިތުރުން، މަންޓާ އިން ބުނި ގޮތުގައި، އެމަޖެންސީ ފްލައިޓްތައް ވެސް ބާއްވާނެ އެވެ.

މަންޓާ އިން ބުނީ އެއާލައިންގެ ވެބްސައިޓުންނާއި ރިޒަވޭންޝަން މެދުވެރިކޮށް ވެސް ޓިކެޓް ބުކުކުރެވޭނެ ކަމަށެވެ.

އެކަމަކު ކޮރޯނާވައިރަސް ފެތުރުނަ ނުދޭން ކަމާ ބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކާއި ދޭ އިރުޝާދާ އެއްގޮތަށް އަމަލްކުރުމުގެ ގޮތުން، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރަން، މަންޓާ އިން ވެސް ވަނީ އެދިފަ އެވެ.