އައިއެމްއެފް އާއި އިންޑިޔާއިން 178.9 މިލިއަން ޑޮލަރު ލިބިއްޖެ: އެމްއެމްއޭ

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި ކަރަންސީ ސްވޮޕްއިން 178.9 މިލިއަން ޑޮލަރު (2.7 ބިލިއަން ރުފިޔާ) ލިބިއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.


އެމްއެމްއޭއިން ބުނީ މި ވަގުތު ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށެވެ. އަދި އައިއެމްއެފުން ދޭން ނިންމި 28.9 މިލިއަން ޑޮލަރު (445 މިލިއަން ރުފިޔާ) ވެސް މިހާރު ލިބިފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގަ އެވެ. މިއީ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖުގެ ތެރޭގައި ހިމެނޭ ބައެކެވެ.

އެމްއެމްއޭ އަށް ލިބުނު މި ޑޮލަރުގެ ސަބަބުން މިވަގުތު ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި އމްޕޯޓު ކުރުމަށާއި ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި އިމްޕޯޓު ކުރުމުގައި ބޭރު ފައިސާ ފޯރުކޮށްދޭނެ އެ އޮތޯރިޓީ އަށް ފަސޭހަ ވާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.

ރާއްޖޭގެ އިގްތިސާދު ދެމެހެއްޓުމަށް ސަރުކާރުން ނަގާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އެކްސްޗޭންޖު ރޭޓު ދެމެހެއްޓުމަށް ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް މާކެޓަށް ފޮރުކޮށްދޭ ފައިސާގެ އަދަދު ވެސް ވަނީ އިތުރު ކޮށްފަ އެވެ. އަދި އެމްއެމްއޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ބޭންކުތަކަށް ބޭރު ފައިސާ ފޯރުކޮށްދެވޭ ގޮތް ވެސް މިހާރު ވަނީ ރާވައިފަ އެވެ.

އެމްއެމްއޭއިން ބުނީ ރާއްޖޭގެ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރު ކޮށްފައިވާއިރު އެ އަސަރުތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ރާއްޖޭގެ އިންޓަނޭޝަނަލް ރިޒާމް ހުރީ 741.4 މިލިއަން ޑޮލަރުގަ އެވެ. ނަމަވެސް އިއްޔެގެ ނިޔަލަށް މި އަދަދު ވަނީ 882.6 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.